ގދ. ތިނަދޫއާއި ކާޑެއްދޫ ގުޅާލާލުމަށް އަޅާ ބްރިޖުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ފައްޓަވައިފިއެވެ.
ބްރިޖުގެ މަސައްކަތް ފެށުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ އެކަމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ކުރިއަށްގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ކާޑެއްދޫގައި ހިންގަމުންދާ އެއާޕޯޓް ބައިނަލްއަގްވާމީ ފެންވަރަށްކޮށް، ބުރިޖަކުން ތިނަދޫއާ ގުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ގދ. ތިނަދޫއާއި ކާޑެއްދޫ ގުޅާލާލުމަށް ކުރިއަށްގެންދާ ބްރިޖުގެ މަޝްރޫޢަކީ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢުއެއްކަމަށެވެ.
ބްރިޖާގުޅޭ ދިރާސާތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިހާރު ވަނީ މި މަޝްރޫޢުގެ ޕްރިލިމިނަރީ ސަރވޭ، އެސެސްމެންޓްސް އެންޑް ފީސިބިލިޓީ ސްޓަޑީގެ ކޮންސަލްޓަންސީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ. އަދި މި މަސައްކަތަށް ބަޔަކު ހޮވާނީ މަސައްކަތުގެ ކޮލިޓީ އާއި އަގަށް ރިއާޔަތްކޮށްކަމަށެވެ.
މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ކިބައިގައި، މި މަސައްކަތާއި ގުޅޭ ތަޖުރިބާ ހުންނަންޖެހެއެވެ. އަދި މި މަސައްކަތަށް ބަޔަކާއި ގުޅިގެން ޕްރޮޕޯސަލްތައް ހުށައެޅޭނެކަމަށްވެސް އިއުލާންގައިވެއެވެ.
ތިނަދު އާއި ކާޑެއްދުއާ ދެމެދު އަޅާ ބްރިޖުގެ ދިގުމިނުގެ ގޮތުގައި ލަފާކޮށްފައިވަނީ 3 ކިލޯ މީޓަރާއި 3.5 ކިލޯ މީޓަރާއި ދެމެދުގެ ދިގުމިނެކެވެ. އަދި ބްރިޖުގެ އިތުރަށް ހައިވޭ ލިންކް ރޯޑެއް ހިމަނަން ޖެހިދާނެކަމަށް ޓާމްސް އޮފް ރިފަރެންސްގައިވެއެވެ.
ތިނަދޫ-ކާޑެއްދޫ ބްރިޖުގެ ދިރާސާތައް ހަދަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ 12:00 އެވެ. އެ ވުޒާރާއިން ވިދާޅުވީ ޕްރޮޕޯސަލް ހުށަހަޅަން ދައުވަތު ދޭނީ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ކުންފުނިތަކަށް އެކަނި ކަމަށެވެ.
މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުން މި ބްރިޖް އެޅުމުގެ މަޤްޞަދަކީ ތިނަދޫ އާއި ކާޑެއްދޫއާ ދެމެދު މިހާރަށް ވުރެ ރައްކާތެރި ގޮތަކަށް ދަތުރު ކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުންކަމަށެވެ. އަދި އެއް ރަށުން އަނެއް ރަށަށް މީހުންނާއި މުދާ ގެންދިއުމަށް ހޭދަވާ ވަގުތު ކުޑަކުރުމަކީވެސް މި ބްރިޖް އެޅުމުގެ ބޭނުމެކެވެ.