ޚަބަރު

ޙޫޘީންގެ ޙަމަލާތައް ހުއްޓުވަން ޗައިނާއިން އީރާނަށް ބާރުއަޅަނީ


ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ ޔަޙޫދީންނާ ގުޅުން އޮންނަ އުޅަނދުފަހަރަށް ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލާތައް ހުއްޓުވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން އީރާނުގެ ކިބައިން އެދެފިއެވެ. އީރާނުން ވާގިވެރިވާ ކަމަށް ބެލެވޭ ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާ ގުޅުން އޮންނަ އުޅަނދުފަހަރަށާއި ޔަހޫދީންގެ ރަށްތަކަށް މުދާ އުފުލާ އާގުބޯޓުފަހަރަށެވެ.

ޙޫޘީންގެ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ޗައިނާއިން އީރާނުގެ އެހީތެރިކަމަށް އެދިފައިވާކަން ހާމަކޮށްފައި ވަނީ އީރާނުގެ ސަރުކާރުގެ އިސްވެރިންތަކެކެވެ. ނަމަވެސް، އެ މީހުންގެ ނަން ހާމަ ކޮށްފައެއް ނުވެއެވެ. އެ މީހުން ބުނީ ޙޫޘީންގެ ޙަމަލާތައް ހުއްޓުވުމަށް އެ ޤައުމުން ޗައިނާއަށް އެހީތެރިކަން ފޯރުކޮށް ނުދީފި ނަމަ ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ ޗައިނާއިން އިންޒާރު ދީފައިވާ ކަމުގައެވެ.

ޙޫޘީންގެ ޢަމަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޗައިނާއާއި އީރާނުގެ ސަރުކާރުގެ މަންދޫބުން އެކި ފަހަރުމަތިން ބެއިޖިންގާއި ތެހެރާނުގައި ބައްދަލު ކޮށްފައިވާ ކަމުގައި އީރާނުގެ މަސްދަރުކަތުން ބުންޏެވެ. އެ މީހުން ބުނީ ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ޗައިނާގެ ވިޔަފާރިއަށް އަސަރު ކުރާ ނަމަ އެ ކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޗައިނާއިން އިންޒާރު ދީފައިވާ ކަމުގައެވެ. އަދި އެ ފަދަ ޙާލަތަކަށް ކަންކަން ބަދަލުވުމުގެ ކުރިން ހޫޘީންގެ ޢަމަލުތައް ހުއްޓުވަން ޗައިނާއިން އީރާނަށް ބާރު އަޅާފައިވާ ކަމުގައެވެ.

ރަތް ކަނޑަކީ އޭޝިޔާގެ ޤައުމުތަކާއި ވިލާތުގެ ޤައުމުތަކުގެ މެދުގައި ވިޔަފާރި މުދާ ބަދަލުކުރާ މައި މަގެކެވެ. ޗައިނާގެ ގިނަ ޢަދަަދެއްގެ އާގުބޯޓުފަހަރު ކޮންމެ ދުވަހަކު ވެސް ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރެއެވެ. ނަމަވެސް ޙޫޘީންގެ އެއްވެސް ޙަމަލާއެއް ޗައިނާގެ އުޅަނދަކަށް އަމާޒުކޮށްފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީންނާއި ގުޅުން އޮތް އުޅަނދުފަހަރަށާއި އެމެރިކާއާއި އިނގިރޭސިވިލާތާ ގުޅުން އޮތް އުޅަނދުފަހަރަށެވެ.

ޗައިނާއާއި އީރާނާ ދެމެދު ވިޔަފާރީގެ ގޮތުން ގާތް ގުޅުންތަކެއް ބާއްވާކަން ފާހަގަ ކޮށްލަން ޖެހެއެވެ. ހުސްވި އަހަރު އީރާނުން ބޭރުކޮށްފައިވާ ސާފުނުކުރާ ތެލުގެ 90 އިންސައްތަ ގަނެފައި ވަނީ ޗައިނާއިންނެވެ. ނަމަވެސް އެއީ ޗައިނާއިން އަހަރެއްގެ މައްޗަށް ގަންނަ ސާފުނުކުރާތެލުގެ އެންމެ 10 އިންސައްތައެވެ. އީރާނުން ގަންނަ ތެޔޮ ޗައިނާއަށް އުފުލާ ޓޭންކަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޗައިނާއިން ވަރަށް ބޮޑު އިސްކަމެއް ދެއެވެ. އަދި ޙޫޘީންގެ ޙަމަލާތައް ހުއްޓުވަން ޗައިނާއިން އީރާނަށް ބާރުއަޅަމުން ދަނީ އެ ސަބަބާ ގުޅިގެން ކަމަށް ބެލެވެއެވެ.

ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައެވެ. އެ ޙަމަލާތަކުގެ ބޭނުމަކީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމަށް ބާރު އެޅުމެވެ. ނަމަވެސް ހޫޘީންގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން މިހާރު ދަނީ ޔަމަނަށް ބޮން އަޅަމުންނެވެ.