ޚަބަރު

ކަތާއިބު ޙިޒްބުاللهން އެމެރިކާ ސިފައިންނަށް ޙަމަލާދިނުން މެދުކަނޑައިލައިފި


މެދުރިއުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް ދެމުންދާ ޙަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލާފައިވާ ކަން ކަތާއިބު ޙިޒްބުاللهން ހާމަކޮށްފިއެވެ. އީރާނުން ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވޭ އެ ޖަމާޢަތަކި ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ.

ކަތާއިބު ޙިޒްބުاللهން އެމެރިކާ ސިފައިންނަށް ދެމުންދާ ޙަމަލާ ދިނުން މެދުކަނޑައިލާފައި މި ވަނީ އުރުދުންގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒަކަށް ޑްރޯން ޙަމަލާއެއްދީ އެމެރިކާގެ ތިން ސިފައިން މަރައިލާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި އުރުދުންގެ 'ޓަވަރ 22' އަސްކަރީ މަރުކަަޒަށް ޙަމަލާ ދީފައި ވަނީ ކަތާއިބު ޙިޒްބުاللهގެ ހަނގުރާމަވެރިންނެވެ.

އެއީ, އީރާނުން އަޑީގައި އޮވެގެން ދީފައިވާ ޙަމަލާއެއް ކަމަށް ތުހުމަތު ކޮށް, އެމެރިކާއިން ވަނީ އެ ޙަމަލާގެ ބަދަލު ހިފާނެ ކަން އިޢުލާނު ކޮށްފައެވެ. ނަމަވެސް, އީރާނުން މި ތުހުމަތުތައް ދޮގު ކުރެއެވެ. އެ ޤައުމުން ބުނީ, ޢިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ 'އެކްސިސް އޮފް ރެސިސްޓެންސަ'ށް ނިސްބަތްވާ ހަތިޔާރު އެޅި ޖަމާޢަތްތަކަކީ އެ ޤައުމުން ކޮންޓްރޯލް ކުރާ ޖަމާޢަތްތަކެއް ނޫން ކަމުގައެވެ.

"ޢިރާޤުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ފައުޖުގެ ސިފައިންނާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމާފައިވާ ކަން އިޢުލާނު ކުރަން. މި ގޮތަށް ނިންމާފައި މި ވަނީ, ބަޣްދާދުގެ ސަރުކާރު ބަދުނާމުވިޔަ ނުދިނުމަށް. ނަމަވެސް, ޣައްޒާގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންގެ ޙައްޤުގައި ކުރަމުންދާ ޖިހާދު ހުއްޓައެއް ނުލާނަން،" އެމެރިކާ ސިފައިންނަށް ދޭ ޙަމަލާތައް މެދުކަނޑައިލާފައިވާ ކަން އިޢުލާނު ކުރަމުން ކަތާއިބު ޙިޒްބުاللهން ބުންޏެވެ.

ކަތާއިބު ޙިޒްބުاللهއަކީ ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ތެރެއިން އެންމެ ބާރުގަދަ ޖަމާޢަތެވެ. އެ ޖަމާޢަތް އުފެދިފައި ވަނީ 2003 ވަނަ އަހަރު އެމެރިކާގެ އިސްތިޢުމާރީ ސިފައިން ޢިރާޤަށް އަރައި ފެށި ހަނގުރާމައާ ގުޅިގެންނެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން އޮކްޓޫބަރު 7ގައި ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން ކަތާއިބު ޙިޒްބުاللهއާއި އެ ޖަމާޢަތާ ގުޅުން އޮތް ހަނގުރާމަވެރިން ވަނީ ޢިރާޤާއި ސޫރިޔާގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. އަދި, 150 އަށް ވުރެ ގިނަ ޙަމަލާ ދީފައެވެ.

ނަމަވެސް, މި ޙަމަލާތައް މެދުކަނޑައިލަން އެ ޖަމާޢަތުން އެއްބަސްވެފައި ވަނީ ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސުދާނީގެ އެދިވަޑައިގެންނެވުމުގެ މަތިންނެވެ. ޢިރާޤުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ފިރްހާދް ޢަލާއިއްދީން ވިދާޅުވީ, އުރުދުންގައި ދިން ޙަމަލާއާ ގުޅިގެން އެ ސަރަޙައްދުގެ މަސްރަޙު އިތުރަށް ހޫނުވިޔަ ނުދޭން ސުދާނީ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި, އެމެރިކާ ސިފައިންނަށް ދެމުންދާ ޙަމަލާތައް ހުއްޓުވަން ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކާއި ސިޔާސީ ވެރިންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައެވެ.