ފަހިދިރިއުޅުން ކޯރޕަރޭޝަނުން ހުޅުމަލޭގައި ހަދަމުންދާ ފްލެޓޫތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ކަންކަން ނިމޭތާ، 3 ދުވަހުގެ ތެރޭގައި އެގްރިމަންޓުގައި ސޮއިކުރަން ފަށާނެކަމަށް އެ ކޯރޕަަރޭޝަނުން ބުނެފިއެވެ.
އެފް.ޑީ.ސީއިން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އެކޯރޕަރޭޝަނުން އާއްމުކުރި ވީޑިއޯއެއްގައެވެ. އެގޮތުން، މިހާރު ފްލެޓު ލިބޭ މީހުންނާއެކު އެގްރިމަންޓުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ ގޮތުން އެ އެގްރިމަންޓުތައް ޕްރިންޓްކޮށް ނިމިފައިވާ ކަމަށް އެފް.ޑީ.ސީއން ބުންނެވެ. އެހެންކަމުން ލިސްޓުގެ ކަންކަން ނިމުމާއެކު ސޮއިކުރުމުގެ މަސައްކަތް ފެށޭނެކަމަށް ވަނީ ބުނެފައެވެ.
ފްލެޓުތަކުގެ އެގްރިމަންޓުތަކުގައި ސޮއިކުރަން ނުފެށެނީ އެ ފްލެޓުތައް ލިބުނު ފަރާތްތަކުގެ ލިސްޓާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ތަޙުޤީގު ކުރަމުންދާތީއެވެ. އެ މައްސަލަ ވީހާވެސް އަވަހަށް ތަޙުޤީގުކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހިދިރިއުޅުން ކޯރޕަރޭޝަނުން އަންނަނީ ހުޅުމާލޭގައި 4000 ފްލެޓުގެ މަސައްކަތް ކުރަމުންނެވެ. އެ ފްލެޓުތަކަށް ހުށަހެޅި މީހުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު 4000 މީހުންނަށް ފްލެޓުތައް ދިނުމަށް ނިންމާފައިވާއިރު ޝަކުވާތަކާ ގުޅިގެން އޭސީސީން ވަނީ އެ ފްލެޓުތައް ޙަވާލުކުރަން މަޑުޖައްސާލަން އަންގަވާފައެވެ.