ޚަބަރު

ހަނިމާދޫގެ އެއަރޕޯޓްގެ މުޅި ރަންވޭގެ މަސައްކަތް މާރޗްމަހުގެ ނިޔަލަށް ނިންމަނީ


  • މިއަދު ބޭނުން ކުރަން ފެށީ އައު ރަންވޭގެ 1200 މީޓަރު

  • ރަންވޭ ބޭނުންކުރަން ފަށާފައިވަނީ ރޭގަނޑުވެސް ފްލައިޓް ޖެއްސޭނެ ގޮތަށް

  • މިސަރަޙައްދުގައި ފަތުރުވެރިކަން ފުޅާކުރުމަށް އަންނަނީ މަސައްކަތް ކުރަމުން

ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ މާރޗްމަހުގެ ނިޔަލަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން މިހެން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދުވަނީ އެއަރޕޯޓުގެ 1200 މީޓަރު ސަރަޙައްދު ބޭނުންކުރަން ފަށާފައެވެ. އަދި މިބައި ބޭނުންކުރަން ފަށާފައިވަނީ ރަންވޭގެ ބާކީ އޮތް ބައި
ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ކުރީގެ ރަންވޭ ރަންވޭ ތަޅާލުމަށްފަހު ކަމަށް ވާތީއެވެ. ރަންވޭގެ މިބައ ބޭނުންކުރަން ފަށާފައިވަނީ ރޭގަނޑަށްވެސް ފްލައިޓް ޖެއްސޭނެގޮތަށް އޮޕަރޭޝަންތަކަށް ދަތިނުވާނެހެން ހުރިހާ ވަޞީލަތްތަކާއެކު ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ.

އެއަރޕޯޓްގެ އައު ރަންވޭ ބޭނުންކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ ޝެޑިއުލްއާ އެއްގޮތަށް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މިހާރު މަސައްކަތްދާ ސްޕީޑްގައި ކުރިއަށްދާނަމަ މާރޗްމަހުގެ ނިޔަލަށް މުޅި ރަންވޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މުބީން ވިދާޅުވިއެވެ. މުބީން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި، އޭގެ އިތުރަށްވެސް އެއަރޕޯޓެއްގައި ހުންނަން ޖެހޭ ކަންތައްތައް ބެލުމަށްފަހު އެކަންތައްތައްވެސް ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. މުބީން ވަނީ އެއަރޕޯޓް މަޝްރޫޢަކީ ހަނިމާދޫގެ ރައްޔިތުންގެ އިތުރަށް އެސަރަހައްދުގެ އެހެންރަށްތަކަށްވެސް ފައިދާވާނެ މަޝްރޠޢެއްކަން ފާހަގަކުރައްވާފައެވެ.

"އެއަރޕޯޓް މަޝްރޫޢާއެކު މިސަރަޙައްދަށް 9000 ޓޫރިޒަމް ބެޑް ގެންނަން ޖެހޭ. މިސަރަޙައްދުގައި ފަތުރުވެރިކަން ފުޅާކުރުމަށް ވަނީ މަޝްވަރާކޮށްފައި ފަތުރުވެރިކަމަށް ރަށްތަައް ދޫކުރާއިރު މި ސަރަޙައްދަށް ވަރަށްބޮޑަށް ބެލުމަށް ވަނީ ނިންމާފައި" ރީޖަނަލް އެއަރޕޯޓުގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލާމް ވަނީ ހަނިމާދޫ އެއަރޕޯޓުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ހުއްޓާލާފައި އޮންނަތާ ދުވަސްތަކެއްވެފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އައު ރަންވޭގެ އެއްބައި ބޭނުން ކުރަންފެށުމާއެކު ލަސްތަކެއްނުވެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިއާއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށާއި އިންޑިއާގެ އިތުރު ސިޓީތަކަށްވެސް ދަތުރުތައް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

"މޯލްޑިވިއަންއިން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް މިއަންނަނީ މަސައްކަތް ކުރަމުން. އެގޮތުން ޚިދުމަތުގައި މިހާރު ބޭނުންކުރާ ފްލައިޓްތަކަށްވުރެ ބޮޑެތި ފްލައިޓް ހޯދުމުގެ މަސައްކަތްތައް މިއަންނަނީ ކުރަމުން." އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީ ކުރާ އައު ރަންވޭއަކީ 2465 މީޓަރުގެ ދިގު ރަންވޭއެކެވެ. މިރަންވޭ ތަރައްޤީކުރުމުގެ ދެވަނަ ބައިގައި ހިމެނޭ 300 މީޓަރު ސަރަހައްދުގައި މިހާރުވަނީ ސަބްބޭސް އަޅާފައެވެ. އަދި ބާކީ އޮތް 650 މީޓަރުގެ މަސައްކަތް ކުރުމަށްޓަކައި ކުރީގެ ރަންވޭ ބަންދު ކުރާނެކަމަށާއި، މި ދެބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރާނީ އެކުއެކީގައި ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢަކީ އަތޮޅުތަކުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ބޮއިންގ 737 އާއި A320 މަރުކާގެ ބޮޑެތި ބޯޓުފަހަރު މިރަންވޭއަށް ޖެއްސޭނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ. މިއެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ރަންވޭގެ މަސައްކަތުގެ އިތުރަށް ފަސިންޖަރ ޓާރމިނަލް ޢިމާރާތާއި ޖެޓީ ޓަރމިނަލް ޢިމާރާތުގެ މަސައްކަތުގެ %29.1 ވަނީ ނިމިފައެވެ. މީގެ އިތުރުން ޕޭވްމަންޓާއި ރޯޑް ވޯކްސްގެ %73.7 އަދި ފިއުލް ފާމާއި ފިއުލް ޖެޓީ މަސައްކަތުގެ %9 ވަނީ ނިމިފައެވެ.