ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އދގެ އިދާރާއަށް މާލީ ގޮތުން އެހީވުން ބައެއް ޤައުމުތަކުން ހުއްޓައިލުމުން އެ އިދާރާގެ އިސްވެރިޔާ ފިލީޕޯ ލަޓްޒަރީނީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެ އިދާރާއަށް އެހީވުން ހުއްޓައިލާފައިވާކަން ބައެއް ޤައުމުތަކުން ހާމަކޮށްފައި ވަނީ އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ރަށްތަކަށް ދިން ޙަމަލާގައި އެ އިދާރާގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވުމުންނެވެ.
ލަޓްޒަރީނީ ވިދާޅުވީ ފަލަސްޠީނަށް މާލީ ގޮތުން އެހީވުން ނުވަ ޤައުމަކުން ހުއްޓައިލާ ކަމުގެ މަޢުލޫމާތު ލިބުމުން ސިހުން ގެނުވި ކަމުގައެވެ. އަދި އެ ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވަނީ އެ ނިންމުން ބަދަލު ކުރުމަށް އެ ޤައުމުތަކަށް ގޮވައިލައްވާފައެވެ.
"އެ ޤައުމުތަކުގެ ނިންމުމާ އެކު ފަލަސްޠީނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ބިރު އެބައޮތް. ޚާއްޞަކޮށް ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން ރައްޔިތުންނަށް އެ ކަމުގެ އަސަރު ކުރާނެ،" ލަޓްޒަރީނީ ވިދާޅުވިއެވެ.
ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އދގެ އިދާރާއަށް މާލީ ގޮތުން އެހީތެރިވުން މެދުކަނޑައިލާފައިވާ ޤައުމުތަކުގެ ތެރޭގައި ވިލާތުގެ ހަ ޤައުމެއް ހިމެނެެއެވެ. އެއީ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ސްވިޓްޒަލެންޑާއި ފިންލެންޑެވެ. މީގެ އިތުރުން އެމެރިކާއާއި އޮސްޓްރޭލިޔާގެ އިތުރުން ކެނެޑާއިން ވެސް ވަނީ އދގެ އިދާރާއަށް އެހީ ދިނުން ވަޤުތީ ގޮތުން މެދުކަނޑައިލާފައެވެ.
"މިއީ [ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާ ގުޅިގެން] ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ދެވޭ އިތުރު އަނިޔާއެއް،" ލަޓްޒަރީނީ ވިދާޅުވިއެވެ.
ޙަމާސް ޖަމާޢަތުގެ މުޖާހިދުން އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ރަށްތަކަށް ދިން ޙަމަލާގައި އދގެ ރެފިއުޖީ އިދާރާގެ ބައެއް މުވައްޒަފުން ބައިވެރިވި ކަމުގެ ތުހުމަތުތައް ތަހުޤީޤު ކުރަމުންދާ ކަމުގައި އެ އިދާރާއިން ބުނެއެވެ. ނަމަވެސް، އދގެ ތަރުޖަމާނުގެ ނައިބު ވަނީ އެ އިދާރާގެ މަސައްކަތްތަކަށް ތާރީފު ކުރައްވާފައެވެ.
"އެހެން ފަތުރާހާ ވާހަކަތަކަކަށް އަޅުގަނޑުމެން ރައްދެއް ނުދޭނަން. އެ އިދާރާއިން ކުރަމުންދާ ހެޔޮ މަސައްކަތްތައް އެއޮތީ ފެންނަން. އެ ކަން އަޅުގަނޑުމެން މި ދަނީ ތަކުރާރުކޮށް ފާހަގަ ކުރަމުން." އދގެ ތަރުޖަމާނުގެ ނައިބު ފަރްޙާން ޙައްޤު ވިދާޅުވިއެވެ.
އެ ކަމާ ގުޅޭ ގޮތުން ލަޓްޒަރީނީ ވިދާޅުވީ ޙަމާސްގެ ޙަމަލާތަކުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އދގެ މުވައްޒަފުންގެ ކޮންޓްރެކްޓުތައް އެ އިދާރާއިން ވަޤުތުން ބާޠިލުކޮށްފައިވާ ކަމުގައެވެ. އަދި އެ މައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް ހިންގަމުންދާ ދަނޑިވަޅުގައި އެއްވެސް ބެލުމެއް ނެތި އެ އިދާރާއަށް މާލީ އެހީވުން ހުއްޓައިލުމަކީ ކަންބޮޑުވާ މައްސަލައެއް ކަމުގައެވެ.
ހަރުކަށި ޔަހޫދީންގެ ބަޔަކު ކުރި ތުހުމަތުތަކަކާ ގުޅިގެން އދގެ އިދާރާގައި އިޚުލާސްތެރި މަސައްކަތްތަކެއް ކުރަމުންދިޔަ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓު ބާޠިލު ކުރުމާ ގުޅިގެން ޚަމާސް ޖަމާޢަތުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެއީ ހަރުކަށި ޔަހޫދީން އަޑީގައި އޮވެ ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ސިފަކޮށްފައެވެ.