އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ ޕާކިސްތާނަށް ވަޑައިގަންނަވައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޖަލީލް އައްބާސް ޖިލާނީއާ ބައްދަލު ކުރައްވައިފިއެވެ. ޢަބްދުއްލުހައްޔާނީ އިސްލާމްއާބާދަށް ވަޑައިގަންނަވާފައި ވަނީ ދެ ޤައުމުގެ ދެމެދުގައި ޙަމަލާތަކެއް ބަދަލުކޮށް ގުޅުންތައް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
ޢަބްދުއްލުހައްޔާނީގެ ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ ދެ ޤައުމުގެ ދެމެދުގައި ގޯސްވެފައިވާ ގުޅުންތައް އަލުން އިޔާދަ ކުރެއްވުމެވެ. ބައްދަލު ކުރެއްވުމަށްފަހު ދެ ބޭފުޅުން ވެސް ވިދާޅުވީ އީރާނާއި ޕާކިސްތާނާ ދެމެދު ރަނގަޅު ގުޅުންތަކެއް ބޭއްވުމަކީ ސަރަޙައްދީ ހަމަޖެހުމަށް މުހިންމު ކަމެއް ކަމުގައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ފުޅާކޮށް ސަރަޙައްދީ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް ދެ ބޭފުޅުން އެއްބަސްވިއެވެ.
މީގެ ތެރެއިން ވެސް، ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތަކުގެ ޙަރަކާތްތައް ހުއްޓުވުމަށް އިސްކަންދޭނެ ކަމުގައި ދެ ބޭފުޅުން ވިދާޅުވިއެވެ. އެ ކަމާ ގުޅޭ ގޮތުން ޢަބްދުއްލުހައްޔާނީ ވިދާޅުވީ ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތަކަކީ ތިންވަނަ ޤައުމަކުން ވާގިވެރިވާ ޖަމާޢަތްތަކެއް ކަމުގައެވެ.
ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޢަބްދުއްލުހައްޔާނީ އެ ޤައުމުގެ ވަޤުތީ ބޮޑުވަޒީރު އަންވާރު އަލް-ޙައްޤު ކާކަރާ ވެސް ބައްދަލު ކުރައްވާނެއެވެ. އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަރަށް އަވަހަށް ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެކަން ވެސް ޢަބްދުއްލުހައްޔާނީ ވަނީ އިޢުލާނު ކުރައްވާފައެވެ. ނަމަވެސް އެ ދަތުރުފުޅު ކުރައްވާނެ ތާރީޚެއް އަދި އިޢުލާނު ކޮށްފައެއް ނުވެއެވެ.
ޖަނަަވަރީ 16 ވަނަ ދުވަހު އީރާނުގެ އަސްކަރިއްޔާއިން ވަނީ ސިސްތާން-ބިލޫޝިސްތާން ޕުރޮވިންސާ އިންވެގެން އޮންނަ ޕާކިސްތާނުގެ ބަލޯޗިސްތާން ޕުރޮވިންސަށް މިސައިލް ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޕާކިސްތާނުގައި ޙަރަކާތްތެރިވަމުން ދިޔަ ޖަޔިޝް އަލް-ޢަދްލް ޖަމާޢަތުގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ކަމުގައި އީރާނުން ބުނެއެވެ. އޭގެ ދެ ދުވަސް ފަހުން ޕާކިސްތާނުގެ އަސްކަރިއްޔާއިން ވެސް ވަނީ ސިސްތާން-ބިލޫޝިސްތާން ޕުރޮވިންސަށް ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާނުގައި ޙަރަކާތްތެރިވަމުން ދިޔަ ބަލޯޗް ލިބަރޭޝަން ފްރޮންޓާއި ބަލޯޗް ލިބަރޭޝަން އާމީގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ކަމުގައި ޕާކިސްތާނުން ބުނެއެވެ.
ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރި ޙަމަލާތަކުގައި 11 މީހުން މަރުވިއެވެ. އޭގެ ފަހުން އީރާންގެ ސިސްތާން-ބިލޫޝިސްތާން ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ސަރަވާންގައި ހުންނަ ގެއަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ބަޑީގެ ޙަމަލާތަކެއްގައި ނުވަ މީހަކު ވަނީ މަރައިލާފައެވެ. އެ ޙަމަލާގައި މަރައިލާފައި ވަނީ ޕާކިސްތާނުގެ މަސައްކަތްތެރިންތަކެކެވެ.