ޚަބަރު

ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް އަނެއްކާވެސް ޑްރޯން ޙަމަލާތަކެއް ދީފި


ރަޝިޔާގެ ލޫކްއޮއިލް ކުންފުނީގެ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ޑްރޯން ޙަމަލާއެއް ދީފިއެވެ. އެ ޤައުމުގެ ދެކުނުގައިވާ ވޮލްގޯގްރާދްގައި އޮންނަ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ދީފައިވާ ޙަމަލާއާ ގުޅިގެން އެ ތަނުގައި އަލިފާން ރޯވިއެވެ. މިއީ, ޔޫކްރެއިނުން ދީފައިވާ ޙަމަލާއެއް ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ. ރަޝިޔާގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ޔޫކްރެއިނުން ދެމުންދާ ޙަމަލާތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ.

ވޮލްގޯގްރާދްގެ ގަވަރުނަރު އަންދްރޭ ބުޗަރޯފް ވިދާޅުވީ ލޫކްއޮއިލްގެ ތެޔޮ ސާފުކުރާ ކާރުޚާނާގައި އަލިފާން ރޯވެފައި ވަނީ, ޔޫކްރެއިނުން ޙަމަލާ ދިނުމަށް ބޭނުން ކުރި ޑްރޯނެއް ދިފާޢު ކުރަން އުޅުމުގެ ތެރޭގައި, އެ ޑްރޯން ކާރުޚާނާގެ ބައެއްގެ މައްޗަށް ވެއްޓުމާ ގުޅިގެން ކަމުގައެވެ. އަދި, އެ ތަނުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވައިލާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ޙަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނުން ދަނީ ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި ގޭސް އުފައްދާ ކާރުޚާނާތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. މި ޙަމަލާތަކުގެ ބޭނުމަކީ, ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާގެ އިސްތިޢުމާރީ ސިފައިން ބޭނުން ކުރާ އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް ހުރަސް އެޅުން ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އަދި, ރަޝިޔާއަށް އީިޤުތިޞާދީ އަދި މާލީ ގޮތުން ގެއްލުން ދިނުން ކަމުގައި ވެސް ޔޫކްރެއިނުން ބުނެއެވެ.

ޔޫކްރެއިންގެ ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ރަޝިޔާއިން ވެސް ދަނީ ޔޫކްރެއިންގައި ކަރަންޓު އުފައްދާ އިންޖީނުގެތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ޢުމްރާނީ ވަސީލަތްތަކަށް ޙަމަލާ ދެމުންނެވެ.

ވޮލްގޯގްރާދްގެ ވޯލްގާ ކޯރުގެ އައްސޭރިފަށުގައި އޮންނަ ލޫކްއޮއިލްގެ ކާރުޚާނާއަކީ އަހަރެއްގެ މައްޗަށް 14.8 މިލިޔަން މެޓްރިކް ޓަނުގެ ސާފުނުކުރާ ތެޔޮ އުފެއްދުމުގެ ކެޕޭސިޓީ ހުރި ކާރުޚާނާއެކެވެ. އެއީ, ދުވާލެއްގެ މައްޗަށް 300,000 ފީފާގެ ތެލެވެ. ލޫކްއޮޮއިލް ކުންފުނިން ހިންގާ އެހެން ކާރުޚާނާއް ކަމުގައިވާ އެން.އޯ.އެރް.އެސް.އައި ކާރުޚާނާ ވެސް ހުސްވި ޖަނަވަރީ މަހު ބަންދު ކުރަން ޖެހިފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.