އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ގެދޮރު ސުންނާފަތިކޮށް, ނިކަމެތި ހާލުގައި ޖައްސާފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކު މި ވަގުތު ދިރުއުޅެމުންދާ ރަފަޙަށް ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކުރުން އިތުރު ކޮށްފިއެވެ. ޔަހޫދީންގެ ޢުދުވާނާ ގުޅިގެން ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ އެންމެ ދެކުނުގައި އޮންނަ ރަަފަޙަށް ހިޖުރަ ކޮށްފައެވެ. އޭގެ ތެރެއިން ގިނަ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކާއި ހުސް ބިންތަކުގައި ޓެންޓު ޖަހައިގެންނެވެ.
މީގެ ކުރިން ޔަހޫދީ ފައުޖުގެ ޙަމަލާތައް އެންމެ ބޮޑަށް ވަރުގަދަ ކޮށްފައި ވަނީ ރަފަޙާ އިންވެގެން އޮތް ޚާން ޔޫނިސަށެވެ. ނަމަވެސް, އެ ރަށުގައި ހިންގި ޢުދުވާންތައް ކާމިޔާބު ކަމަށް ބުނެ, ރަފަޙަށް ޙަމަލާތައް އަމާޒު ކުރަން ނިންމާފައިވާ ކަމުގައި ޔަހޫދީ ފައުޖުން ބުނެއެވެ. މިއާ އެކު, ޚާން ޔޫނިސަށް އެއްގަމު މަގުން އަރާފައިވާ ޒަޔަނިސްޓު އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ރަފަޙަށް އަރަން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ. ރަފަޙަށް ދެމުންދާ ޙަމަލާތައް އިތުރު ކުރާ ނަމަ, އެތަކެއް ހާސް ބަޔަކު ޝަހީދުވާނެ ކަމަށް ބެލެވެއެވެ. މިއާ އެކު, ރަފަޙްގައި ވަނީ ބިރުވެރިކަމާއި މާޔޫސް ކަން އިތުރުވެފައެވެ.
ރަފަޙްގައި މި ވަގުތު މިލިޔަނަކަށް ވުރެ ގިނަ ޢަދަދެއްގެ މީހުން ވަގުތީ ހިޔާތަކާއި ޓެންޓުތަކުގައި ދިރިއުޅެމުންދާ ކަމުގައި ބައިނަލްއަޤްވާމީ އިދާރާތަކުން ބުނެއެވެ. ރަފަޙަށް ދެމުންދާ ޙަމަލާތައް އިތުރު ކުރަން ޔަހޫދީ ފައުޖުން ފަށާފައި މި ވަނީ, ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހުއްޓުވަން ސިޔާސީ ހައްލެއް ހޯދުމަށް ޙަމާސާއި ޤަޠަރާއި މިޞްރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޤަޠަރާއި މިޞްރުން ގުޅިގެން އެކުލަވައިލާފައިވާ އައު އެއްބަސްވުމެއް ޙަމާސް ޖަމާޢަތުން މި ވަގުތު ދަނީ ދިރާސާ ކުރަމުންނެވެ. މި އެއްބަސްވުމުގެ ދެލިކޮޕީ އެކުލަވައިލާފައި ވަނީ ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުސްވި ހަފުތާގައި ބޭއްވި މަޝްވަރާތަކަށް ފަހުއެވެ. ޤަޠަރާއި މިޞްރުން ބުނީ, އައު އެއްބަސްވުމަށް ޙަމާސް ޖަމާޢަތުގެ އާނބަސް ދޭނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ.
މި އެއްބަސްވުމުގެ މަޢުލޫމާތު އިނގޭ ފަލަސްޠީނުގެ އޮފިޝަލަކު ވިދާޅުވީ, އައު އެއްބަސްވުމުގެ ދަށުން ޢުދުވާންތައް 40 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލަން ޔަހޫދީންނާއި އެމެރިކާއިން އެއްބަސްވެފައިވާ ކަމުގައެވެ. އަދި, އެ މުއްދަތުގެ ތެރޭގައި ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ތެރޭގައި ހިމެނޭ އާންމު ރައްޔިތުން މިނިވަން ކުރަން ޖެހޭނެ ކަމުގައެވެ. އެއަށްފަހު, ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ ފައުޖުގެ ސިފައިން ވެސް މިނިވަން ކުރަން ޖެހޭނެއެވެ.
ނަން ހާމަކޮށްފައި ނުވާ ފަލަސްޠީނުގެ އޮފިޝަލް ވިދާޅުވީ މި އެއްބަސްވުމުގައި ޙަމާސުން ސޮއި ކުރާނީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ނިމުމަކަށް ގެނެސް, އެ ސަހަރަށް އަރާފައިވާ ޔަހޫދީ ފައުޖުގެ ހުރިހާ ސިފައިން ބޭލުމަށް ޔަހޫދީން އެއްބަސްވުމުން ކަމަށް ބެލެވޭ ކަމުގައެވެ.
ނަމަވެސް, އެއްބަސްވުމާ ގުޅޭ ގޮތުން ޙަމާސުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެެއެވެ. އައު އެއްބަސްވުމުގައިވާ ކަންކަމާ ގުޅޭ ގޮތުން މިޞްރުގެ އޮފިޝަލުންނާ އެކު މަޝްވަރާތައް ބޭއްވެވުމަށް އެ ޖަމާޢަތުގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ވަރަށް އަވަހަށް ޤާހިރާއަށް ވަޑައިގަންނަވާނެ ކަމުގައި ބެލެވެއެވެ.
ހުސްވި އަހަރުގެ ނޮވެންބަރު މަހު ދެ ފަރާތުގެ މެދުގައި އެކުލަވައިލި އެއްބަސްވުމެއްގެ ދަށުން ޔަހޫދީން ވަނީ ޢުދުވާންތައް 7 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލާފައެވެ. އަދި, ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ 253 އަސީރުންގެ ތެރެއިން ބައެއް މީހުން ވަނީ މިނިވަން ކޮށްފައެވެ. އެ ޖަމާޢަތުގެ ބެލުމުގައި ދަށުގައި މިހާރު ތިބީ 100 ވަރަކަށް އަސީރުންނެވެ.
އޮކްޓޫބަރު 7 ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 27,000 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16,000 އަށްވުރެ ގިނަ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 66,000 ފަހަނަ އަޅާފައެވެ. ނަމަވެސް, ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓައިލާނެ ކަމުގެ ކޮޅުމަތި ފެންނަން ނެތް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.