އީރާނުގެ އިރުދެކުނުގައި ޕާކިސްތާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ބަޑިޖަހައި ބޭރު ޤައުމަކަށް ނިސްބަތްވާ ނުވަ މީހުން މަރައިލައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ އީރާންގެ ސިސްތާން-ބިލޫޝިސްތާން ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ސަރަވާންގައެވެ. މަންޒަރު ފެނުނު މީހުން ބުނީ، ހަތިޔާރު އަޅައިގެން ތިބި ބަޔަކު އެ ރަށުގެ ސިރްކާން އަވަށުގައި ހުންނަ ގެއަކަށް ވަދެ، އެ ގޭގައި ތިބި މީހުންނަށް ބަޑިން ޙަމަލާދީ މަރައިލާފައިވާ ކަމުގައެވެ.
މި ޙަމަލާގައި މަރުވެފައި ވަނީ ބޭރު ޤައުމަކަށް ނިސްބަތްވާ ބައެއް ކަން ސާފުވެފައިވީ ނަމަވެސް، އެއީ ކޮން ޤައުމަކަށް ނިސްބަތްވާ ބައެއް ކަން ސާފެއް ނޫނެވެ. އެއްެވެސް ފަރާތަކުން މި ޙަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. މި ޙަމަލާ ދީފައި މި ވަނީ، އީރާނާއި ޕާކިސްތާނާ ދެމެދު މަސްރަޙު ހޫނުވެ، ދެ ޤައުމުގެ އަސްކަރިއްޔާއިން ޙަމަލާތަކެއް ބަދަލު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޖަނަަވަރީ 16 ވަނަ ދުވަހު އީރާނުގެ އަސްކަރިއްޔާއިން ވަނީ ސިސްތާން-ބިލޫޝިސްތާން ޕުރޮވިންސާ އިންވެގެން އޮންނަ ޕާކިސްތާނުގެ ބަލޯޗިސްތާން ޕުރޮވިންސަށް މިސައިލް ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޕާކިސްތާނުގައި ޙަރަކާތްތެރިވަމުން ދިޔަ ޖަޔިޝް އަލް-ޢަދްލް ޖަމާޢަތުގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ކަމުގައި އީރާނުން ބުނެއެވެ.
އޭގެ ދެ ދުވަސް ފަހުން ޕާކިސްތާނުގެ އަސްކަރިއްޔާއިން ވެސް ވަނީ ސިސްތާން-ބިލޫޝިސްތާން ޕުރޮވިންސަށް ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާނުގައި ޙަރަކާތްތެރިވަމުން ދިޔަ ބަލޯޗް ލިބަރޭޝަން ފްރޮންޓާއި ބަލޯޗް ލިބަރޭޝަން އާމީގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ކަމުގައި ޕާކިސްތާނުން ބުނެއެވެ.
މި ޙަމަލާތަކާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުންތަކަށް އަސަރު ކުރިއެވެ. އަދި، ދެ ޤައުމުން ވެސް ވަނީ އެ ޤައުމުތަކުގެ ސަފީރުން އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށް ފަހު، ސަފީރުން އަނބުރާ ފޮނުވުމަށް މިހާރު އޮތީ ނިންމާފައެވެ.
އީރާނާއި ޕާކިސްތާނާ ދެމެދު ގޯސްވެފައިވާ ގުޅުންތައް ބަދަހިކޮށް، މައްސަލަތައް ޙައްލު ކުރުމާ ގުޅޭ މަޝްވަރާތަކެއް ބޭއްވެވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ ޖަނަވަރީ 29 ވަނަ ދުވަހު ޕާކިސްތާނަށް ވަޑައިގަންނަވާނެ ކަމުގައި ޕާކިސްތާނުން ހާމަކޮށްފައިވެއެވެ. އޭނާ ޕާކިސްތާނަށް ވަޑައިގަންނަވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޖަލީލް އައްބާސް ޖިލާނީގެ ދަޢުވަތަކަށެވެ.