ޚަބަރު

ދިފާޢުގައި މަސައްކަތްކުރައްވަން ނަޝީދު ރާއްޖެ ވަޑައިގަންވަންޖެހޭ


ރައީސް ނަޝީދުގެ މައްސަލަ ނިމިގެންދާއިރު އެމަނިކުފާނުގެ ދިފާޢުގައި ކޯޓުގައި އެމަނިކުފާނު ވާހަކަފުޅުދައްކަވަން ޖެހޭކަމަށާއި، އެކަން އެންމެ ރަނގަޅަށް ކުރެއްވޭނީ ރައީސް ނަޝީދު މާލެ ވަޑައިގެންކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ގއ. ކަނޑުހުޅުދޫގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވީ، ރައީސް ނަޝީދުގެ ޝަރީޢަތް ހިންގަވަނީ ފެންވަރު ނެތް ޤާޒީންކަމަށް ބުނެ، ބައެއް ފަރާތްތަކުން މީޑިއާތަކުގައި ވާހަކަދައްކަމުން ގެންދާކަމަށާއި، ނަމަވެސް ރައީސް ނަޝީދުގެ މައްސަލަތައް ބައްލަވާ ސުޕީރިއާ ކޯޓުތަކުގައި ތިއްބަވަނީ ކިޔަވާ ވިދާޅުވެގެން ތިއްބެވި ފަނޑިޔާރުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލައިގައި ބައެއް ވަކީލުން ހައިކޯޓަށް ބައެއް އަޑުއެހުންތަކަށް ވަޑައިނުގަންނަވާކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިހާރު ހުށައަޅުއްވައިގެން ކުރިއަށް ގެންދަވާ މައްސަލައިގައި އެންމެ އެކަށީގެންވާ ގޮތުގައި ދިފާޢުގައި ވާހަކަފުޅުދެއްކެވުމަށް ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން މުހިންމުކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މައްސަލައިގައި ސަރުކާރަށް ލުޔެއް ދެއްވޭނީ، ކޯޓު މަރުޙަލާގައި އެމައްސަލަ ނިމުމުންކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުން މިއަދުވެސް އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނު ދާދިފަހުން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ރަށްރަށުގެ މެޖިސްޓްރޭޓުން ތަމްރީނުކުރެއްވުމަށް އެޤައުމުން އެހިތެރިވެދޭނެކަމަށް ވިދާޅުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރަށްރަށުގެ މެޖިސްޓްރޭޓުން މިހާރަށްވުރެ ތަޢުލީމީ ގޮތުން ހަރުދަނާ ވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާގޮތުން ރާއްޖޭގެ ހަތް ރަށެއްގެ މެޖިސްޓްރޭޓުން ފިޔަވައި، ދެން ތިއްބެވީ އެކޮމިޝަނުން ކަނޑައަޅުއްވާފައިވާ ފެންވަރުގެ މެޖިސްޓްރޭޓުންނެވެ.