ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ އައު އެއްބަސްވުމެއް ދިރާސާ ކުރަމުންދާ ކަމުގައި ޙަމާސް ޖަމާޢަތުން ބުނެފިއެވެ. އެ ޖަމާޢަތުން މި ކަން ހާމަކޮށްފައި މި ވަނީ, ހުޅަނގު އައްސޭރިއަށް ޔަހޫދީ ފައުޖުގެ ސިފައިން އަރައި ހިންގި ޢުދުވާނެއްގައި މުޖާހިދުންގެ ތިން މީހަކު ޝަހީދު ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.
ހުޅަނގު އައްސޭރިއަށް އަރައި ޔަހޫދީ ފައުޖުން ރޭޑު ޖަހާފައި ވަނީ ޖިނީންގައި ހުންނަ އިބްނު ސީނާ ހަސްފަތާލަށެވެ. މި ގަތުލުއާންމާ އެކު, ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުޅަނގު އައްސޭރިއަށް ފުޅާކޮށްފާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ. އިބްނު ސީނާ ހަސްފަތާލުގައި ޝަހީދު ކޮށްލާފައިވާ ތިން މީހުންގެ ތެރެއިން އެކަކީ ޙަމާސް ޖަމާޢަތުގެ މުޖާހިދެކެވެ. ދެން ޝަހީދު ކޮށްލާފައިވާ ދެ މީހުންނަކީ އިސްލާމިކް ޖިހާދު ޖަމާޢަތުގެ މުޖާހިދުންނެވެ. އޭގެ ތެރެއިން އެކަކު ޝަހީދު ކޮށްލާފައި ވަނީ ފުރޮޅުލީ ގޮނޑިއެއްގައި އިންދައެވެ.
ޢުދުވާނުގެ ކުރީކޮޅު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއްދީ, އެ ސަރަޙައްދު ސުންނާފަތި ކޮށްލާފައެވެ. އެއަށް ފަހު, ޙަމަލާތައް ޣައްޒާގެ ދެކުނަށް އަމާޒު ކުރި ނަމަވެސް, އަނެއްކާ ވެސް ޣައްޒާގެ އުތުރުގައި އޮންނަ ރަށްތަކަށް ދެމުންދާ ޙަމަލާތައް އިތުރު ކުރަމުންދާ ކަމުގައި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ބުނެއެވެ. މީގެ އިތުރުން, ޣައްޒާގެ ދެކުނަށް ވެސް ޔަހޫދީ ފައުޖުން ދަނީ ވައިގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ.
މި ޢުދުވާންތަކަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ދަނީ މަޝްވަރާތައް ބާއްވަމުންނެވެ. މި މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރަމުން ދަނީ މިޞްރާއި ޤަޠަރުގެ އިތުރުން އެމެރިކާއިންނެވެ. ޙަމާސް ޖަމާޢަތުގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ވިދާޅުވީ, ފަރަންސޭސިވިލާތުގެ ޕެރިސްގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ހުށަހަޅާފައިވާ އައު އެއްބަސްވުމެއް އެ ޖަމާޢަތުން މިހާރު ދިރާސާ ކުރަމުންދާ ކަމުގައެވެ.
އެއްބަސްވުން ދިރާސާ ކުރުމަށް ފަހު, މިޞްރަށް ވަޑައިގަންނަވައި, މި އެއްބަސްވުމާ ގުޅޭ ގޮތުން މިޞްރުގެ އޮފިޝަލުންނާ މަޝްވަރާ ކުރައްވާނެ ކަމުގައި ވެސް ހަނިއްޔާ ވިދާޅުވިއެވެ. ޔަހޫދީންނާ އެކު އެއްބަސްވުމެއް އެކުލަވައިލުމުގައި ޙަމާސުން އިސްކަން ދެނީ އެންމެ ކަމަކަށެވެ. އެއީ, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެނައުމެވެ. އަދި, ޣައްޒާއަށް އަރާފައިވާ ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން އެ ސަހަރުން ބޭލުމެވެ.
ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަން މުސްލިމުންނާ ދެކޮޅަށް އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 26,751 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16,000 އެއްހާ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 46,000 އަށް އަރައެވެ.