އިންސާނެއްގެ ސިކުނޑީގައި ފުރަތަމަ ފަހަރަށް މަސްނޫއީ ޗިޕެއް ހަރުކޮށްފިއެވެ. އެ ކަން ކޮށްފައި ވަނީ ބިލިޔަނަރު އީލޯން މަސްކުގެ ނިއުރަލިންކް ކުންފުނިންނެވެ.
ފުރަތަމަ ފަހަރަށް އިންސާނެއްގެ ސިކުނޑީގައި މަސްނޫއީ ޗިޕެއް ހަރުކޮށްފައިވާކަން ހާމަ ކުރަމުން މަސްކް ބުނީ އެ މީހާގެ ޞިއްޙީ ހާލު ރަނގަޅު ކަމަށާއި ތަޙްލީލުތައް ކާމިޔާބު ކަމުގައެވެ. މަސްކް ބުނީ އެ މީހާގެ ސިކުނޑީގެ ތެރޭގައި ނިއުރޯން ސްޕައިކް އިތުރުވެ ނިއުރޯންތަކުގެ މެދުގައި މުވާސަލާތު ކުރުން އިތުރުވެފައިވާ ކަމަށް މިހާތަނަށް ހަދާފައިވާ ތަޙްލީލުތަކުން ހާމަވެފައިވާ ކަމުގައެވެ. ޞިއްޙީ އިދާރާތަކުން ސިފަ ކުރާ ގޮތުގައި ސްޕައިކަކީ ސިކުނޑީގައިވާ ނިއުރޯންތައް ނުވަތަ ސެލްތަކުގެ މެދުގައި އަދި އެ ސެލްތަކާއި ހަށިގަނޑުގެ އެހެން ގުނަވަންތަކާ ދެމެދު މުވާސަލާތު ކުރުމަށް ފޮނުވާ އިލެކްޓްރިކް އަދި ކެމިކަލް ސިގްނަލްތަކެވެ.
ނިއުރަލިންކް ކުންފުނިން އުފައްދާފައިވާ ބްރެއިން-ޗިކް ނުވަތަ ސިކުނޑީގެ ޗިޕް އިންސާނުންގެ ސިކުނޑީގައި ހަރުކޮށް ތަޙްލީލު ކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އެފްޑީއޭއިން އެ ކުންފުންޏަށް ހުއްދަ ދީފައި ވަނީ ހުސްވި އަހަރުގެ ސެޕްޓެންބަރުގައެވެ. އެއީ ހަށިގަނޑުން ވާގިނެތިފައިވާ މީހުން ފަސޭހަ ކުރުމަށް ބޭނުން ކުރެވިދާނެ ފަރުވާ އެއް ކަމުގައި ނިއުރަލިންކުން ބުނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ނިއުރޮލޮޖިކަލް އެހެން ބަލިތަކަށް ވެސް ބްރެއިން-ޗިޕް ބޭނުން ކޮށްގެން ފަރުވާ ކުރެވިދާނެ ކަމަށް ނިއުރަލިންކް ކުންފުނިން ދެކެއެވެ.
ތަޙްލީލުތައް ކުރުމުގައި ބައިވެރިވި މީހާގެ ސިކުނޑީގައި ބްރެއިން-ކޮމްޕިޔުޓަރ އިންޓަރފޭސް (ބީސީއައި)އެއް ހަރުކޮށްފައި ވަނީ ރޮބޮޓްތަކެއް ބޭނުން ކޮށްގެންނެވެ. ބީސީއައި ހަރުކޮށްފައި ވަނީ ސިކުނޑީގެ ހެލިފެލިވެ އުޅުމުގެ ޙަރަކާތްތައް ކޮންޓްރޯލް ކުރާ ބައިގައެވެ. ނިއުރަލިންކުން ކުރިން ބުނެފައި ވަނީ، އެ މަޝްރޫޢުގެ ބޭނުމަކީ އިންސާނުންގެ ސިކުނޑިއާއި ވިސްނުން ބޭނުން ކޮށްގެން ކޮމްޕިޔުޓަރުގެ ކަރސަރ އަދި ކީބޯޑުގެ ފިއްތައް ކޮންޓްރޯލް ކުރުމުގެ ޤާބިލުކަން ހޯދައިދިނުން ކަމުގައެވެ.
ނިއުރަލިންކުން އުފައްދާފައިވާ ފުރަތަމަ ބްރެއިން-ޗިޕަށް ދީފައިވާ ނަމަކީ ޓެލެޕަތީ ކަމުގައި މަސްކް ބުންޏެވެ. މިހާރު ކުރަމުންދާ ތަޙްލީލުތަކުގެ މައިގަނޑު މަޤުޞަދަކީ އެއީ އިންސާނުންގެ ހަށިގަނޑުގައި ބޭނުން ކުރަން ރައްކާތެރި އާލާތެއްތޯ ކަށަވަރު ކުރުމެވެ. ނަމަވެސް އެ ކުންފުނީގެ ސަލާމަތީ ސިޔާސަތުތަކަށް މިހާރު ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
އެ ކުންފުނިން އެންމެ ފުރަތަމަ ބްރެއިން-ޗިޕް ޓެސްޓުތައް ހަދާފައި ވަނީ ރާމާމަކުނުތަކެއް ބޭނުން ކޮށްގެންނެވެ. އެ ޓެސްޓުތަކުގައި ބައެއް ރާމާމަކުނުގެ ވާގިނެތި ސިކުނޑި ދުޅަވުން ފަދަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމުގެ ތުހުމަތުތައް ފެންމަތިވިއެވެ. އަދި އެމެރިކާގެ ސެކިޔުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން ދަނީ އެ މައްސަލަ ތަހުޤީޤު ކުރަމުންނެވެ. އެ ތުހުމަތުތަކަށް ރައްދު ދެމުން މަސްކް ބުނީ ޓެސްޓުތައް ހެދުމުގެ ތެރޭގައި އެއްވެސް ރާމާމަކުނެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމުގައެވެ.