ޚަބަރު

ޣައްޒާއަށް ކާބޯތަކެތި ވައްދާ އުޅަނދުފަހަރަށް ޔަހޫދީ ފައުޖުން ޙަމަލާދެނީ


ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރާ އ.ދގެ ޓީމުތަކަށް ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކުރަމުންދާ ކަމަށް ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އ.ދގެ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން ބުނީ, ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުން ދިޔަ ޓީމަކަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައިވާ ކަމުގައެވެ.

ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, ޣައްޒާގެ އުތުރުގެ ސަރަޙައްދަށް ކާބޯތަކެއްޗާ އެކު ދަތުރު ކުރަމުން ދިޔަ އުޅަނދަކަށެވެ. އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ, ޔަހޫދީންގެ ކަނޑުގެ ސިފައިންގެ މަނަވަރަކުން ކަމަށް ވެސް އ.ދގެ އިދާރާއިން ބުންޏެވެ.

"ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ކާބޯތަކެއްޗާ އެކު ޣައްޒާގެ އުތުރަށް ވަންނަން އުޅުނު އުޅަނދަކަށް،" ޣައްޒާގައި ހުންނަވާ އ.ދގެ ރެފިއުޖީންނާ ބެހޭ އިދާރާގެ އިސްވެރިޔާ ތޯމަސް ވައިޓް ވިދާޅުވިއެވެ. ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަން ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. އެ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ.

އ.ދގެ އުޅަނދަކަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައި މި ވަނީ, ޢުދުވާންތައް ހުއްޓައިލުމާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ އައު އެއްބަސްވުމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޤަޠަރާއި މިޞްރުން އިސްވެ އެކުލަވައިލާފައިވާ މި އެއްބަސްވުމުގެ ދެލިކޮޕީ ތައްޔާރު ކުރުމުގައި އެމެރިކާގެ ބައިވެރިވުން ވެސް އޮތެވެ. މި އެއްބަސްވުމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ބޭއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ މެދުއިރުމައްޗަށް ދަތުރުފުޅެއް ފައްޓަވާފައެވެ.

ޣައްޒާގައި ނާމާންކަމާއި ބިރުވެރިކަމުގައި ދުވަސްތައް ވޭތު ކުރަމުންދާ ރައްޔިތުންގެ އުންމީދަކީ, ބްލިންކަންގެ ދަތުރުފުޅާ އެކު, ޢުދުވާންތައް ހުއްޓައިލަން ކުރަމުންދާ މަޝްވަރާތަކަށް ކުރިއެރުންތަކެއް ލިބުމެެވެ. ޚާއްޞަ ގޮތެއްގައި, ޣައްޒާގެ ދެކުނުގައިވާ ރަފަޙަށް ޔަހޫދީންގެ ޢުދުވާންތައް ފެށުމުގެ ކުރިން, ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވުމެއް އެކުލަވައިލުމެވެ.

"އަޅުގަނޑުމެން ބޭނުމީ ޢުދުވާންތަކަށް ނިމުމެއް ގެންނަން. އަޅުގަނޑުމެންގެ ގެދޮރަށް އެނބުރި ދާން. އެއީ ހަމައެކަނި ބޭނުމަކީ. އުންމީދަކީ،" ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް-ބަލަޙީގައި ދިރިއުޅޭ ހަތަރު ކުދިންގެ ބައްޕައެއް ކަމުގައިވާ 35 އަހަރުގެ ޔާމިން ޚަމަދް ބުންޏެވެ. "މިއަދު އަޅުގަނޑުމެންނަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ, އަލިމަގެއް ފެނޭތޯ އުންމީދު ކުރުން. އުންމީދު ކުރަނީ ބްލިންކަން [އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން] ނަތަންޔާހޫ ކައިރީ ޢުދުވާންތައް ހުއްޓައިލަން ބުނާނެ ކަމަށް."

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ދަނީ އައު އެއްބަސްވުން ދިރާސާ ކުރަމުންނެވެ. އެ ޖަމާޢަތުން އެއްބަސްވުމާ އެކު ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް, ޣައްޒާއަށް އަރާފައިވާ ޔަހޫދީ ފައުޖުގެ ހުރިހާ ސިފައިން އެ ސަހަރުން ފައިބާ, ޢުދުވާންތަކަށް ދާއިމީ ނިމުމެއް ގެނައުމަށް ޔަހޫދީން އެއްބަސްނުވާ ނަމަ, ޙަމާސުން ވެސް އެއްބަސްވުމާ ދެކޮޅު ހަދާނެ ކަމަށް ބެލެވެއެވެ.

އައު އެއްބަސްވުމަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް, ޔަހޫދީން ދަނީ ޢުދުވާންތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އަދި, ޣައްޒާގެ ދެކުނަށް މިލިޔަނަކަށް ވުރެ ގިނަ މީހުން ޖަމާވެފައިވާ ދަނޑިވަޅެއްގައި, ރަފަޙަށް ޢުދުވާންތައް ފުޅާ ކުރާނެ ކަމުގެ އިންޒާރު ޔަހޫދީ ފައުޖުން ވަނީ ދީފައެވެ. މީގެ ކުރިން ވެސް ޔަހޫދީ ފައުޖުން ވަނީ ރަފަޙަށް އެތަކެއް ފަހަރެއްގެ މަތިން ބޮން އަޅާފައެވެ. އަދި, ޔަހޫދީ ފައުޖުން މިހާރު ދަނީ އެއްގަމު މަގުން ޣައްޒާއަށް އަރައި, އެތަކެއް ހާސް ބަޔެއްގެ ލޭއޮހޮރުވައިލަން ތައްުޔާރު ވަމުންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 27,478 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 11,500 އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 66,630 އަށް އުފުލިފައިވާއިރު, އޭގެ ތެރޭގައި 8,600 އަށްވުރެ ގިނަ ޢަދަދަކަށް ކުޑަކުދިން ހިމެނެއެވެ.