މެލޭޝިޔާގައި ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ރޮހިންޔާގެ ރެފިއުޖީން ބައިތިއްބާފައި ތިބި ޑިޓެންޝަން ސެންޓަރަކުން ފިލަން އުޅުމުގެ ތެރޭގައި އެކަކު މަރުވެއްޖެއެވެ. މެލޭޝިޔާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނީ, ޤަވާޢިދާ ޚިލާފަށް އުޅޭ ރޮހިންޔާގެ ރައްޔިތުން ބައިތިއްބާފައި ތިބި މަރުކަޒުން 131 މީހުން ފިލާފައިވާ ކަމުގައެވެ. އޭގެ ތެރެއިން އެކަކު މަރުވީ ހައިވޭއެއް ހުރަސް ކުރަން އުޅުމުގެ ތެރޭގައި ކާރެއްގައި ޖެހިގެންނެވެ.
އެ މީހުން ފިލާފައި ވަނީ މެލޭޝިޔާގެ ހުޅަނގުގައި އޮންނަ ޕެރާ ސްޓޭޓްގެ ރަށެއް ކަމުގައިވާ ބީޑޯގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުންނެވެ. މެލޭޝިޔާގެ އިމިގްރޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރ-ޖެނެރަލް ރުސްލިން ޖުސޯ ވިދާޅުވީ, އެ ތަނުން ފިލާފައިވާ މީހުންގެ ތެރޭގައި ރޮހިންޔާ ދަރިކޮޅުގެ 115 މީހަކާއި, މިޔަންމާ ދަރިކޮޅުގެ 16 މީހުން ހިމެނޭ ކަމުގައެވެ. އަދި, އެ މީހުން ހޯދުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާ ކަމުގައެވެ. ފިލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ފިރިހެނުންނެވެ.
މިއީ, މެލޭޝިޔާގައި މި ފަދަ ހާދިސާއެއް ހިނގާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރުގެ އޭޕްރިލް މަހު ވެސް, ރޮހިންޔާ ދަރިކޮޅުގެ މީހުން ބައިތިއްބާފައި ތިބި ޑިޓެންޝަން ސެންޓަރަކުން 582 މީހުން ފިލަން މަސައްކަތް ކުރިއެވެ. އެ ފަހަރު ވެސް, މަގުމަތީގެ އެކްސިޑެންޓުތަކެއްގައި އޭގެ ތެރެއިން ހަ މީހުން މަރުވިއެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ގަތުލުއާންމުން ސަލާމަތްވުމަށް އެ ޤައުމުގެ ރޮހިންޔާ ދަރިކޮޅުގެ ގިނަ ޢަދަދެއްގެ މުސްލިމުން މެލޭޝިޔާއަށް ހިޖުރަކޮށްފައިވެއެވެ. މީގެ އިތުރުން, ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންގެ ތެރެއިން ވެސް ގިނަ ޢަދަދެއްގެ ބަޔަކު މެލޭޝިޔާއަށް ހިޖުރަ ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މެލޭޝިޔާއަކީ ރެފިއުޖީން ބަލައިގަންނަ ޤައުމެއް ނޫނެވެ. އަދި, ރެފިއުޖީންގެ ގޮތުގައި އެ ޤައުމަށް ހިޖުރަ ކުރާ މީހުން, އެ ޤައުމުން ދަނީ ޑިޓެންޝަން ސެންޓަރުތަކުގައި ހައްޔަރު ކުރަމުންނެވެ. މެލޭޝިޔާއަކީ ޤަވާޢިދާ ޚިލާފަށް އެ ޤައުމަށް އެތެރެވެ, ދިރިއުޅޭ މީހުންނާ މެދު ވަރަށް ހަރުކަށިކޮށް އަމަލު ކުރާ ޤައުމެކެވެ.