ޚަބަރު

އެމެރިކާއިން ޙޫޘީންގެ ޑްރޯންތަކަކަށް ޙަމަލާދީފި


ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ހޫޘީން ތައްޔާރީ ހާލަތަށް ގެނެސްފައިވާ ޑްރޯންތަކަކަށް އެމެރިކާއިން ޙަމަލާދީ އެ ތަކެތި ނައްތައިލައިފިއެވެ. ޙޫޘީން މި ކަން ކަށަވަރު ކޮށްދީފައި ނުވި ނަމަވެސް, އެމެރިކާގެ އޮފިޝަލަކު ބުނީ ރަތް ކަނޑުގައި ދަތުރުކުރާ އާގުބޯޓުފަހަރަށް ޙަމަލާ ދިނުމަށް އެ ޖަމާޢަތުން ތައްޔާރު ކޮށްފައިވާ 10 ޑްރޯނަށް ޙަމަލާދީ އެ ތަކެތި ހަލާކު ކޮށްލާފައިވާ ކަމުގައެވެ.

ރަތް ކަނޑުގައި ދަތުރު ކުރާ އުޅަނދުފަހަރަށް ހޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފެށުމާ ގުޅިގެން އެ ކަމުގެ ރައްދުގައެވެ. ހޫޘީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, ޒަޔަނިސްޓު އިސްރާޢީލަށް މުދާ ގެންދާ އާގުބޯޓުފަހަރާއި, ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރަށެވެ. އަދި, އެމެރިކާއާއި އިނގިރޭސިވިލާތާ ގުޅުން އޮތް އުޅަނދުފަހަރަށެވެ.

ޙޫޘީންގެ ޙަމަލާތައް ހުއްޓުވުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ވަނީ އަސްކަރީ ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭނުގެ ދަށުން ރަތް ކަނޑުގެ ސަރަޙައްދަށް އަސްކަރީ މަނަވަރުތައް ވަނީ ފޮނުވާފައެވެ. އަދި, އެ ދެ ޤައުމުގެ އަސްކަރިއްޔާއިން ގުޅިގެން ދަނީ ޔަމަނަށް ބޮން އަޅަމުންނެވެ. އެމެރިކާގެ ޙަމަލާތަކާ ގުޅިގެން އެ ސަރަޙައްދުގެ މަސްރަޙު އިތުރަށް ހޫނުވެފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ހޫޘީންގެ 10 ޑްރޯނެއް ނައްތައިލާފައިވާ ކަން އެމެރިކާއިން ހާމަކޮށްފައިވާ ދަނޑިވަޅުގައި, އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އުޅަނދުފަހަރަށް ޙަމަލާ ދޭން އުދުއްސައިލާފައިވާ ތިން ޑްރޯނަކާއި, ބެލިސްޓިކް މިސައިލެއް ވެސް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް, އަދި އެއްވެސް އުޅަނދަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ވެސް ސެންޓްރަލް ކޮމާންޑުން ބުންޏެވެ.

ރަތް ކަނޑާއި އަދަން ކަނޑުގައި ހޫޘީން ދެމުންދާ ޙަމަލާތަކުގެ ބޭނުމަކީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމަށް ބާރު އެޅުމެވެ. ހޫޘީންގެ ޙަމަލާތަކާ ގުޅީގެން ރަތް ކަނޑު ހުރަސްކޮށް މުދާ އުފުލުމަށް ވަނީ ހުރަސް އެޅިފައެވެ. އަދި, މި ކަމުގެ އަސަރު ބައިނަލްއަޤުވާމީ ވިޔަފާރިއަށް ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އަދަން ކަނޑުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އާގުބޯޓަކަށް ވެސް ދާދިފަހުން ޙަމަލާތައް އަމާޒު ކޮށްފައިވާނެ ކަމުގައި ހޫޘީން ބުނެއެވެ. އަދި, އެމެރިކާގެ އަސްކަރިއްޔާގެ ޑިސްޓްރޯޔަރ މަރުކާގެ މަނަވަރެއް ކަމުގައިވާ 'ގްރޭވްލީ'އަށް ވެސް ދާދި ފަހުން ހޫޘީން ވަނީ މިސައިލް ޙަމަލާތަކެއް ދީފައެވެ.

ހޫޘީންނާ ދެކޮޅަށް ހިންގަމުުންދާ އަސްކަރީ ކެމްޕޭނަށް ކުރިއެރުންތަކެއް ލިބިފައި ނުވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އެއްބަސްވެ ވަޑައިގަންނަވައެވެ. އަދި, ޔަމަނަށް ބޮން އެޅި ނަމަވެސް, ހޫޘީންގެ ޙަމަލާތައް މަދުވެފައި ނުވާ ކަން ވެސް އޭނާ ގަބޫލުފުޅު ކުރައްވައެވެ.