އުތުރު ކޮރެޔާއިން އަނެއްކާވެސް ގިނަ ޢަދަދެއްގެ ކުރޫސް މިސައިލުތަކެއް ފޮނުވާލައިފިއެވެ. އެ މިސައިލުތައް ފޮނުވާލާފައި ވަނީ ނިޔުކްލިއާ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ އައު ބާވަތެއްގެ ކުރޫސް މިސައިލެއް ތަޖުރިބާކޮށްފައިވާކަން އެ ޤައުމުން އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އުތުރު ކޮރެޔާއިން ގިނަ ޢަދަދެއްގެ ކުރޫސް މިސައިލުތަކެއް ފޮނުވާލާފައި ވަނީ އެ ޤައުމުގެ އިރުމަތީގެ ގޮނޑުދޮށް ސަރަޙައްދުން ކަނޑާ ދިމާލަށެވެ. އެއީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމުން ގިނަ ޢަދަދެއްގެ ކުރޫސް މިސައިލުތަކެއް ފޮނުވާލި ދެވަނަ ފަހަރެވެ.
ވާދަވެރި ދެކުނު ކޮރެޔާއިން ބުނެފައި ވަނީ ކުރޫސް މިސައިލުތައް ފޮނުވާލި މައްސަލަ ގާތުން ބަލަމުންދާ ކަމަށާއި އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން މަޢުލޫމާތު އެއްކުރަމުންދާ ކަމަށެވެ. އަދި އުތުރު ކޮރެޔާއިން ދެން ކޮށްފާނެ ކަމަކަށް ސަމާލުވެގެން ތިބި ކަމަށް ވެސް ދެކުނު ކޮރެޔާއިން ވަނީ ބުނެފައެވެ.
އުތުރު ކޮރެޔާއިން ބުނެފައި ވަނީ އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންގެ ނުރައްކާތެރިކަން އިތުރުވެފައިވާ ކަމަށާއި އެހެންކަމުން އަސްކަރީ ކުރިމަތިލުމަކަށް ތައްޔާރުވަމުންދާ ކަމަށެވެ. އެއާއެކު އެ ޤައުމުން ވަނީ އަސްކަރީ ތައްޔާރީތައް ވާން ފަށައިފައެވެ. އަދި އެ ޤައުމުން ވަނީ ރަޝިޔާއާއެކު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަކޮށް ދެކުނު ކޮރެޔާއާ ގުޅުމުގެ ހުރިހާ ވިސްނުމެއް ދޫކޮށްލައިފައެވެ.
ފާއިތުވި ދުވަސްތަކުގައި އުތުރު ކޮރެޔާއިން ވަނީ ބެލިސްޓިކް މިސައިލު އުފެއްދުމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އަދި އެ ޤައުމުން ވަނީ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ބޭނުން ކުރުމަށް ގިނަ ޢަދަދެއްގެ މިސައިލު ރަޝިޔާއަށް ފޯރުކޮށްދީފައެވެ.