ޚަބަރު

ސޫދާން ހަމަނުޖެހުމުގައި މަރުވި މީހުންގެ ޢަދަދު 13,000އަށް


ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުމުގައި މަރުވެފައިވާ މީހުންގެ ޢަދަދު 13,000އަށް އަރާފައިވާ ކަމުގައި އދން ބުނެފިއެވެ. ސޫދާންގެ އަސްކަރިއްޔާއާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)އާ ދެމެދު އުފެދުނު ދެބަސްވުންތަކެއް ހަމަނުޖެހުންތަކަކަށް ބަދަލުވެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. އާރްއެސްއެފްގެ ފައުޖުން ވަނީ ވެެރިރަށް ޚަރްތޫމަށް އަރައި އަސްކަރިއްޔާގެ އިސް މަރުކަޒުތައް އެ ފައުޖުގެ ބާރުގެ ދަށަށް ގެންނަން މަސައްކަތް ކޮށްފައެވެ.

އިންސާނީ އެހީގެ ކަންކަން ވިލަރެސްކުރާ އދގެ އިދާރާއިން ބުނީ ދެ ފަރާތުގެ ދެމެދުގައި ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު 13,000 އުފުލިފައިވާ ކަމަށާއި ޒަޚަމުވެފައިވާ މީހުންގެ ޢަދަދު 26,000އަށް އަރާފައިވާ ކަމުގައެވެ. އަދި ހަމަނުޖެހުންތަކުގެ ސަބަބުން 7.6 މިލިޔަން މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައިވާ ކަމުގައި އެ އިދާރާއިން ބުންޏެވެ.

އެ ހަމަނުޖެހުންތަކުގެ ދެ ފަރާތުގައި ތިބީ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޢަބްދުލްފައްތާޙް އަލް-ބުރްހާނާއި އާރްއެސްއެފްގެ އިސްވެރިޔާ ޖެނެރަލް މުޙައްމަދު ހަމްދާން ދަގަލޯއެވެ. ޚަރްތޫމްގެ ބައެއް ސަރަޙައްދުތައް މިހާރު އޮތީ އާރްއެސްއެފްގެ ބާރުގެ ދަށުގައެވެ.

އިންސާނީ އެހީގެ ކަންކަން ވިލަރެސްކުރާ އދގެ އިދާރާއިން ބުނީ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ސޫދާންގެ ޢާންމު ރައްޔިތުންގެ ތެރެއިން 7.6 މިލިޔަން މީހުން ހާލުގައި ޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ޤައުމުތަކަށް ހިޖުރަ ކޮށްފައިވާ ކަމުގައެވެ.

ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތަކުގެ އިތުރުން ސޫދާންގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ ކަމުގައި ވެސް އދގެ އިދާރާއިން ބުންޏެވެ. އެ ގޮތުން ސޫދާންގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮލެރާ ހަލުވިކަމާ އެކު ފެތުރެމުންދާ ކަމަށާއި ބަލީގެ އަސަރު ކޮށްފައިވާ މީހުންގެ ޢަދަދު 9,700 އަރާ ކަމުގައި އެ އިދާރާއިން ބުންޏެވެ. އެ ބަލީގައި މަރުވެފައިވާ މީހުންގެ ޢަދަދު ވަނީ 269އަށް އަރާފައެވެ.

ބުރްހާނާއި ދަގަލޯގެ ފައުޖުތަކާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ދެ ފަރާތުން އެތަކެއް ފަހަރަކު އެއްބަސްވެފައިވެއެވެ. ނަމަވެސް، ދެ ފަރާތުން ވެސް އެއްބަސްވުންތަކަށް ޢަމަލު ކޮށްފައެއް ނުވެއެވެ.

މި ދަނޑިވަޅުގައި ސޫދާނުގެ ސަރުކާރުން ވަނީ އެފްރިކާ ޤައުމުތަކުގެ ތަރައްޤީއާއި ވިޔަފާރީގެ ގުޅުން - އިންޓަގަވަމެންޓަލް އޮތޯރިޓީ އޮން ޑިވެލޮޕްމަންޓް (އައިޖީއޭޑީ)ން ވަކިވާން ނިންމައި އެ ކަން އިޢުލާނު ކޮށްފައެވެ. އެ ކަން އިޢުލާނު ކޮށްފައި ވަނީ ބުރްހާނުގެ ބާރުގެ ދަށުން ހިންގާ ސަރުކާރުގެ ޚާރިޖީ ވުޒާރާއިންނެވެ.

ބުރްހާނުގެ ސަރުކާރުން ބުނީ، އައިޖީއޭޑީން ވަކިވާން ނިންމާފައި ވަނީ އެ އިއްތިހާދުގެ އަށް ޤައުމަކުން ސޫދާނުގެ ދާޚިލީ މައްސަލަތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާތީ ކަމުގައެވެ. ދާދި ފަހުން އެ އިއްތިހާދުން ވަނީ ޔުގާންޑާގެ ވެރިރަށް ކަމްޕާލާގައި ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު އާރްއެސްއެފްގެ އިސްވެރިޔާ ދަގަލޯއަށް އެރުވުމުން ބުރްހާނުގެ ސަރުކާރުން ވަނީ އެ ކަމާ މެދު ނުރުހުން ފާޅު ކޮށްފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވާން ދެކޮޅު ހަދާފައެވެ.