ޚަބަރު

ޔަހޫދީ ސިފައިން ފޭބި ރަށްތަކުގައި ޙަމާސްގެ ފުލުހުން ފޯރިމަރަނީ


ޣައްޒާގެ އުތުރުގައިވާ ރަށްތަކުގައި ލާއިންސާނީ ޢުދުވާންތައް ހިންގުމަށްފަހު ޔަހޫދީ ފައުޖުން އެ ރަށްތަކުން ފޭބުމުން, ޙަމާސް ޖަމާޢަތުގެ ފުލުހުން އެ ރަށްތަކުގައި އަމަން ބެލެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ. ޣައްޒާގެ އުތުރުގައިވާ ރަށްތައް ސުންނާފަތި ކޮށްލުމަށްފަހު ޔަހޫދީ ފައުޖުގެ ޢުދުވާންތައް މިހާރު އަމާޒު ކުރަމުން ދަނީ ދެކުނުގައި އޮތް ޚާން ޔޫނިސާއި ރަފަޙަށެވެ. ރަފަޙުގައި މިލިޔަނަކަށް ވުރެ ގިނަ ޢަދަދެއްގެ މީހުން މި ވަގުތު އެބަތިއްބެވެ.

ޣައްޒާގެ އުތުރުގައިވާ ރަށްތަކުގައި ޙަމާސް ޖަމާޢަތުގެ ފުލުހުން ހަރަކާތްތެރިވާން ފެށުމުން ދޭހަކޮށްދެނީ, އެ ޖަމާޢަތުގެ މުޖާހިދުން ނައްތައިލުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ފޭލުވެފައިވާ ކަމެވެ. މީގެ އިތުރުން, ޣައްޒާގެ އުތުރުގެ ރަށްތަކުގައި ސަރުކާރު މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް މުސާރަ ދޭން ފަށާފައިވާ ކަން ވެސް ޣައްޒާގެ ރައްޔިތުން ކަށަވަރު ކޮށްދެއެވެ. ޙަމާސުން ވެސް ވަނީ މި ކަން ކަށަވަރު ކޮށްދީފައެވެ.

ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ޙަމާސް ޖަމާޢަތުގެ ފުލުހުން ހަރަކާތްތެރިވާން ފެށުމާ އެކު, ޔަހޫދީ ފައުޖުން ވަނީ ޣައްޒާ ސިޓީއަށް އަލުން ބޮން އަޅަން ފަށާފައެވެ. ޙަމަލާތައް އަމާޒު ކޮށްފައިވާ ބައެއް ސަރަޙައްދުތަކުގެ ތެރޭގައި, ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރަ ދިނުމުގެ މަސައްކަތް ކުރިއަށް ދިޔަ މަރުކަޒެއް ހިމެނޭ ކަމުގައި އެ ރަށުގެ ރައްޔިތުން ބުންޏެވެ. 2007 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރަމުންދާ ޚަމާސް ޖަމާޢަތް ނައްތައިލުމަކީ ޔަހޫދީންގެ ބޭނުމެކެވެ.

ޣައްޒާ ސިޓީގެ ބައެއް ރައްޔިތުން ބުނީ, އަލް-ޝިފާ ހޮސްޕިޓަލާއި ސަރުކާރު އޮފީސްތައް ހުންނަ ޢިމާރާތްތައް ކައިރީގައި ޙަމާސްގެ ފުލުހުން ފޯރިމަރަން ފަށާފައިވާ ކަމުގައެވެ. އަދި, ފުލުހުންގެ ޢިދާރާތަކުގައި މުވައްޒަފުން މަސައްކަތް ކުރަން ފަށާފައިވާ ކަމުގައެވެ. އެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ ސިވިލް ސަރވަންޓުން ވެސް ވަނީ ވަޒީފާއަށް ނިކުންނަން ފަށާފައެވެ.

ޙަމާސްގެ ފުލުހުން މަގުތަކަށް ނިކުތުމުން ސާފުކޮށްދެނީ, ޣައްޒާގެ ރަށްތަކުގައި އަމަން ބެލެހެއްޓުމާއި ހަމަޖެހުން ދެމެހެއްޓުމަށް ޙަމާސުން ބަހައްޓާ އަހަންމިއްޔަތު ކަމެވެ. ނަން ހާމަ ކުރަން ބޭނުންނުވާ ޙަމާސްގެ އޮފިޝަލަކު ވިދާޅުވީ, ޣައްޒާގެ އުތުރުގައިވާ ރަށްތަކުގައި އަމަންއަމާން ކަން ގާއިމު ކުރުމަށް އެ ޖަމާޢަތުގެ އިސްވެރިން ފުލުހުންނަށް އަމުރު ކޮށްފައިވާ ކަމުގައެވެ. ޚާއްޞަ ގޮތެއްގައި, ފިހާރަތަކާއި ޢާންމު ރައްޔިތުންގެ ގެދޮރު ލޫޓުވުމުގެ އަމަލުތައް ހުއްޓުވަން އަންގާފައިވާ ކަމުގައެވެ.

ނަމަވެސް, އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ އުތުރުގައިވާ ރަށްތަކުގައިވާ ގިނަ ޢިމާރާތްތައް ސުންނާފަތި ކޮށް, ބިމާ ހަމަކޮށްލާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޣައްޒާގައި އޮންނަ ޙަމާސް ޖަމާޢަތުގެ ސަރުކާރުގައި އެތަކެއް ސަތޭކަ ހާސް މަދަނީ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި, ފުލުހުންނާއި, އިދާރީ މުވައްޒަފުން ހިމެނެއެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުންނަށް ނުދެވި ހުރި މުސާރައިން ބަޔެއް ދޭން ފަށާފައިވާ ކަމުގައި ޣައްޒާ ސިޓީގެ ރައްޔިތުން ބުނެއެވެ.

އޮކްޓޫބަރު 7 ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 27,238 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16,000 އަށްވުރެ ގިނަ ޢަދަދަކަށް ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 66,000 އަށް އުފުލިފައެވެ.