ޚަބަރު

އެތައް ސަތޭކަ އަހަރުވީ ބާބުރީ މިސްކިތް ތަޅައިލި ތަނުގައި އެޅި ފައްޅި ހުޅުވައިފި


  • ތަޅާލާފައިވަނީ 500 އެއްހާ އަހަރުވެފައިވާ މިސްކިތެއް

  • މިސްކިތް ތަޅާލީ 1992 ވަނަ އަހަރު ހައްދުފަހަނަ އަޅާފައިވާ ހިންދޫއިން

  • އެތަނުގައި ފައްޅި އަޅަން ބިންގާ އެޅީ ބޮޑުވަޒީރު މޯދީ،

މީގެ އެތަކެއް ސަތޭކަ އަހަރު ކުރިން އިންޑިޔާގެ އަޔޯދްޔާގެ ފެއިޒްއާބާދުގައި ބިނާ ކޮށްފައިވާ ބާބުރީ މިސްކިތް ތަޅައިލުމަށްފަހު، އެ މިސްކިތް ހުރި ބިމުގައި ބިނާކުރި ހިންދޫއިންގެ ބުދު ފައްޅި ހުޅުވައިފިއެވެ. އިންސާނުން އަމިއްލައަށް ހަދާފައިވާ ބުދުތަކަށް އަޅުކަންކުރާ ހިންދޫއިން އަޅުކަންކުރަން ހެދި ފައްޅި ރަސްމީކޮށް ހުޅުވާދެއްވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

500 އެއްހާ އަހަރުވެފައިވާ މިސްކިތް ތަޅާލުމަށްފަހު ހިންދޫއިންގެ ނުފޫޒުގަދަ އިންޑިއާ ސަރުކާރުން އެތާނގައި ބުދު ފައްޅިއެއް އަޅާފައި ވަނީ އިންޑީއާގެ އެތައް މިލިއަން މުސްލިމުން އެކަމާއި ދެކޮޅު ހަދަމުންދަނިކޮށެވެ.

ބާބުރީ މިސްކިތް ބިނާ ކޮށްފައި ވަނީ މީގެ 495 ވަރަކަށް އަހަރު ކުރިން މީލާދީން 1528 ވަނަ އަހަރު މުގަލް ހާންދާނުގެ ރަސްކަމުގައެވެ. ރަސްގެފާނު ބާބަރުގެ ނަމުގައި ބިނާ ކޮށްފައިވާ އެ މިސްކިތް ބިނާ ކޮށްފައި ވަނީ ބާބަރު ރަސްގެފާނުގެ ލަޝްކަރުގެ އިސް ޖެނެރަލެކެވެ. ނަމަވެސް، 1800ގެ އަހަރުތަކުން ފެށިގެން އިންޑިއާގެ ހައްދުފަހަނަ އަޅާފައިވާ ހިންދޫން ވަނީ އެ މިސްކިތަށް އަތްގަދަ ކުރުމުގެ މަސައްކަތް ފަށާފައެވެ.

ހިންދޫއިން ޤަބޫލުކުރާގޮތުގައި މީގެ 500 އެއްހާ އަހަރުކުރިން މިސްކިތް ބިނާކުރުމުގެ ކުރިން އެތަނުގައި ހުރީ އެމީހުންގެ ފައްޅިއެކެވެ. ނަމަވެސް އެކަން ސާބިތުކުރުމަށް ހުށަހެޅި އެއްވެސް ހެއްކެއް މުސްލިމުންގެ އިތުރުން، އާކިއޮލޮޖިސްޓުންވެސް ބަލައިގެންފައެއް ނުވެއެވެ.

ބާބުރީ މިސްކިތަށް އަތްގަދަ ކުރުމަށް ހިންދޫން އިސްވެ އަމަލީ ގޮތުން މަސައްކަތް ފަށާފައި ވަނީ 1949 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އެ މީހުން ވަނީ މިސްކިތަށް އަތްގަދަކޮށް، އެ ތަނުގެ ތެރޭގައި އެ މީހުން އަޅުކަން ކުރަން ބޭނުން ކުރާ ބުދުތައް ބަހައްޓާފައެވެ. މިއާއެކު އުފެދުނު ހަމަނުޖެހުންތަކުގައި އިންޑިޔާގެ އިދާރާތަކުން ވަނީ މުސްލިމުންގެ އަތުން އެ މިސްކިތް ފޭރިގަނެފައެވެ. އަދި، އިންޑިޔާގެ ކޯޓަކުން ވަނީ އެ މިސްކިތުގައި ބަހައްޓާފައިވާ ބުދުތައް އެ ތަނުން ބޭރު ނުކުރެވޭނެ ކަމަށް ހުކުމް ކޮށްފައެވެ.

