އީރާނާ ދެކޮޅަށް އެމެރިކާއިން ދޭ ކޮންމެ އިންޒާރަކަށް އެ ޤައުމުން ރައްދު ދޭނެ ކަމަށް ބުނެ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ އިސް ކޮމާންޑަރު މޭޖަރ ޖެނެރަލް ޙުސައިން ސަލާމީ އެމެރިކާއަށް އިންޒާރު ދެއްވައިފިއެވެ. ސަލާމީ އެމެރިކާއަށް އިންޒާރު ދެއްވާފައި ވަނީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ޙަމަލާގައި އެމެރިކާ ސިފައިންގެ ތިން މީހުން މަރައިލުމުން އެ ކަމުގެ ބަދަލު ހިފާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އުރުދުންގައި ހުންނަ ޓަވަރ 22ގެ ނަން ދީފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަށް ޑްރޯން ޙަމަލާއެއް ދީފައި ވަނީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތަކުން ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. އަދި އެ ޙަމަލާގެ ފަހަތުގައި އޮތީ އީރާން ކަމަށް ވެސް ބައިޑަން ޤަބޫލުފުޅު ކުރައްވައެވެ. ބައިޑަން ވިދާޅުވީ އެމެރިކާ ސިފައިންގެ ތިން މީހުން މަރައިލުމަށް ދިން ޙަމަލާގެ ފަހަތުގައިވާ ބަޔަކާ މެދު އަޅާނެ ފިޔަވަޅެއް ނިންމަވާފައިވާ ކަމުގައެވެ.
އުރުދުންގައި ދީފައިވާ ޙަމަލާއަކީ އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގައި ލާއިންސާނީ ޢުދުވާނެއް ފެށި ފަހުން މެދުއިރުމަތީގެ ޤައުމެއްގެ ތިބި އެމެރިކާ ސިފައިންގެ ބަޔަކު މަރާލި ފުރަތަމަ ފަހަރެވެ. އެމެރިކާއިން ބުނީ އެ ޙަމަލާގެ ފަހަތުގައި އޮތީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ކަތާއިބު ޙިޒްބުالله ކަމުގައެވެ. އެއީ އިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ވަރުގަދަ ޖަމާޢަތެކެވެ.
އެމެރިކާއިން ކުރަމުންދާ ތުހުމަތުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސަލާމީ ވިދާޅުވީ "އަޅުގަނޑުމެންނަށް އަޑުއިވޭ އެމެރިކާއިން ކުރަމުންދާ ތުހުމަތުތަކާއި ދެމުންދާ އިންޒާރުތައް. އަޅުގަނޑު ބުނަން އޮތީ, އަޅުގަނޑުމެންނަށް އެމެރިކާގެ ގޮތް ވަރަށް ރަނގަޅައަށް އެނގެޔޭ. އެމެރިކާގެ އެއްވެސް ތުހުމަތަކަށް ރައްދު ނުދީ ދޫކޮށެއް ނުލާނަން" ކަމުގައެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ ވެސް ވަނީ އެމެރިކާގެ ތުހުމަތުތަކާ ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ. "އެމެރިކާއިން އިންޒާރުތައް ދިނުން ހުއްޓައިލުމަށް ފަހު މައްސަލަތަކަށް ސިޔާސީ ހައްލެއް ހޯދަން މަސައްކަތް ފަށަން ޖެހިއްޖެ،" ކެބިނެޓުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްލުހައްުޔާނީ ވިދާޅުވިއެވެ.
ޢިރާޤާއި ސޫރިޔާގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންނާއި އެ ޤައުމުތަކުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކާ ދެމެދު ޙަމަލާ ބަދަލު ކުރުން ފަހަކަށް އައިސް އިތުރުވެފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޙަމަލާތައް އިތުރުވެފައި ވަނީ ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާންތައް ފެށުމާ ގުޅިގެންނެވެ.
އުރުދުންގައި ދިން ޑްރޯން ޙަމަލާއާ ގުޅިގެން އެމެރިކާއިން އީރާނަށް ތުހުމަތުގެ އިނގިލި ދިއްކުރުމުން އދގައި ހުންނަވާ އީރާނުގެ ސަފީރު ވެސް ވަނީ އެމެރިކާއަށް އިންޒާރު ދެއްވާފައެވެ. އަމީރު ސަޢީދީ އިރްފާނީ ވިދާޅުވީ އީރާނަށް ނުވަތަ އެ ޤައުމުގެ މަސްލަޙަތު އޮތް ތަނަކަށް ނުވަތަ އެ ޤައުމުގެ ރައްޔިތަކާ ދެކޮޅަށް އެމެރިކާއިން ޙަމަލާއެއް ދީފި ނަމަ އެ ޤައުމުން އެ ކަމުގެ ބަދަލު ހިފާނެ ކަމުގައެވެ.
ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޔަހޫދީ ފައުޖުން ސޫރިޔާއަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި އީރާނުގެ އިންޤިލާބީ ލަޝްކަރުގެ އިސް ކޮމާންޑަރުންތަކެއް ޝަހީދު ކޮށްލާފައެވެ. ޖަނަވަރީ 29 ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ސޫރިޔާއަށް ބޮންއަޅައި ދެ މީހަކު ޝަހީދު ކޮށްލާފައެވެ.
އެ ޙަމަލާ އަމާޒު ކޮށްފައި ވަނީ އީރާނުގެ އަސްކަރީ މުޝީރުންގެ މަރުކަޒަކަށް ކަމަށް ޔަހޫދީން ބުނި ނަމަވެސް ސޫރިޔާއިން އެ ކަން ދޮގު ކުރެއެވެ. އަދި ޖަނަވަރީ 15 ވަނަ ދުވަހު އީރާނުގެ އިންޤިލާބީ ލަޝްކަރުން ވެސް ވަނީ ޢިރާޤުގެ ކުރްދިސްތާން ސަރަޙައްދުގައި ހުންނަ ޔަހޫދީންގެ ޖާސޫސީ އިދާރާ ކަމުގައިވާ މޮސާދުގެ މައި މަރުކަޒަކަށް ބޮން އަޅާފައެވެ.