ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އެ ޤައުމުގެ ކޯޓަކުން 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި ކަން ހާމަ ކުރަމުން އޭނާގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީ.ޓީ.އައި) ޕާޓީން ބުނީ ޚާންއާ ދެކޮޅަށް ހުކުމް ކޮށްފައި ވަނީ ދަޢުލަތުގެ ސިއްރުތަކެއް ހާމަ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު ކަމުގައެވެ.
ޚާންގެ މައްޗަށް ދަޢުވާ އުފުލާފައި ވަނީ, އެމެރިކާގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު އިސްލާމްއާބާދަށް ފޮނުވި މެސެޖެއްގައި ހިމެނޭ މަޢުލޫމާތު ހާމަ ކުރުމާ ގުޅިގެންނެވެ. ޚާންގެ މައްޗަށް ގިނަ ދަޢުވާތަކެއް އުފުލާފައިވީ ނަމަވެސް, މިއީ މިހާ ދިގު މުއްދަތުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައިވާ ފުރަތަމަ ފަހަރު ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ޚާންގެ އިތުރުން, އޭނާގެ ސަރުކާރުގައި ޚާރިޖީ ވަޒީރުގެ މަޤާމު ފުރުއްވާފައިވާ ޝާޙް މަޙްމޫދު ޤުރައިޝީގެ މައްޗަށް ވެސް, މި މައްސަލައިގައި ދަޢުވާ އުފުލާފައިވެއެވެ. އަދި, ދަޢުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި, އޭނާގެ މައްޗަށް ވެސް ކޯޓުން ވަނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ޚާން މައްޗަށް ޖަލު ހުކުމެއް އިއްވާފައި މި ވަނީ, ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ވޯޓުލުން ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މިއީ, ފާއިތުވި މަސްތަކުގެ ތެރޭގައި އޭނާއާ ދެކޮޅަށް އިއްވާފައިވާ މި ފަދަ ދެވަނަ ހުކުމެވެ. ޚާންގެ ޕީ.ޓީ.އައިން ބުނީ, ކޯޓުގެ ހުކުމް އިސްތިޢުނާފު ކުރާނެ ކަމުގައެވެ. އަދި, އޭނާގެ ޤާނޫނީ ވަކީލު ނަޢީމް ޕަންޖޫތާ ވަނީ ކޯޓުން އިއްވާފައިވާ ހުކުމަކީ ޤާނޫނުއަސާސީއާ ޚިލާފު ހުކުމެއް ކަމަށް ދެކޭ ކަމުގައި ވިދާޅުވެފައެވެ.
ޚާންގެ އިސް މުޝީރެއް ކަމުގައިވާ ޒުލްފިޤާރު ބުޚާރީ ތުހުމަތު ކުރައްވާ ގޮތުގައި, ޚާންއާ ދެކޮޅަށް ހުކުމް ކޮށްފައި މި ވަނީ, ކުރިއަށް އޮތް އާންމު އިންތިޚާބަށް ހުރަސް އެޅުމުގެ ގޮތުންނެވެ. ނަމަވެސް, މި ހުކުމާ އެކު ޚާންއަށް ތާޢީދު ކުރާ އިތުރު ބަޔަކު ވޯޓުލާން ނުކުންނާނެ ކަމަށް ބެލެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޚާންއާ ދެކޮޅަށް ދާދިފަހުން ތިން އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވެއެވެ. އެ ހުކުމް އިއްވާފައި ވަނީ ކޮރަޕްޝަންގެ ދަޢުވާއެއްގައެވެ. އެ ހުކުމާ އެކު, ޚާންއަށް ވަނީ އާންމު އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުޞަތު ގެއްލިފައެވެ. 2023 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ޚާން ހުންނެވީ ޖަލުގައެވެ. އޭނާ ޖަލުން މިނިވަން ކުރަން އޭނާގެ ޤާނޫނީ ޓީމުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް, ފަހުން މި ކުރި ހުކުމާ އެކު އެ ކަން ކާމިޔާބު ކުރެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ޚާންއާ ދެކޮޅަށް އިއްވާފައިވާ ހުކުމާ ގުޅޭ ގޮތުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާޓީން ބުނީ, ޚާން ކުރައްވާފައިވާ ކުށްތަކާ އަޅައިބަލާއިރު 10 އަހަރުގެ ޖަލު ހުކުމަކީ މާ ކުރު އަދަބެއް ކަމަށް އެ ޕާޓީން ދެކޭ ކަމުގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ކުރިއަށް އޮތް އިންތިޚާބުގައި ނަވާޒްގެ ޕާޓީން ކުރި ހޯދައި, އިންތިޚާބު ކާމިޔާބު ކުރާނެއެވެ.
ނަމަވެސް, އިންތިޚާބާ މިހާ ގާތްވެފައިވާ ދަނޑިވަޅެއްގައި ޚާންއާ ދެކޮޅަށް ހުކުމް އިއްވުމުން, މިއީ ސިޔާސީ ބޭނުމެއްގައި އިއްވާފައިވާ ހުކުމެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.