ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް ޖަރުމަނުވިލާތުގެ ވައިގެ ސަރަޙައްދަށް ވަންނަން މަސައްކަތް ކޮށްފައިވާ ކަމުގައި ޖަރުމަނުން ހާމަކޮށްފިއެވެ. ޖަރުމަނުގެ ވައިގެ ސިފައިން ބުނީ, ރަޝިޔާގެ އަސްކަރީ މަތިންދާބޯޓު އެތެރެވެފައި ވަނީ ބޯލްޓިކް ކަނޑުގައި އޮންނަ އެ ޖަރުމަނުގެ ރަށެއް ކަމުގައިވާ ރޫގަން ކައިރިއަށް ކަމުގައެވެ.
'ޓްރާންސްޕޮންޑަރ' ނުވަތަ އުޅަނދު އޮތް ސަރަޙައްދާއި އުދުހެމުން ދިޔަ އުސްމިން ފަދަ މަޢުލޫމާތު އެއަރ ޓްރެފިކް ކޮންޓްރޯލްތަކަށް އަންގައިދޭ ނިޒާމު ނިވައިލައިގެން ދަތުރު ކުރަމުންދިޔަ މަތިންދާބޯޓު ހުއްޓުވަން ޖަރުމަނުވިލާތުން ވަނީ ފިޔަވަޅު އަޅާފައެވެ. މި ގޮތުން, އެ ޤައުމުގެ ލާގާގައި އޮންނަ އަސްކަރީ ވައިގެ ބަނދަރަކުން އަސްކަރީ މަތިންދާބޯޓުތަކެއް ފޮނުވާފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ.
ޖަރުމަނުވިލާތުގެ ވައިގެ ސަރަޙައްދަށް ވަންނަން މަސައްކަތް ކޮށްފައި ވަނީ ރަޝިޔާގެ އައި.އެލް-20އެމް މަރުކާގެ އަސްކަރީ މަތިންދާބޯޓެކެވެ. ޖަރުމަނުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ރަޝިޔާގެ އުޅަނދު ކައިރިއަށް ގޮސް, އެއާ އެއްވަރަކަށް ދަތުރު ކޮށްފައެވެ. އެ ވަގުތު ބޯޓު އޮތީ ބައިނަލްއަޤުވާމީ ވައިގެ ސަރަޙައްދުގައި ނަމަވެސް, އެ ބޯޓު ޖަރުމަނުވިލާތުގެ ވައިގެ ސަރަޙައްދަށް އެތެރެވާން މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވެއެވެ. ޖަރުމަނުގެ އަސްކަރީ މަތިންދާބޯޓުތައް ވަށައިލުމުން, ރަޝިޔާގެ މަތިންދާބޯޓު ވަނީ މިސްރާބު ބަދަލުކޮށްފައެވެ.
މި ހާދިސާ ހިނގާފައި މި ވަނީ, ނޭޓޯގެ މެންބަރު ޤައުމުތަކާއި ރަޝިޔާއާ ދެމެދު އޮތް ގުޅުންތައް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ނޭޓޯއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ އިއްތިހާދުން ގަބޫލު ކުރެއެވެ. އަދި, އެެއީ ނޭޓޯއަށް ޙަމަލާއެއް ދޭން ތައްޔާރުވުމުގެ ގޮތުން ފަށާފައިވާ ހަނގުރާމައެއްގެ ގޮތުގައި ބަލައި, ނޭޓޯއިން ދަނީ ޔޫކްރެއިންގެ ފައުޖުތަކަށް އަސްކަރީ ދާއިރާއިންނާއި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ރަޝިޔާ ސިފައިން ފަށާފައިވާ ހަނގުރާމައިގައި އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް ވަނީ އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީގައިވާ ދޮންބާސްގެ ދެ ސަރަޙައްދެއް ކަމުގައިވާ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ރަށްތަކާއި އަވަށްތައް ހިމެނެއެވެ. ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުން ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.