އެމެރިކާގެ އަސްކަރިއްޔާއިން ޢިރާޤާއި ސޫރިޔާގެ އަމާޒުތަކަށް ބޮން އަޅައި, ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކޮށްލައިފިއެވެ. މިއީ, އުރުދުންގައި އޮންނަ 'ޓަވަރ 22' އަށް ޑްރޯން ޙަމަލާއެއްދީ, އެމެރިކާ ސިފައިންގެ ތިން މީހުން މަރައިލުމާ ގުޅިގެން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ދޭން ފަށާފައިވާ ޙަމަލާތަކެކެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ ޢިރާޤާއި ސޫރިޔާގެ 85 އަމާޒަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. އަދި, މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރާއި, އެ ލަޝްކަރުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އަމާޒުތަކަށް ކަމުގައެވެ. ނަމަވެސް, އެމެރިކާގެ ޙަމަލާތަކުގައި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމުގައި ޢިރާޤުން ބުނެއެވެ.
ޢިރާޤުގެ ސަރުކާރުން ވަނީ އެމެރިކާގެ ޙަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށް, މިއީ ޢިރާޤުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޢިރާޤުން ބުނީ މި ޙަމަލާތަކުގައި 16 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށާއި, އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ޢާންމުން ހިމެނޭ ކަމުގައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 25 އަރާފައިވާ ކަމުގައެވެ.
ޢިރާޤު ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ, ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި ސަލާމަތީ ބާރުތަކުގެ އަމާޒުތަކަށް އެމެރިކާއިން ދީފައިވާ ޙަމަލާތަކާ އެކު އެ ޤައުމުގެ ސަލާމަތަށް ނުރައްކާވެ, ސަރަޙައްދީ ހަމަޖެހުން ގެއްލިފައިވާ ކަމުގައެވެ. އަދި, ޙަމަލާތައް ދިނުމުގެ ކުރިން ބަޣްދާދުގެ ސަރުކާރާ މަޝްވަރާ ކޮށްފައިވާ ކަމަށް އެމެރިކާއިން ބުނުމުން, ޢިރާޤުން ވަނީ އެ ކަން ދޮގު ކޮށްފައެވެ. އަދި, މިއީ ދުނިޔެއަށް އޮޅުވައިލަން އެމެރިކާއިން ފަތުރާ ދޮގު ޚަބަރެއް ކަމުގައި ވެސް ޢިރާޤު ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިއެވެ.
އެމެރިކާއިން ސޫރިޔާއަށް ދީފައިވާ ޙަމަލާތަކާ ގުޅިގެން އެ ޤައުމުން ވަނީ އެމެރިކާއިން ޓެރެރިޒަމަށް ހިތްވަރުދޭ ކަމަށް ސިފަކޮށްފައެވެ. ސޫރިޔާއަށް ދީފައިވާ ޙަމަލާތަކުގައި ވެސް ގިނަ ޢަދަދެއްގެ ބަޔަކު މަރުވި ކަމުގައި އެ ޤައުމުގެ ދަޢުލަތުގެ މީޑިޔާއިން ހާމަ ކުރެއެވެ. ނަމަވެސް, ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު އަދި ސާފެއް ނޫނެވެ. އީރާނުގެ މަސްރަޙު ދިރާސާ ކުރާ ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސްސުން ބުނީ އެމެރިކާގެ ޙަމަލާތަކުގައި އީރާނާ ގުޅުން އޮތް ޖަމާޢަތްތަކަށް ނިސްބަތްވާ 18 ހަނގުރާމަވެރިން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.
އެމެރިކާގެ އިސްތިޢުމާރީ ފައުޖުން ހިންގާފައިވާ މި އަމަލު ކުށްވެރި ކުރަމުން ސޫރިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, ޙަމަލާތަކާ މެދު އެމެރިކާއަށް ދެއްކޭނެ ބަހަނާއެއް ނެތް ކަމުގައެވެ. އަދި, މިއީ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރެރިސްޓު ޖަމާޢަތްތަކާ ދެކޮޅަށް އެ ޤައުމުގެ ސިފައިންނާއި ޢަރަބި ޤައުމުތަކުގެ ގުޅިފައިވާ ލަޝްކަރުން ހިންގަމުންދާ އަސްކަރީ ކެމްޕޭން ބަލިކަށި ކޮށްލަން ދީފައިވާ ޙަމަލާތަކެއްގެ ގޮތުގައި ވެސް ސޫރިޔާއިން ސިފަ ކުރެއެވެ.
ވައިގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާނުގެ އިންޤިލާބީ ލަޝްކަރުގެ އެންމެ ބާރުގަދަ ގޮފި, އަލް-ޤުދުޞް ލަޝްކަރުގެ އަމާޒުތަކަށް ކަމުގައި އެމެރިކާއިން ބުނި ނަމަވެސް, މި ޙަމަލާތަކުގައި އީރާނުގެ އެއްވެސް މީހަކު ޝަހީދުވެފައި ކަމަށް ގަބޫލެއް ނުކުރެވެއެވެ. ޢިރާޤާއި ސޫރިޔާގެ ސަރުކާރުން ވެސް އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
އެމެރިކާގެ ޙަމަލާތަކަކީ ޢިރާޤުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބަލިކަށިކޮށްލަން ދީފައިވާ ޙަމަލާތަކެއްގެ ގޮތުގައި ވެސް އެ ޤައުމުގެ ސަރުކާރުން ތުހުމަތު ކުރެއެވެ. އަދި, މި ޙަމަލާތަކުގެ ސަބަބުން ސަރަޙައްދީ މަސްރަޙު ހޫނުވެ, ބޮޑު ހަމަނުޖެހުންގަނޑެއް އުފެދިފާނެ ކަމުގެ ބިރު އުފެދިފައިވާ ކަމުގައި ވެސް ޢިރާޤުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަޙްހާ ރަސޫލް ވިދާޅުވިއެވެ.