ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އޭގައި ތިބި ޔޫކްރެއިންގެ ގިނަ ޢަދަދެއްގެ އަސީރުންތަކެއް މަރުވެއްޖެއެވެ.
ރަޝިޔާގެ އަސްކަރިއްޔާއިން ބުނީ މަތިންދާބޯޓުގައި ޔޫކްރެއިންގެ 65 އަސީރުންނާއި ރަޝިޔާގެ ތިން ސިފައިންނާއި ހަ ފަޅުވެރިން ތިބި ކަމުގައެވެ. ބޯޓު ވެއްޓިފައި ވަނީ ޔޫކްރެއިނުން ދިން ޙަމަލާއަކާ ގުޅިގެން ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ.
ބޯޓަށް ޙަމަލާ ދީފައި ވަނީ ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަޝިޔާގެ ސަރަޙައްދެއް ކަމުގައިވާ ބިޔެލްގޮރޮދަށް އަސީރުން ގެންދިޔުމުގެ މަގުމަތީގައި ކަމަށް ރަޝިޔާއިން ބުނެއެވެ. އެ މީހުން ބިޔެލްގޮރޮދަށް ގެންދަން މަސައްކަތް ކޮށްފައި ވަނީ ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު އެކުލަވާލާފައިވާ އަސީރުން ބަދަލު ކުރުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
"އެ އުޅަނދުގައި ތިބީ ޔޫކްރެއިންގެ އަސީރުން ކަމާއި އެ މީހުން މިއަދުގެ ވަޤުތެއްގައި ބިޔެލްގޮރޮދަށް ގެންދަން ހަމަޖެހިފައިވާ ކަން އެ ޤައުމުގެ ސަރުކާރަށް އިނގޭނެ. އަސީރުން ބަދަލު ކުރުމަށް ހަމަޖެހިފައި އޮތީ ކަލޭޓިލޮފްކާ ސަރަޙައްދީ ހުރަސް ކައިރީގައި. އެ ބޯޓަށް ޙަމަލާ ދިނުމުން ޔޫކްރެއިން ސަރުކާރުގެ ހަޤީޤީ ސިފަ ހާމަވެއްޖެ،" ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އަސީރުން ތިބި އުޅަނދަށް ދީފައިވާ ޙަމަލާއަކީ ވަރަށް ލާއިންސާނީ އަމަލެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ އިސް މުޝީރު މިޚައިލޯ ޕޮދޮލްޔަކް ވަނީ މި ތުހުމަތުތަކާ ގުޅޭ މަޢުލޫމާތު އެއް ކުރަމުންދާ ކަމަށާއި، ބޯޓު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަ ކުރެވެން ނެތް ކަމުގައެވެ.
ޔޫކްރެއިންގެ ޖާސޫސީ އިދާރާގެ ތަރުޖަމާނު އަންދްރީ ޔޫސޮވް ވަނީ، ދެ ޤައުމުގެ ދެމެދުގައި އަސީރުން ބަދަލު ކުރުމުގެ އެއްބަސްވުމެއް އެކުލަވައިލާފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން އަސީރުން ބަދަލު ކޮށްފައި ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ޔޫކްރެއިންގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ އަސީރުން ތިބި މަތިންދާބޯޓަށް ޙަމަލާއެއް ދީފައިވާ ކަމުގެ ފުރިހަމަ މަޢުލޫމާތު ލިބިފައި ނުވާ ކަމަށް ބުނެފައެވެ.
ނަމަވެސް، ރަޝިޔާގެ އަސްކަރީ މަތިންދާބޯޓަކަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ޙަމަލާ ދީފައިވާ ކަމަށް ޔޫކްރެއިންގެ މީޑިޔާއަކުން ރިޕޯޓު ކޮށްފައިވެއެވެ. އުކްރަވިންސްކާ ޕްރާވްދާ މީޑިޔާއިން ބުނީ، އެސް-300 މަރުކާގެ މިސައިލްތަކަކާ އެކު ދަތުރު ކުރަމުން ދިޔަ ރަޝިޔާގެ އަސްކަރިއްޔާގެ މަތިންދާބޯޓަކަށް ޔޫކްރެއިންގެ ފައުޖުން ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. ނަމަވެސް، ފަހުން އެ މީޑިޔާއިން ވަނީ އެ ރިޕޯޓުތައް އަނބުރާ ނަގާފައެވެ.
މަތިންދާބޯޓު ވެއްޓޭ މަންޒަރު ފެންނަ ވީޑިޔޯއެއް ރަޝިޔާގެ ސަލާމަތީ ބާރުތަކުން ހިންގާ ޓެލެގްރާމް ޗެނަލެއްގައި ވަނީ ޝާއިޢު ކޮށްފައެވެ. އެ ވީޑިޔޯއިން ފެންނަ ގޮތުގައި، އަލިފާން ރޯވެފައިވާ މަތިންދާބޯޓު ވެއްޓިފައި ވަނީ ބިޔެލްގޮރޮދުގެ ޔާބްލޮނަވާ އަވަށަށެވެ. ބިންމަތީގައި ޖެހުމާ އެކު ބޯޓުގައި ބޮޑު ގޮވުމެއް ގޮވާ މަންޒަރު ވީޑިޔޯއިން ފެނެއެވެ.