ޚަބަރު

ވަގުތީ އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް ޔަހޫދީން ޣައްޒާއިން ފައިބަން ޖެހޭނެ: ޙަމާސް


ޣައްޒާއަށް އަރައި ޢުދުވާން ހިންގަމުންދާ ޔަހޫދީ ފައުޖުގެ ސިފައިން އެ ސަހަރުން ނުފައިބާ ނަމަ, ޔަހޫދީންނާ އެކު ޙަމާސުން އެއްބަސްވުމެއް އެކުލަވައި ނުލާނެ ކަން ހާމަވެއްޖެއެވެ. ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލުމާ ގުޅޭ ގޮތުން ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރާ މަޝްވަރާތަކުގައި މެދުވެރިންގެ ދަޢުރު އަދާ ކުރަނީ ޤަޠަރާއި މިޞްރުންނެވެ. އެ ދެ ޤައުމުން ވަނީ, އައު އެއްބަސްވުމެއް ޙަމާސް ޖަމާޢަތަށް ހުށަހަޅާފައެވެ. އަދި ޙަމާސުން މިހާރު ދަނީ އެ އެއްބަސްވުން ދިރާސާ ކުރަމުންނެވެ.

މި އެއްބަސްވުމުގެ މަޢުލޫމާތު އިނގޭ ފަލަސްޠީނުގެ އޮފިޝަލަކު ވިދާޅުވީ, އައު އެއްބަސްވުމުގެ ދަށުން ޢުދުވާންތައް 40 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލަން ޔަހޫދީންނާއި އެމެރިކާއިން އެއްބަސްވެފައިވާ ކަމުގައެވެ. އަދި, އެ މުއްދަތުގެ ތެރޭގައި ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ތެރޭގައި ހިމެނޭ އާންމު ރައްޔިތުން މިނިވަން ކުރަން ޖެހޭނެ ކަމުގައެވެ. އެއަށްފަހު, ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ ފައުޖުގެ ސިފައިން ވެސް މިނިވަން ކުރަން ޖެހޭނެއެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ ފަލަސްޠީނުގެ އޮފިޝަލް ވިދާޅުވީ މި އެއްބަސްވުމުގައި ޙަމާސުން ސޮއި ކުރާނީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ނިމުމަކަށް ގެނެސް, އެ ސަހަރަށް އަރާފައިވާ ޔަހޫދީ ފައުޖުގެ ހުރިހާ ސިފައިން ބޭލުމަށް ޔަހޫދީން އެއްބަސްވުމުން ކަމަށް ބެލެވޭ ކަމުގައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 27,000 އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ އިތުރު ބަޔެއްގެ ހަށިތައް, ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ އޮފިޝަލުން ވިދާޅުވިއެވެ.

ހުސްވި އަހަރުގެ ނޮވެންބަރު މަހު ދެ ފަރާތުގެ މެދުގައި އެކުލަވައިލި އެއްބަސްވުމެއްގެ ދަށުން ޔަހޫދީން ވަނީ ޢުދުވާންތައް 7 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލާފައެވެ. އަދި, ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ 253 އަސީރުންގެ ތެރެއިން ބައެއް މީހުން ވަނީ މިނިވަން ކޮށްފައެވެ. އެ ޖަމާޢަތުގެ ބެލުމުގައި ދަށުގައި މިހާރު ތިބީ 100 ވަރަކަށް އަސީރުންނެވެ.

ޔަހޫދީންގެ ޢުދުވާނުގައި ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީ ވަނީ ނިިކަމެތި ކޮށްލާފައެވެ. އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރަނީ ޔަހޫދީންގެ ބެލުމުގެ ދަށުންނެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ މިންވަރަށް އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރަމުން ނުދާ ކަމުގައި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ބުނެއެވެ. މި ކަމާ ގުޅިގެން ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ވަނީ ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައެވެ.

ދެ ފަރާތުގެ މެދުގައި މިހާރު ޚިޔާލު ތަފާތުވުން އުފެދިފައި ވަނީ, ޢުދުވާން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ފަހު ދެން އަމަލު ކުރާނެ ގޮތަކާ މެދުއެވެ. ޙަމާސުން ބޭނުން ވަނީ ޣައްޒާއަށް އަރާފައިވާ ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުގެ ހުރިހާ ސިފައިން އެ ސަހަރުން ފޭބުމަށެވެ. ނަމަވެސް, ޙަމާސް ޖަމާޢަތް ނައްތައިލުމަށް ފަހު މެނުވީ ޔަހޫދީ ފައުޖުން ޣައްޒާއިން ބާލަން ޒަޔަނިސްޓު އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ ދެކޮޅު ހަދަމުންނެވެ.

ޙަމާސުން ބުނީ, ޔަހޫދީ ފައުޖުން ޣައްޒާއިން ފައިބަން އެއްބަސްނުވާ ނަމަ, ވަގުތީ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ދެކޮޅު ހަދާނެ ކަމުގައެވެ. ނަމަވެސް, މިހާރު ހުށަހަޅާފައިވާ އެއްބަސްވުމާ މެދު ފުންކޮށް ވިސްނަމުންދާ ކަމަށާއި, މި އެއްބަސްވުމުގެ ދެލިކޮޕީއާ މެދު މަޝްވަރާ ކުރުމަށް އެ ޖަމާޢަތުގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ދާދި އަވަހަށް ޤާހިރާއަށް ޒިޔާރަތް ކުރައްވާނެ ކަމުގައި އެ ޖަމާޢަތުން ހާމަ ކުރެއެވެ.