ފުވައްމުލައް ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް (ބޮޑުބެ ޗެލެންޖް) ގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯރޓްސް ކްލަބުން ހޯދައިފިއެވެ.
ހޯދަޑު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އައްޔަނި ސްޕޯރޓްސް ކްލަބާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު 2-2 ން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 ން ކުރި ހޯދައިގެންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާ ފުރަތަމަ ހާފްގައި ކުރި ހޯދީ އައްޔަނި ސްޕޯރޓްސް ކްލަބުންނެވެ. އެއީ އަޒްޔާން އިބްރާހީމް އާއި މުޙައްމަދު އިމްރާންގެ ލަނޑުންނެވެ. ހޯދަޑުން ފުރަތަމަ ހާފްގެ ފަހު ދެތިން ސިކުންތުގެ ތެރޭގައި ލަނޑެއް ޖަހާ ފަރަގު ކުޑަކުރިއެވެ. އެއީ އަހުމަދު ހަމީދުގެ ލަނޑުންނެވެ. ދެވަނަ ހާފްގައި ހޯދަޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން އާރިފް އަހުމަދުގެ ލަނޑުންނެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ހޯދަޑުން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. އެކަމަކު އައްޔަނި ސްޕޯރޓްސް ކްލަބުން ޕެނަލްޓީ ޖެހި ހުސެއިން ޝަރީފްގެ ޕެނަލްޓީ ކީޕަރު އަޝްރަފް އަބްދުالله މަތަކުރިއެވެ. އަދި މުޙައްމަދު އިމްރާން ޖެހި ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ. ޕެނަލްޓީ ކާމިޔާބުކުރީ ކެޕްޓަން އަލީ ޝަމާލް އަބްދުالله އާއި ޝަނާން ރަޝާދު އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ހޯދަޑު ކީޕަރު އަޝްރަފް އެވެ.މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ހޯދަޑުގެ އަހުމަދު އަފްލާޒު އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އަފްލާޒު އާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އަޝްރަފްގެ އިތުރުން ހިމެނެނީ އައްޔަނި ސްޕޯރޓްސް ކްލަބްގެ ޝަމާލް އާއި ހުސެއިން ޝަރީފް އާއި ޝަނާން ރަޝާދު އެވެ.
ރަންބޫޓް ދެ ކުޅުންތެރިއަކު ހިއްސާކުރިއެވެ. އެއީ އަފްލާޒުގެ އިތުރުން ޔުނައިޓެޑް ދިގުވާނޑޮގެ އަހުމަދު ބައްސާމް މުޙައްމަދު ނައީމް އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ހޯދަޑުގެ ޔޫނުސް އެވެ. އެންމެ މޮޅު ކޯޗަކީ ހޯދަޑަށް ޗެމްޕިއަންކަން ހޯދައިދިން ކޯޗެވެ. ފެއަރޕްލޭ ޓީމަކީ ގަލޯނާ ސްޕޯރޓްސް ކްލަބެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ އަދި ރަނަރަޕް ޓީމަށް 25,000 ރުފިޔާ ވަނީ ދީފައެވެ. އަދި އަންނަ އަހަރުގެ މުބާރާތް މެއި މަހުގެ ފަހު ހަފްތާގައި ފަށާނެކަން އިއުލާނުކުރިއެވެ. އަންނަ އަހަރު ޔޫތް ލީގެއްވެސް ކުރިއަށް ގެންދަން ނިންމާ އެކަންވެސް ވަނީ އިއުލާނުކޮށްފައެވެ.