ރަސްމާލެއާއި ގިރާވަޅު ފަޅު ހިއްކަމުންދާ ކުންފުންޏަށް މިދިޔަ އަހަރުގެ މެދުތެރޭ ސަރުކާރުން ދައްކަންޖެހޭ ބައެއް ބިލްތައް ދައްކާފައި ނުވާތީ މި 2 މަޝްރޫއަށް ބުރޫއަރާފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރަސްމާލެއާއި ގިރާވަޅު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އިންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރަސްމާލެއަކީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން ސަރުކާރުން އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ތަނެއްކަމަށެވެ.
ރަސްމާލެ ހިއްކަމުންދަނީ ގިރާވަރު ފަޅުވެސް ހިއްކަމުންދާ ކުންފުނިންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރ އަދި އޮކްޓޯބަރ މަހު އެ ކުންފުންޏަށް ދައްކަން ޖެހޭ ބައެއް ބިލްތައް ނުދައްކާ އޮތުމުގެ ސަބަބުން މަސައްކަތައް ބުރޫއަރާފައިވާކަމަށެވެ. ނަމަވެސް މިކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ގިރާވަރު ހިއްކަނީވެސް އެ ކުންފުނިން. މިދިޔަ ސެޕްޓެމްބަރ އޮކްޓޯބަރ ގައި ލާފަހުރި ބޮޑެތި ބިލްތަކެއްވެސް އަދި އެބަހުރި ޕޭނުކޮށް. އެހެންވީމަ ދައުލަތުން އެކަންތައްތައް ހަމަޖައްސައިދީގެން ކުންފުނީގެ މަސައްކަތްތައް ބާރަށް ކުރިއަށްގެންދެވޭނެ ގޮތަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެތަނުގެ މަސައްކަތް ބާރަށް ކުރިއަށްދާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ގިރާވަރުފަޅުގައި 160 ހެކްޓަރުގެ ބިން ހިއްކަން ސޮއިކުރެވި 50 ހެކްޓަރުގެ ބިން މިހާރު ހިއްކިފައިވާކަމަށެވެ. އަދި ގިރާވަޅު ފަޅުގެ މަސައްކަތްވެސް ހުއްޓިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެކަމަށެވެ. ސަބަބަކީ އެތަނަކީ ދައުލަތުން ކްރޮސް ސަބްސިޑީގެ އުސޫލުން ވަކި ވަރަކަށް ފައިސާ ދީފައި އަދި ބާކީބައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިއްކާގޮތަށް އޮތް ތަނަކަށްވާތީކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި މަޝްރޫއަކީ ގާތްގަނޑަކަށް 197 މިލިއަން ޑޮލަރުގެ މަޝްރޫއެއް. އެހެންވީމަ ހަޤީގަތުގައި ވަރަށް އަގުބޮޑު ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ މަޝްރޫއެއް މި މަޝްރޫއަކީ. މިހާރު މަސައްކަތް ހުއްޓިފައި އޮތް އެއް ސަބަބަކީ ހަޤީގަތުގައި ދައުލަތުން ދައްކަންޖެހޭ ފައިސާއެއްގެ ކަންތަކުގައި ޑިލޭއެއް އައީ. ސެޕްޓެމްބަރ އޮކްޓޯބަރ ހިސާބުގައި އެބޭފުޅުން ލާފައޮތް ބިލަކަށް ޕޭމަންޓް ނުލިބިގެން އެ ޑިލޭ އައިއްސައިނީ. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ އެއީ ވަރަށް ބޮޑު އަދަދެއްގެ ފައިސާއަކަށް ވާތީވެ ފައިސާ ވީހާވެސް އަވަހަކަށް ހަމަޖައްސައިދީގެން މަޝްރޫއު އަލުން ފަށައިގެން ކުރިއަށްދެވޭތޯ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި 2 މަޝްރޫޢުވެސް އަލުން ބާރަށް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ. ގިރާވަރުގައި މަގުހެދުމާއި އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައި އެބަހުރިކަމަށާއި، ވަރަށް އަވަހަށް އެ މަސައްކަތް ކުންފުންޏަކާއި ހަވާލުކުރެވިގެންދާނެކަމަށް އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދުފުޅެވެ. މި މަޝްރޫއު ފެށްޓެވީ މާލޭގެ ތޮއްޖެހުމާއި ގެދޮރުވެރިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދައިދެއްވުމަށެވެ.