ޚަބަރު

އެމެރިކާ ސިފައިން މަރާލި ޙަމަލާއަށް ދޭނެ ރައްދެއް ނިންމައިފިން: ބައިޑަން


އުރުދުންނާއި ސޫރިޔާގެ ސަރަޙައްދީ ރޮނގުގައި އެމެރިކާއިން ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒަށް ދިން ޙަމަލާއަށް ދޭނެ ރައްދެއް ނިންމާފައިވާ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. ނަމަވެސް އޭނާ ނިންމެވި ނިންމެވުމުގެ ތަފްޞީލެއް ނުދެއްވައެވެ. އޭނާ ވަނީ މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމަށް ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައެވެ.

ޓަވަރ 22ގެ ނަން ދީފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ޙަމަލާގައި އެމެރިކާގެ ސިފައިންގެ ތިން މީހުން މަރުވެ 40 މީހުން ޒަޚަމުވިއެވެ. އެއީ އޮކްޓޯބަރު 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީ އިސްތިޢުމާރީ ފައުޖުން ހަނގުރާމައެއް ފެށި ފަހުން ސިލްސިލާ ގޮތެއްގައި އެމެރިކާ ސިފައިންނާ ދެކޮޅަށް ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުގެ ސިފައިންގެ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. އެއާއެކު އެ ޙަމަލާއަށް ރައްދެއް ދިނުމަށް އެމެރިކާގެ ސިޔާސީވެރިން ވަނީ ބައިޑަންނަށް ބާރުއަޅައިފައެވެ.

ޓަވަރ 22އަށް ޙަމަލާ ދިން ޢިރާޤުގެ ކަތައިބް ޙިޒްބުﷲން ވަނީ އެމެރިކާ ސިފައިންނާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ހުއްޓާލާފައިވާކަން އިޢުލާންކޮށްފައެވެ. ސަބަބެއް ކަމުގައި އެ ޖަމާޢަތުން ބުނީ ޢިރާޤުގެ ސަރުކާރު ލަދުގަންނަވަން ބޭނުންނުވުމެވެ. ނަމަވެސް އެހެން ގޮތްގޮތުން ޣައްޒާގައި ކުރަމުންދާ ހަނގުރާމާގައި ޙަމާސް ޖަމާޢަތަށް ވާގިވެރިވާނެ ކަމުގައި އެ ޖަމާޢަތުން ވަނީ ބުނެފައެވެ. ކަތައިބް ޙިޒްބުﷲ އަކީ ޢިރާޤުގައި ޙަރަކާތްތެރިވާ އެންމެ ބާރުގަދަ ޖަމާޢަތެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެ ޖަމާޢަތުން އިސްވެ ޢިރާޤާއި ސޫރިޔާގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންނާ ދެކޮޅަށް 150 އަށްވުރެ ގިނަ ޙަމަލާ ދީފައިވެއެވެ.

އޮކްޓޯބަރު 7ވަނަ ދުވަހުގެ ފަހުން ފަލަސްޠީނާއި ލުބުނާނާއި ޢިރާޤާއި ސޫރިޔާއާއި ޔަމަނުގެ ހަނގުރާމަވެރިން ވަނީ ޔަހޫދީންނާ ދެކޮލަށް ތެދުވެފައެވެ.