މެލޭޝިޔާގެ ދެކުނުގައި އޮންނަ ޖޮހޯ ސްޓޭޓްގެ ރަސްގެފާނު ސުލްޠާން އިބްރާހީމް އެ ޤައުމުގެ ރަސްކަމުގެ ތަޚުތަށް ވަޑުވައިފިއެވެ.
މެލޭޝިޔާގައި ނުވަ ޝާހީ ޢާއިލާ އޮވެއެވެ. އަދި އެއިން ކޮންމެ ޢާއިލާއެއްގައި އެންމެ އިސްކޮށް ހުންނަވަނީ ރަސްކަލެކެވެ. މުޅި ޤައުމުގެ ރަސްކަން ކުރައްވަނީ އޭގެ ތެރެއިން އެއް ރަސްކަލެކެވެ. އަދި ކޮންމެ ފަސް އަހަރަކުން ރަސްކަން އެހެން ޝާހީ ޢާއިލާއެއްގެ ރަސްގެފާނާ ހަވާލު ކުރެއެވެ.
މެލޭޝިޔާގެ އައު ރަސްގެފާނު ސުލްޠާން އިބްރާހީމް ރަސްކަމުގެ ހުވާ ކުރައްވާފައި ވަނީ އެ ކަމަށް ޚާއްޞަކޮށްގެން ބޭއްވި ކުލަގަދަ އިޙުތިފާލެއްގައެވެ. މެލޭޝިޔާގެ ދަޢުލަތުގެ ނިޒާމު ބައްޓަންކޮށްފައި އޮތް ގޮތުން ރަސްކަމަކީ ރަމްޒީ ބާރެކެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައި އެ ޤައުމުގެ ރަސްކަލުންގެ ބާރު އިތުރަށް ފުޅާކޮށް ނުފޫޒު ގަދަ ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މެލޭޝިޔާގެ 13 ސްޓޭޓެއްގައި ރަސްކަން ކުރަނީ ނުވަ ޝާހީ ޢާއިލާއަކުންނެވެ. އެ ޝާހީ ޢާއިލާތަކުގައި އަބަދުވެސް ރަސްކަން ކުރައްވަނީ މެލޭ ދަރިކޮޅުގެ ރަސްކަލުންނެވެ. މެލޭޝިޔާގައި އެ ނިޒާމުގެ ދަށުން ރަސްކަން ކުރަން ފަށާފައި ވަނީ އިނގިރޭސީންގެ އަތްދަށުން އެ ޤައުމަށް މިނިވަންކަން ލިބުނު ހިސާބުން ފެށިގެންނެވެ. ކޮންމެ ފަސް އަހަރަކަށް ފަހު ދެން އޮތް ދައުރަށް ރަސްކަމުގެ ތަޚުތާ ހަވާޅުވެ ވަޑައިގަންނަވާނެ ރަސްކަލެއް ކަނޑައެޅުމުގެ ބާރު އޮންނަނީ އެ ޝާހީ ޢާއިލާތަކުގެ މައްޗަށެވެ.
މެލޭޝިޔާގެ އައު ރަސްގެފާނު ސުލްޠާން އިބްރާހީމަކީ 65 އަހަރުގެ ބޭފުޅެކެވެ. 16 ވަނަ ޤަރުނުން ފެށިގެން ޖޮހޯ ސްޓޭޓްގައި ރަސްކަން ކުރަމުން ދަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޢާއިލާއިންނެވެ. ސުލްޠާން އިބްރާހީމަކީ ސަރުކާރު ހިންގުމުގެ ކަންކަމުގައި ބަސް ވިދާޅުވާ އަދި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ނަމަވެސް އޭނާއަކީ މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ އަދި ފުރުއްވަމުން ގެންދަވާ ބޭފުޅުންނާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.
ސުލްޠާން އިބްރާހީމަކީ ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ މަހުޖަނެއް ވެސް މެއެވެ. އަގުބޮޑެތި ކާރާއި ސައިކަލު ފަދަ އުޅަނދުފަހަރަށް ލޯބި ކުރައްވާ އިބްރާހީމްގެ ވިޔަފާރި ކުންފުނިތަކުން ރިއަލް-އެސްޓޭޓްގެ ދާއިރާއިން ފެށިގެން ގޮސް މައިން ކުރުމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވެއެވެ. އޭނާ ކުންފުންޏަކުން މިހާރު ވެސް ދަނީ ޖޮހޯގައި ފޮރެސްޓް ސިޓީގެ ނަމުގައި 100 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި މަޝްރޫޢެއް ހިންގަމުންނެވެ.
ސުލްޠާން އިބްރާހީމަކީ މެލޭޝިޔާއާއި ސިންގަޕޫރާ ދެމެދު ޚާއްޞަ އިޤުތިޞާދީ ސަރަޙައްދެއް ގާއިމު ކުރުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޭނާގެ ރަސްކަމުގައި އެ ހުވަފެނުގައި ކުލަ ޖެހިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ހަލުވި ދުވެލީގެ ރޭލު ނިޒާމެއް ގާއިމު ކުރުމަށް ފަށާފައިވާ މަޝްރޫޢު އަވަސް ކުރުމަށް ވެސް އޭނާ ގެންދަަވަނީ ވަކާލާތު ކުރައްވަމުންނެވެ.
މެލޭޝިޔާގެ ސިޔާސީ މަސްރަޙު ހޫނުވެ ހަމަނުޖެހުމެއް އުފެދިދާނެ ކަމަށް ރަސްގެފާނަށް ފެނިވަޑައިގަންނަވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރުމުގެ ބާރު ރަސްގެފާނަށް އޮވެއެވެ. އެއީ އާންމު ގޮތެއްގައި ބޭނުން ކޮށްފައިވާ ބާރެއް ނޫން ކަމުގައިވީ ނަމަވެސް 2020 ވަނަ އަހަރު އެ ޤައުމުގެ ކުރީގެ ރަސްގެފާނު ސުލްޠާން ޢަބްދުالله ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ކަމަށް އޭނާއަށް ފެނިވަޑައިގެންނެވި ކެނޑިޑޭޓު ބޮޑުވަޒީރު ކަމުގެ މަޤާމަށް ޢައްޔަން ކުރައްވާފައެވެ. މެލޭޝިޔާގައި އެންމެ ފަހުން ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ތިން ބޭފުޅުންނަކީ ވެސް ރަސްގެފާނު ޢައްޔަން ކުރައްވާފައިވާ ބޭފުޅުންނެވެ.
މެލޭޝިޔާގެ 13 ސްޓޭޓްގެ ތެރެއިން ޖޮހޯއަކީ އެންމެ ބާރުގަދަ ސްޓޭޓްގެ ގޮތުގައި ބެލެވެއެވެ. އެ ޤައުމުގެ ސްޓޭޓްތަކުގެ ތެރެއިން އަމިއްލަ އަސްކަރިއްޔާއެއް އޮތް ހަމައެކަނި ސްޓޭޓަކީ ވެސް ޖޮހޯއެވެ. މެލޭޝިޔާއަށް އިނގިރޭސިންގެ ކިބައިން މިނިވަން ކަން ލިބިފައި ވަނީ 1957 ވަނަ އަހަރުއެވެ.