ޚަބަރު

އިންޑިޔާއާއި ފަރަންސޭސިން ދިފާޢީ ގުޅުން ވަރުގަދަކުރަނީ


އިންޑިޔާއާއި ފަރަންސޭސިވިލާތާ ދެމެދު ދިފާޢީ ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ދެ ޤައުމުން ގުޅިގެން ހަތިޔާރު އުފައްދަން އެއްބަސްވެއްޖެއެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ޤައުމުން ގުޅިގެން އަސްކަރީ ހެލިކޮޕްޓަރާއި ސަބްމެރިންގެ އިތުރުން އެހެން ދިފާޢީ އުޅަނދުފަހަރާއި އާލާތްތައް އުފައްދާނެއެވެ. އަދި އެ ތަކެތި އެހެން ޤައުމުތަކަށް ވިއްކާނެއެވެ.

ދެ ޤައުމުގެ ދެމެދުގައި އެ ކަމަށް އެއްބަސްވެފައި ވަނީ ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚޮން ދާދި ފަހުން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އެ ދަތުރުފުޅުގައި އޭނާ ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާފައެވެ. އަދި އެ ޤައުމުގެ ރައީސް ދްރޯޕަދީ މުރްމޫ ދެއްވި ޚާއްޞަ ފަރިއްކޮޅެއްގައި މެކްޚޮން ބައިވެރިވެ ވަޑައިގެންނެވި ކަމުގައި އިންޑިޔާއިން ބުނެއެވެ.

ދިފާޢީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އިތުރުން ނިއުކްލިޔަރ ހަކަތައާއި ޖައްވީ ދިރާސާގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް މޯދީއާއި މެކްޚޮން އެއްބަސްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާއި ޞިއްޙަތާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ކުރުމަށް ވެސް ދެ ބޭފުޅުން ނިންމެވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އެކުލަވައިލާފައިވާ ދިފާޢީ އެއްބަސްވުމުގެ އަގު އަދި ހާމަކޮށްފައެއް ނުވެއެވެ. ރަޝިޔާއަށް ފަހު އިންޑިޔާއަށް އެންމެ ގިނައިން ހަތިޔާރު ވިއްކަނީ ފަރަންސޭސިވިލާތުންނެވެ. އިންޑިޔާގެ ވައިގެ ސިފައިން ބޭނުން ކުރާ ގިނަ އަސްކަރީ މަތިންދާބޯޓުތަކަކީ ފަރަންސޭސިވިލާތުން ފޯރުކޮށްދީފައިވާ ތަކެއްޗެވެ.

މީގެ އިތުރުން ފަރަންސޭސިވިލާތުގެ މަތިންދާބޯޓު އިންޖީނު އުފައްދާ ސަފްޚޯން ކުންފުނީގެ އިންޖީނު މަރާމާތުކޮށް އޯވަހޯލް ކުރާ ކާރުޚާނާއެއް އިންޑިޔާގައި ބިނާ ކުރުމުގެ އިތުރުން ރަފާލް އިންޖީނު މަރާމާތު ކުރުމުގެ ޚިދުމަތް ދިނުމަށް ވެސް ދެ ޤައުމުން އެއްބަސްވިއެވެ. އަދި އިންޑިޔާގެ ޓާޓާ ގުރޫޕާއި ފަރަންސޭސިވިލާތުގެ އެއާބަސް ކުންފުންޏާ ދެމެދު ހެލިކޮޕްޓަރު އުފެއްދުމުގެ އެއްބަސްވުމެއް އެކުލަވައިލާފައިވާ ކަމުގައި ވެސް ނިއު ދިއްލީން ބުނެއެވެ.

އިންޑިޔާގެ އަކާސާ އެއާއިން ވަނީ ފަރަންސޭސިވިލާތުގެ ސީއެފްއެމް އިންޓަރނޭޝަނަލުން އުފައްދާ މަތިންދާބޯޓު އިންޖީނު ގަތުމަށް ވެސް އޯޑަރު ޖަހާފައެވެ. އެ އެއްބަސްވުމުގެ ދަށުން އަކާސާ އެއާއިން ސީއެފްއެމުން އުފައްދާ 300 އިންޖީނު ގަންނާނެއެވެ. އެ ކުންފުނިން އުފައްދާފައިވާ 76 އިންޖީނު ގަތުމަށް އަކާސާ އެއާއިން ކުރިން ވެސް ވަނީ އޯޑަރު ޖަހާފައެވެ. އަދި އޭގެ ތެރެއިން 22 އިންޖީނު މިހާރު ވެސް ދަނީ ބޭނުން ކުރަމުންނެވެ.

އިންޑިޔާ ކަނޑުގެ ހުޅަނގުދެކުނު ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ. އަދި އިންޑިޔާގެ 30,000 ދަރިވަރުންނަށް ފަރަންސޭސިވިލާތުގައި މަތީ ތަޢުލީމު ހާސިލު ކުރެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ވެސް މެކްޚޮން ވަނީ ނިންމަވާފައެވެ.

ފަރަންސޭސިވިލާތުގެ ރައީސް މެކްޚޮން އިންޑިޔާއަށް ކުރައްވާފައި ވަނީ 40 ގަޑިއިރުގެ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި މޯދީއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމަކީ 2023 މެއި މަހަށް ފަހު ދެ ބޭފުޅުންގެ މެދުގައި ބޭއްވެވި ފަސްވަނަ ބައްދަލުވުމެވެ.