ސޫރިޔާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ޙަމަލާއެއްދީ, އެމެރިކާއިން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތަކަށް ނިސްބަތްވާ ހަ ހަނގުރާމަވެރިން މަރައިލައިފިއެވެ. މި ޙަމަލާގައި މަރުވެފައި ވަނީ ކުރުދީންގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް)ގެ ހަ ހަނގުރާމަވެރިންނެވެ. އެއީ, އެމެރިކާއިން ވާގިވެރިވާ ޖަމާޢަތެކެވެ.
އެސް.ޑީ.އެފްގެ ތަރުޖަމާނު ފަރްހާދު ޝަމިއްޔު ބުނީ, މި ޙަމަލާގެ ފަހަތުގައި ވަނީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށް ބެލެވޭ ކަމުގައެވެ. އަދި, ޙަމަލާ ދީފައި ވަނީ, ސޫރިޔާގެ ސަރުކާގެ ބާރުގެ ދަށުގައި އޮތް ދަޔިރް އަލް-ޛޫރުން ކަމުގައި ވެސް އޭނާ ބުންޏެވެ. ޙަމަލާ ދީފައި ވަނީ އަލް-ޢުމަރު ތެޔޮ ދަނޑުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށެވެ.
ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤުން ވަނީ ސޫރިޔާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ޑްރޯން ޙަމަލާ ދިނުމުގެ ޒިންމާ އުފުލާ ކަމަށް ބުނެފައެވެ. އެއީ, އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ.
އުދުރުންގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު, 'ޓަވަރ 22'އަށް ޑްރޯން ޙަމަލާއެއްދީ, އެމެރިކާ ސިފައިންގެ ތިން މީހުން މަރައިލުމުގެ ފަހަތުގައި އޮތީ ވެސް އެ ޖަމާޢަތް ކަމަށް އެމެރިކާއިން ގަބޫލު ކުރެއެވެ. އުރުދުނަށް ދިން ޙަމަލާގެ ބަދަލުހިފުމުގެ ގޮތުން އެމެރިކާއިން ވަނީ ޢިރާޤާއި ސޫރިޔާގެ އަމާޒުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ. އަދި, 40 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ޢާންމު ރައްޔިތުން ކަމަށް ބުނެ, ސޫރިޔާއާއި ޢިރާޤުގެ ސަރުކާރުން ވަނީ އެމެރިކާ ކުށްވެރި ކޮށްފައެވެ.
މެދުއިރުމަތީގެ ޤައުމުތަކުގައި ގާއިމުވެފައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދޭ ޙަމަލާތައް ފަހަކަށް އައިސް އިތުރު ކޮށްފައި ވަނީ ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. އެމެރިކާއަކީ އެ ޢުދުވާނުގެ އެންމެ މުހިންމު ބައިވެރިޔާއެވެ.
ޔަހޫދީ ފައުޖުން ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ގެދޮރަށް އަޅަމުންދާ ބޮންތަކަކީ, އެމެރިކާއިން ފޯރުކޮށްދީފައިވާ ތަކެއްޗެވެ. ޔަހޫދީން ބޭނުން ކުރާ މިސައިލްތަކަކީ އެމެރިކާއިން ފޮނުވާފައިވާ ތަކެއްޗެވެ. އަދި, ޔަހޫދީންގެ ޢުދުވާންތައް ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރަމުންދާ ހުރިހާ މަސައްކަތަކަށް ހުރަސް އަޅަމުން ދަނީ އެމެރިކާއިންނެވެ. އެމެރިކާގެ ޖައްބާރު ރައީސް ޖޯ ބައިޑަން އަޑީގައި ހުންނަވައިގެންނެވެ.