ޝަރީއަތުގެ މަރުހަލާގެ ތެރެއިންނާއި ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެން މިސްކިތް އަނބުރާ ހޯދުމަށް އިންޑިއާގެ މުސްލިމުން އެކި ފަހަރުމަތިން މަސައްކަތްކުރިނަމަވެސް އެކަމުގައި ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އަދި 1990 ވަނަ އަހަރު އިންޑިޔާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި މިހާރު އެ ޤައުމުގައި ވެރިކަންކުރާ ބާރްތިޔަ ޖަންތާ ޕާޓީ، ބީ.ޖޭ.ޕީން ވަނީ މިސްކިތް ހުރި ތަނުުގައި ފައްޅިއެއް އެޅުމުގެ މަޝްރޫޢު އިޢުލާނު ކޮށްފައެވެ.

މި ކަމުގައި އިސްކޮށް އުޅުއްވީ ބީ.ޖޭ.ޕީގެ އެއިރުގެ ރައީސް ލާލް ކްރިޝްނާ އަދްވާނީއެވެ. އޭނާގެ އިތުރުން އޭރު ޕާޓީގެ އާއްމު މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި މިހާރު އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވާ ނަރެންދުރަ މޯދީވެސް ވަނީ މިސްކިތް ތަޅާލުމަށްފަހު، ބުދު ފައްޅި އަޅަން ތާޢީދު ހޯދުމަށް ހިންގި ހަރަކާތްތަކުގައި އިސް ދައުރެއް އަދާކޮށްފައެވެ.

މުސްލިމުންނާއި ދެކޮޅަށް އެތައް ހަމަނުޖެހުމަކާއި ލޭ އޮހޮރުވުންތަކެއް ހިންގުމަށްފަހު، ހައްދުފަހަނަ އަޅާފައިވާ ހިންދޫއިންގެ ބައިގަނޑެއް ވަނީ 1992 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހު ބާބުރީ މިސްކިތް ތަޅައި ސުންނާފަތިކޮށް، ބިމާ ހަމަ ކޮށްލާފައެވެ. މިސްކިތް ތަޅާލުމަށްފަހު ހިންގި ހަމަނުޖެހުންތަކުގައިވެސް މުސްލިމުންގެ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.

1992 ވަނަ އަހަރު މިސްކިތް ތަޅާލިނަމަވެސް، އެތަނަކީ ހިންދޫއިންގެ މިލްކެއްކަމަށް ނިންމައި، ފައްޅި ހެދުމުގެ ހުއްދަ އިންޑިއާގެ ކޯޓަކުން ދިނީ މޯދީގެ ބޮޑުވަޒީރުކަމުގައި 2019 ވަނަ އަހަރުއެވެ. މުސްލިމުން ރުޅިއަރުވަން ހެދި ފައްޅި މޯދީ ހުޅުވިއިރު، 2020 ވަނަ އަހަރު ފައްޅި އަޅަން ބިންގާވެސް އެޅީ އޭނާއެވެ.

200 މިލިއަނެއްހާ މުސްލިމުންގެ އިންޑިއާގައި އުޅޭއިރު، އަބަދުވެސް ހިންދޫންގެ ފަރާތުން އެކި ގޮތްގޮތުން ދުއްތުރާތަކާއި އަނިޔާވެރިކަން އެމީހުންނަށްކުރިމަތިވެއެވެ. އަދި 2014 ވަނަ އަހަރު މޯދީގެ ބޮޑުވަޒީރުކަން ފެށުމާއެކު އިންޑިޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އިތުރު ވެފައިވާކަން ބައިނަލްއަޤްވާމީ ޖަމުއިއްޔާތަކާއި މީޑިއާތަކުންވެސް ފާހަގަކުރެއެވެ.