ޚަބަރު

ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިނގިރޭސިވިލާތުން ވިސްނަނީ


ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ މެދު އިނގިރޭސިވިލާތުން ވިސްނަމުންދާ ކަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވެއްޖެއެވެ. އޭނާ މި ކަން ހާމަ ކުރައްވާފައި ވަނީ, އިނގިރޭސިވިލާތުގައި ތިއްބަވާ ޢަރަބި ޤައުމުތަކުގެ ސަފީރުންނާ އެކު ބޭއްވި ބައްދަލު ކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކަށް ނިމުމެއް ގެނައުމަށް ސިޔާސީ އަދި ޚާރިޖީ ގޮތުން އެޅިދާނެ އެންމެ ހަރުދަނާ ފިޔަވަޅު ކަމުގައި ގަބޫލު ކުރައްވާ ކަމަށް ކުރިން ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ ކެމަރަން ވިދާޅުވިއެވެ. އަދި, ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި އިނގިރޭސިވިލާތުން ބަލައިގަނެފި ނަމަ, ފަލަސްޠީނާއި އިސްރާޢީލުގެ މިނިވަން ދެ ދަޢުލަތް ގާއިމު ކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ފުރުޞަތު ގެއްލިގެންދާނެ ކަމަށް ދެކޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ކެމަރަން ދެކެވަޑައިގަންނަވާ ގޮތުގައި, ދުނިިޔޭގެ މަސްރަޙު މި ވަގުތު މި އޮތީ ވަރަށް ހައްސާސް ފައްތަރެއްގައެވެ. މިއީ, ފިނި ހަނގުރާމައަށް ވުރެ ނުރައްކާ ހާލަތެއްގެ ގޮތުގައި އޭނާ ގަބޫލު ކުރައްވައެވެ. އަދި, ކުރީގެ ރޫސީވިލާތް ރޫޅުމަށް ފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކުރަސީގެ ރޫހު އާލާވެގެން ދިޔަ ނަމަވެސް, އެ ކަން ދަމަހައްޓަން މަސައްކަތް ކުރުމުގައި ޤައުމުތަކުގެ ވެރިން ފޭލުވެފައިވާ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވައެވެ.

މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކެމަރަން ވަރަށް ކައިރި މުސްތަޤުބަލެއްގައި މެދިއިރުމައްޗަށް ދަތުރުފުޅެއް ކުރައްވާނެއެވެ. އަދި, އެ ދަތުރުފުޅުގައި ދުނިޔޭގެ މަސްރަޙުގެ މިއަދުގެ ހާލަތާ މެދު އޭނާ ދެކެވަޑައިގަންނަވާ ގޮތް އެ ދަތުރުފުޅުގައި އޭނާ ހާމަ ކުރައްވާނެ ކަމުގައި އިނގިރޭސިވިލާތުގެ މީޑިޔާތަކުން ބުނެއެވެ. އަދި, ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން މެދުއިރުމަތީގެ އެހެން ސަރަޙައްދުތަކަށް ފުޅާވިޔަ ނުދިނުމަށް އިނގިރޭސިވިލާތަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެ ޤައުމުން ކުރާނެ ކަން ކެމަރަން ހާމަ ކުރައްވާނެ ކަމުގައި ވެސް އެ ޤައުމުގެ މީޑިޔާތަކުން ބުނެއެވެ.

ހުސްވި ހަފުތާގައި ވެސް ކެމަރަން ވަނީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކޮށްދިނުމާ ގުޅޭ ގޮތުން ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާ ކުރައްވާފައެވެ. އެމެރިކާއިން ވެސް ދަނީ ނަތަންޔާހޫއަށް މި ކަމުގައި ބާރު އަޅަމުންނެވެ. ނަމަވެސް, ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކޮށްދިނުމުގެ އެއްވެސް ވިސްނުމެއް ޖައްބާރު ނަތަންޔާހޫގެ ނެތެވެ.

"އެންމެ ފުރަތަމަ މަސައްކަތަކީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް އޮންނާނެ ގޮތުގެ ތަޞައްވުރެއް ސިފަކުރުން. އެ ދަޢުލަތުގައި ހިމެނޭނެ ބައިތަކާއި, ބާރުތައް ބެހިގެންދާނެ ގޮތާއި, ސަރުކާރު ހިނގާނެ ގޮތް ކަނޑައެޅުން. އެއާ އެކުއެކީގައި އަޅުގަނޑުމެންނަށް ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ މަސައްކަތް ފެށޭނެ. އަދި, އ.ދއިން ވެސް އެއީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަނެވޭނެ. އޭރުން, މި މަސައްކަތަށް ދެން ހުރަސް އެޅޭނެ ގޮތެއް ނޯންނާނެ،" ކެމަރަން ވިދާޅުވިއެވެ.

އޭނާ އަންނަ ހަފުތާގައި މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައި ވަނީ އޮމާނުންނެވެ. މިއީ, އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާންތައް ފެށި ފަހުން އޭނާ މެދުއިރުމައްޗަށް ކުރައްވާ ހަތަރު ވަނަ ދަތުރުފުޅެވެ.