ޣައްޒާގައި ހުންނަ އދގެ މަރުކަޒަކަށް ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތަކުން ރަޙުމު ކުޑަ ޙަމަލާތަކެއްދީ ގިނަ ޢަދަދެއްގެ ޢާންމުން ޝަހީދުކޮށްލާފައިވާ ކަމުގައި އދން ބުނެފިއެވެ. އދން ބުނީ ޔަހޫދީން ޙަމަލާ ދީފައިވާ މަރުކަޒުގައި ފަލަސްޠީނުގެ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ތިބި ކަމުގައެވެ. އެ ތަނުގައި ތިބީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންނެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ މަރުކަޒުގައި 30,000އަށްވުރެ ގިނަ މީހުން ތިބި ކަމުގައި އދން ބުނެއެވެ. އެ ތަނަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދިނުމުން ޔަހޫދީންގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެ ޢަމަލު ކުށްވެރިކޮށްފައެވެ.
ނަމަވެސް ޔަހޫދީން ވަނީ އެ ކަމުން ރެކެން ބަހަނާ ދައްކަން ފަށާފައެވެ. އެ ތަނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީ ފައުޖުން ކަމުގައި އެ ތަނުގައި ތިބި އދގެ މުވައްޒަފުން ވިދާޅުވަމުން ގެންދެވި ނަމަވެސް ޔަހޫދީން ދަނީ އެ ކަން ދޮގު ކުރަމުންނެވެ. އަދި އދގެ މަރުކަޒަށް ޙަމަލާ ދީފައި ނުވާނެ ކަމަށާއި އެ މަރުކަޒަށް ދީފައިވާ ޙަމަލާތަކުގެ ފަހަތުގައި ވަނީ ޙަމާސް ޖަމާޢަތް ކަމަށް ބުނަމުންނެވެ. ނަމަވެސް މިއީ ޔަހޫދީ ފައުޖުން އދގެ މަރުކަޒަކަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ.
"ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޝަހީދު ކޮށްލާފައި. ގިނަ ބަޔަކު ވަނީ ޒަޚަމު ކޮށްލާފައި. ޔަހޫދީންގެ ޙަމަލާތަކުން ސަލާމަތް ވާން މި ތަނުގައި ތިބި ގިނަ ޢަދަދެއްގެ ބަޔަކު ދަނީ މި ތަނުން ދިޔުމަށް ވެސް މަސައްކަތް ކުރަމުން. ނަމަވެސް، ޙަމަލާތަކާ ގުޅިގެން އެ ކަން ވެސް ނުކުރެވޭ،" ފަލަސްޠީނުގެ ސަރަޙައްދުތަކަށް ކަނޑައަޅާފައި ހުންނަވާ އދގެ އިންސާނިއްޔަތާ ބެހޭ ކޯޑިނޭޓަރު ޖޭމްސް މެކްގޯލްޑްރިކް ވިދާޅުވިއެވެ.
ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާގެ މުވައްޒަފެއް ކަމުގައިވާ ތޯމަސް ވައިޓް ވިދާޅުވީ ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތަކުން އދގެ މަރުކަޒަށް ޙަމަލާ ދީފައިވާ ކަމަށާއި އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ 800އަށްވުރެ ގިނަ މީހުން ތިބި ޢިމާރާތަކަށް ކަމުގައެވެ. އެ ޢިމާރާތުން އެކަނިވެސް ނުވަ މީހުން ޝަހީދުވެފައިވާ ކަމަށާއި 75 މީހުން ޒަޚަމުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
"ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު، އަދި ޒަޚަމު ކޮށްލާފައިވާ ޢަދަދު އެއަށްވުރެ އިތުރުވާނެ. އެއީ އދގެ މަރުކަޒެއް ކަން ސާފުކޮށް އިނގޭނެ. ބޭރުގައި އެ ކަން ސާާފުކޮށް ލިޔެފައި އޮންނާނެ. އެ ތަން ހުންނަ ތަނާއި، އެ ތަނާ ބެހޭ މަޢުލޫމާތު ޔަހޫދީ ސަރުކާރާ ވާނީ ހިއްސާ ކޮށްފައި. ނަމަވެސް، ޔަހޫދީން އެ ދަނީ ހަނގުރާމައިގެ އާންމު އުސޫލުތަކާ ޚިލާފަށް އެ ތަނަށް ޙަމަލާ ދެމުން،" ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އޭޖެންސީގެ އިސްވެރިޔާ ފިލީޕޯ ލަޓްޒަރީނީ ވިދާޅުވިއެވެ.
އެމެރިކާއިން ވެސް އދގެ މަރުކަޒަށް ދީފައިވާ ޙަމަލާތައް ކުށްވެރި ކޮށްފައެވެ. "ޚާން ޔޫނިސްގައި ހުންނަ އދގެ މަރުކަަޒަށް ދީފައިވާ ޙަމަލާތައް ކުށްވެރި ކުރަން. ޢާންމުންގެ ފުރާނަ ރައްކާތެރި ކޮށްދޭން ޖެހޭނެ. އދގެ މަރުކަޒުތަކަށް އިޙުތިރާމު ކުރަން ޖެހޭނެ. އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރި ކަން ކަށަވަރު ކޮށްދޭން ޖެހޭނެ،" އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާންތް ޕަޓޭލް ވިދާޅުވިއެވެ.
އދގެ މަރުކަޒުތަކަށް ދީފައިވާ ޙަމަލާތަކުން ރެކެން ޔަހޫދީން ބުނީ، އެ މަރުކަޒު ހުންނަ ސަރަޙައްދުގައި ޙަމާސް ޖަމާޢަތުގެ މުޖާހިދުން ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި އެމެރިކާގެ ނުރުހުމާއި ފާޑު ކިޔުންތަކާ އަމާޒުވުމުން، ޔަހޫދީން ބުނީ އދގެ މަރުކަޒަށް ޔަހޫދީ ފައުޖުގެ ސިފައިން ޙަމަލާ ދީފައިވާ ކަމުގެ އެއްވެސް ހެއްކެއް، ނުވަތަ މަޢުލޫމާތެއް ނެތް ކަމުގައެވެ. އަދި އެ ތަނަށް ޙަމަލާ ދީފައި ވަނީ ޙަމާސުން ކަމަށް ބެލެވޭ ކަމުގައި ވެސް ޔަހޫދީން ބުނެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި 210 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 25,700 އަށް އުފުލިފައެވެ. އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 63,000 އަށް އަރައެވެ. ޔަހޫދީން ފަހަކަށް އައިސް ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ރެފިއުޖީން ތިބި ޢިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.