ޚަބަރު

އިންތިޚާބާ ދިމާކޮށް ޕާކިސްތާނުގެ ޤައުމީ އެއަރލައިން ވިއްކައިލަނީ


ޕާކިސްތާނުގެ ޤައުމީ އެއަރލައިން ކަމުގައިވާ ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސް (ޕީ.އައި.އޭ) ވިއްކައިލަން ނިންމައިފިއެވެ. އެ ކުންފުނި ޕްރައިވެޓައިޒް ކުރަން ނިންމާފައި މި ވަނީ, ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ވޯޓުލުން މި ހަފުތާގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.

މި ކަން އިޢުލާނު ކުރައްވަމުން އެ ޤައުމުގެ ޕްރައިވެޓައިޒޭޝަން ވުޒާރާގެ މިނިސްޓަރު ފަވާދް ޙަސަން ފަވާދް ވިދާޅުވީ ޕީ.އައި.އޭ ޕްރައިވެޓައިޒް ކުރުމާ ގުޅޭ މަސައްކަތްތަކުގެ 98 އިންސައްތަ ނިމިފައިވާ ކަމުގައެވެ. އަދި, އިންތިޚާބަށް ފަހު އެކުލަވައިލާ އައު ސަރުކާރުގެ ކެބިނެޓުން ރުހުން ދިނުމާއެކު ޕީ.އައި.އޭ ވިއްކައިލުމުގެ މަސައްކަތް ފުރިހަމަވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕީ.އައި.އޭއަކީ ފައިދާވާ ކުންފުންޏެއް ނޫނެވެ. އެ ކުންފުނި ވިއްކައިލަން ޕާކިސްތާނުުގެ ކުރީގެ ސަރުކާރުތަކުން ވަނީ ނުކުޅެދިފައެވެ. ނަމަވެސް, އެ ޤައުމުގެ އިޤުތިޞާދީ ހާލަތު އޮތް ގޮތުން, އެ ކަން މި ވަނީ މަޖުބޫރުވެފައެވެ. އެ ކުންފުނި ވިއްކައިލަން ޕާކިސްތާނުގެ ސަރުކާރުން ނިންމާފައި ވަނީ ބައިނަލްއަޤުވާމީ މާލީ ފަންޑު (އައި.އެމް.އެފާ) އެކު ހަދާފައިވާ 3 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް އެއްބަސްވުމެއްގެ ދަށުންނެވެ. ޕާކިސްތާނުގައި މި ވަގުތު ވެރިކަން ކުރާ ވަގުތީ ސަރުކާރުން މި ކަމަށް އެއްބަސްވެފައި ވަނީ އައި.އެމް.އެފުން އެ ކަމަށް ބާރު އެޅުމުގެ ސަބަބުންނެވެ.

ޕާކިސްތާނުގެ އާންމު އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އަދި, އިންތިޚާބަށް ފަހު, އިންތިޤާލީ މަރުޙަލާ ނިމުމުގެ ކުރިން ޕީ.އައި.އޭ ވިއްކައިލުމަށް ވަގުތީ ސަރުކާރުގެ ކެބިނެޓުން ރުހުން ދޭނެ ކަމުގައި ފަވާދް ވިދާޅުވިއެވެ. މި ކަމުގައި އެ ޤައުމަށް މާލީ ލަފާ ފޯރުކޮށްދެމުން ދަނީ އަރންސްޓް އެންޑް ޔަންގް ކުންފުނިންނެވެ.

"ފާއިތުވި ހަތަރު މަހުގެ ތެރޭގައި [ވަގުތީ] ސަރުކާރުން ކޮށްފައި މި ވަނީ, މީގެ ކުރީގެ ސަރުކާރުތަކަށް ނުވެފައި އޮތް ބޮޑު މަސައްކަތެއް. މި މަސައްކަތް ރުޖޫޢަ ކުރެވޭނެ ގޮތެއް ދެން ނޯންނާނެ،" ފަވާދް ވިދާޅުވިއެވެ. ޕީ.އައި.އޭ ވިއްކައިލުމަކީ, ކުރިއަށް އޮތް ތަނުގައި ވެސް އައި.އެމް.އެފްގެ މާލީ އެހީތެރިކަން ހޯދުމަށް ޕާކިސްތާނަށް މުހިންމު ނިންމުމެކެވެ. މިހާރު އަމަލު ކުރަމުންދާ އައި.އެމް.އެފްގެ އެއްބަސްވުމުގެ މުއްދަތު އަންނަ މާރިޗު މަހުގައި ހަމަވާނެއެވެ.

ޕީ.އައި.އޭ ވިއްކައިލުމާ އެއްބަސްވުމާ ބެހޭ މަޢުލޫމާތު އެނގޭ ފަރާތަކުން ބުނީ, އެ ކުންފުނީގެ ދަރަނި އެހެން ކުންފުންޏަކަށް ބަދަލު ކުރުމަށް ފަހު, ކުންފުނީގެ 51 އިންސައްތަ ހިއްސާ ޕްރައިވެޓް ކުންފުންޏަކަށް ދޫކޮށްލެވޭނެ ކަމުގައެވެ. އަދި, އެ ކުންފުންޏަށް ޕީ.އައި.އޭ ހިންގުމުގެ ހުރިހާ ބާރެއް ދޫކޮށްލާނެ ކަމުގައި ވެސް އެ ފަރާތުން މީޑިޔާއަށް މަޢުލޫމާތު ދިނެެވެ. މި ކަމަށް ބޭނުންވާ ހުރިހާ އެހީތެރިކަން ޕީ.އައި.އޭގެ ފަރާތުން ފޯރުކޮށްދެމުންދާ ކަމުގައި އެ ކުންފުނީގެ ތަރުޖަމާނު ޢަބްދުالله ހާފިޛް ޚާން ވިދާޅުވިއެވެ.

މި ފެށޭ ހަފުތާގެ ބުރާސްފަތި ދުވަހު ބާއްވާ އާންމު އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީ.އެމް.އެލް.އެން) ޕާޓީން ކުރި ހޯދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. އޭނާއާ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއާ ދެކޮޅަށް ވަނީ ބޮޑެތި ޖަލު ހުކުމްތަކެއް އިއްވާފައެވެ. ހުސްވި ހަފުތާގައި ޕާކިސްތާނުގެ އަސްކަރީ ކޯޓަކުން ވަނީ ޚާންއާ ދެކޮޅަށް ދެ ހުކުމެއް ކޮށްފައެވެ. އެއީ, 10 އަހަރުގެ ޖަލު ހުކުމަކާއި 14 އަހަރުގެ ޖަލު ހުކުމެކެވެ.