ޚަބަރު

ހުޅުމާލެ ސޯޝަލް ފްލެޓުތަކުގެ ކުލިން %20 ކުޑަކޮށްދީފި


  • ކުލި ކުޑަކޮށްދިނީ މިއަދުން ފެށިގެން

  • ކުރިއަށް އޮތް 20 އަހަރަށް ވަނީ ކުޑަކޮށްދީފައި

  • ޑިސްކައުންޓުގައި މެއިންޓެނަންސް ފީ ނުހިމެނޭނެ

މިއަދުން ފެށިގެން ހުޅުމާލެ ފޭސް 1ގައި ހުރި ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލިން 20 އިންސައްތަ ކުޑަކޮށްފިއެވެ.

ހުޅުމާލެ ފޭސް 1ގައި ހުރި ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލިން 20 އިންސައްތަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 ގައި ހިމެނޭކަމެކެވެ.

ސޯޝަލް ހައުސިންގެ ކުލި ކުޑަކުރުމާ ގުޅޭގޮތުން އެޗްޑީސީން ބުނީ އިންސްޓޯލްމަންޓްގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އަދަދުން، 20 އިންސައްތަ އުނިވާގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އަދި އެ ޑިސްކައުންޓުގައި މެއިންޓެނަންސް ފީ ނުހިމެނޭނެކަމަށް އެޗްޑީސީން ބުންޏެވެ. ފްލެޓުތަކުގެ ކުލިން %20 ކުޑަކޮށްދިނުމުން، ކުލީގެ ގޮތުގައި މަހަކު ޢާންމުން ދައްކަންޖެހޭނެ ޢަދަދުގެ ތަފްސީލް އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. މުޢިއްޒު ނިންމަވާފައި ވަނީ ކުލި ކުޑަކޮށްދިނުމާ އެކު، ނުދައްކާ ހުރި ކުލީގެ ފައިސާ ވެސް ބަހާލައިގެން ދެއްކޭނެ ގޮތްވެސް ހަމަޖައްސާދެއްވާފައެވެ.

ހުޅުމާލެ ފޭސް 1ގެ ފްލެޓުތަކުގެ ކުލިން ކުޑަކުރިބައި ސަރުކާރުން ހަމަޖައްސާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެލައްކަ ރުފިޔާގެ ފައިސާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށް ނިންމަވާފައެވެ. އެގޮތުން ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 3984 ރުފިޔާއަށް ވަނީ ކުޑަކޮށްދެއްވާފައެވެ. މީގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު %50 އަށް ކުޑަކޮށް މިހާރު ދައްކަމުންދާ އަދަދުވެސް ވަނީ ކުޑަކޮށްދެއްވާފައެވެ.

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރުން އަތޮޅު ތެރޭގައި ހުރި ހައުސިން ޔުނިޓްތަކުގެ އަގުތައް 3330 ރުފިޔާއަށްވެސް ވަނީ ކުޑަކޮށްފައެވެ. މިކުލިތައް ރައީސް ކުޑަކޮށްދެއްވީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ މައްދަތަށެވެ.