ޚަބަރު

ރަތް ކަނޑުގައި ޙޫޘީން ދެމުންދާ ޙަމަލާތައް ވަރުގަދަކޮށްފި


ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ދެމުންދާ ލާއިންސާނީ ޙަމަލާތައް ހުއްޓުވުމަށް ބާރުއެޅުމަށް ޔަމަނުގެ ޙޫޘީ ޖަމާޢަތުން ރަތް ކަނޑުގައި ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޙޫޘީން ވަނީ ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އުޅަނދުތަކަށް އަދި ޔަހޫދީންގެ ރަށްތަކަށް މުދާއުފުލާ އުޅަނދުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙަމަލާ ދޭން ފަށައިފައެވެ. އޭގެ އިތުރުން ޙޫޘީން ވަނީ ޔަހޫދީ މަހުޖަނެއްގެ އާގުބޯޓެއް ހިފަހައްޓައި ޔަމަނުގެ ޙުދައިދާގެ ބަނދަރަށް ގެންގޮސްފައެވެ. ޙޫޘީންގެ ޙަމަލާތަކުގެ ސަބަބުން ޔަހޫދީންނަށް ވަނީ ބޮޑެތި އިޤްތިޞާދީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ އިލިއާތުގެ ބަނދަރަށް އެކަނި ވަނީ ތިން ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައެވެ.

ޔަހޫދީންނަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތްކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ރަތް ކަނޑަށް މަނަވަރުތައް ފޮނުވައި ޙޫޘީންގެ މަޤާމުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދޭން ފަށައިފައެވެ. ނަމަވެސް ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރުތަކަށް ވެސް ޙޫޘީންގެ ޙަމަލާތައް ހުއްޓުވިފައެއް ނުވެއެވެ. ޙޫޘީން ވަނީ އެ ޖަމާޢަތުގެ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ/ އެ ގޮތުން ރަތް ކަނޑުން ދަތުރުކުރަމުންދިޔަ ޚަރަފިގޫރާ ކުންފުނީގެ ތެޔޮ ޓޭންކަރަކަށް ޙޫޘީން ދިން ޙަމަލާއެއްގައި އެ އުޅަނދުގައި އަލިފާން ރޯވެ ގެއްލުންތަކެއް ވަނީ ލިބިފައެވެ. އޭގެ އިތުރުން ޙޫޘީންގެ ޙަމަލާތަކަށް ފަސްޖެހި އެހެން އުޅަނދުފަހަރުތައް ވަނީ ދަތުރުކުރަމުންދިޔަ މަގު ބަދަލުކޮށްފައެވެ.

ޙޫޘީން ވަނީ ޔަމަނުގެ ޢަދަން ކައިރިން ދަތުރުކުރަމުންދިޔަ ގިނަ ޢަދަދެއްގެ އާގުބޯޓުފަހަރަށް ވެސް ޙަމަލާ ދީފައެވެ. އޭގެ ތެރެއިން އިނގިރޭސިވިލާތުގެ ބޯޓަކަށް އަމާޒުވި ޙަމަލާގެ ސަބަބުން އޭގައި އަލިފާން ރޯވެފައިވާކަން އެ ޤައުމުގެ ރަސްމީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޙޫޘީން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ރަތް ކަނޑުގެ ބަދަލުގައި ގިނަ އާގުބޯޓުތައް މިހާރު ދަތުރުކުރަނީ ދެކުނު އެފަރިކާ ވަށައިލައިގެންނެވެ. އެ ދަތުރަށް އިތުރު 10 ދުވަސް ހޭދަވެއެވެ. އަދި ދުވާލެއްގެ މައްޗަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ ތެޔޮ ބޭނުންކުރަން ޖެހެއެވެ. އެހެންކަމުން ޙޫޘީންގެ ޙަމަލާތައް ދިގުދެމިގެން ގޮސްފިނަމަ އޭގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެއެވެ.