ރާއްޖޭގައި ޑްރޯން މެދުވެރިކޮށް ކާގޯގެ ޚިދުމަތް ފެށުމަށް ޤައުމީ ފެންވަރުގައި ދިރާސާއެއް ކުރުމަށް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫއާ ހަވާލުކޮށްފިއެވެ. ދިރާސާ ކުރުމަށް އެމްއެންޔޫއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، އާރުއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އަހުމަދެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ ދިރާސާގެ ބޭނުމަކީ ރާއްޖޭގައި އެއާ ކާގޯގެ ބޭނުން އޮތީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށް ކަމަށެވެ. އަދި އެ ދިރާސަގެ އަލީގައި ލިބޭ މަޢުލޫމާތު ތަކަށް ބެލުމަށްފަހު މިހާރު ފޯރުކޮށްދެމުންދާ އެއަކާގޯގެ ޚިދުމަތް އެހެން ގޮތަކަށް ފޯރުކޮށްދިނުމަށް ޑްރޯން ކާގޯގެ ޚިދުމަތް ފެށޭނެ މަގެއް ހޯދުމަކީ ވެސް ދިރާސާގެ ބޭނުމެއް ކަމަށް މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ ދުނިޔޭގެ ބޮޑެތި އެއާކާގޯގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޑްރޯން ޓެކްނޮލޮޖީ ބޭނުން ކުރާ ކަމަށާއި އެ ދިރާސާގެ ސަބަބުން ރާއްޖޭގައި ވެސް ޑްރޯން ޓެކްނޮލަޖީ ބޭނުންކުރެވެން ހުރި ގޮތްތައް ވެސް ދެނެގަނެވޭނެ ކަމަށެވެ. އަދި ޑްރޯން ކާގޯގެ ޚިދުމަތް ފަށަން ޖެހިއްޖެނަމަ ޚިދުމަތުގައި ބޭނުންކުރާނީ މުދާ އުފުލޭވަރުގެ ބޮޑެތި ޑްރޯންތަކެއް ބޭނުންކޮށްގެން ކަމަށް ވެސް މުބީން ވިދާޅުވިއެވެ.
"ޑްރޯންއާއެކު އެއާކާގޯގެ ފްލައިޓްތައް ބާއްވައިގެން ނަމަވެސް އެއާކާގޯގެ ނީޑްސް އޮތީ ކިހާވަރަކަށްތޯ ބަލާ އެކަންކަން ފެށުން. ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވާތީ، ރާއްޖޭގައި ބޭހާއި ކޮންޒިއުމާ ގުޑްސް ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ދަތިތައް ދެނެގަތުމަކީ މުހިއްމުކަމެއް." އާރްސީއެލްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވިއެވެ.
އެމްއެންޔޫގެ ޑެޕިއުޓީ ޗާންސެލަރު ޝެހެނާޒް އަހުމަދު ވިދާޅުވީ އެއާކާގޯއަކީ ރާއްޖޭގެ އިޤްތިޞާދީ ހުރިހާ ދާއިރާއަކަށް މުހިންމު ޚިދުމަތެއްކަމަށެވެ. އަދި އެ ދިރާސާއިން އެއަކާގޯ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ދަތިތައް ދެނެގަނެވޭނެކަމަށެވެ.
"މި ދިރާސާއިން ރާއްޖޭގައި މި ވަގުތު އެއާ ކާގޯގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހާލަތު ދެނެގަނެވޭނެ. ރާއްޖޭގައި ކާގޯ ރައްކާކުރެވެން ހުރި ފެސިލިޓީތަކާއި އެ ތަންތަނުގެ ކެޕޭސިޓީ އާއި އެއާކާގޯއިން ގެންދާ ކާބޯތަކެތި ރައްކާތެރިކަމާއެކު ސްޓޯކުރެވޭނެ އިންތިޒާމުތައް ހުރިތޯ ވެސް ދެނެގަނެވޭނެ." ޝެހެނާޒް ވިދާޅުވިއެވެ.
އެމްއެންޔޫއިން ކުރިއަށްގެންދާ ދިރާސާއަކީ ޢާންމުންނާ އިންޓަވިއުކޮށްގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ދިރާސާއެކެވެ.. އެ ގޮތުން ފުރަތަމަ މަރުހަލާގައި ސީދާ މާލެއިން ރަށްރަށަށް ކާގޯގެ ޚިދުމަތް އޮތް މިންވަރު ބަލާ ދެނެގަންނާނެކަމަށް އާރްސީއެލްއިން ބުނެއެވެ. އަދި ދެވަނަ މަރުހަލާގައި އަތޮޅުތަކުގައި އުފައްދާ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ ބޭނުން އޮތް މިންވަރު ބަލާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކާގޯ އުފުލުމުގައި މިހާރު ޢާންމުކޮށް ބޭނުންކުރަނީ ކަނޑުއުޅަނދުފަހަރާއި މަތިންދާބޯޓެވެ. އެ ޚިދުމަތުގައި ޑްރޯން ބޭނުންކުރުން ވެގެންދާނީ ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރެވިގެންދާނެ ކަމަކަށެވެ. އަދި ޑްރޯން ބޭނުންކޮށްގެން އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމަތަކުން މިހާރު ވެސް ދެމުންދާ ޚިދުމަތެކެވެ.