ޚަބަރު

އިނގިރޭސި ރަސްގެފާނު ޗާލްސް ކެންސަރުގެ އާލާސްކަންފުޅާ ފަރުވާ ހޯއްދަވަނީ


އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް ކެންސަރު ޖެހިފައިވާ ކަން އެ ޤައުމުގެ ޝާހީ ގަނޑުވަރު, ބަކިންގްހަމް ޕެލެސުން ހާމަކޮށްފިއެވެ. ރަސްގެފާނަށް ކެންސަރު ޖެހިފައިވާކަން އެނގިފައި ވަނީ ޕްރޮސްޓޭޓުގެ ފަރުވާއަކަށް ހަސްފަތާލުގައި އެޑްމިޓުކޮށް ހެދި ޓެސްޓުތަކަކުންނެވެ. ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން ފަރުވާ ހޯއްދެވުމަށް ލަންޑަން ކްލިނިކް ޕްރައިވެޓް ހަސްފަތާލުގައި ތިން ދުވަހު އެޑްމިޓްކޮށްފައި އޮތުމަށްފަހު ރަސްގެފާނު މިހާރު ވަނީ ދޫކޮށްލާފައެވެ.

ބަކިންގްހަމް ޕެލެސުން ބުނީ, ރަސްގެފާނަށް ކެންސަރުގެ ވައްތަރެއް ޖެހިފައިވާކަން ހާމަވީ, ޕްރޮސްޓޭޓްގެ ފަރުވާއާ ގުޅިގެން ހެދި ޓެސްޓުތަކުން ކަމުގައެވެ. އެއީ ކެންސަރުގެ ކޮން ވައްތަރެއްކަން ސާފުކޮށްދީފައެއް ނުވެއެވެ. ނަމަވެސް, އެއީ ޕްރޮސްޓޭޓްގެ ކެންސަރު ނޫން ކަން ޝާހީ ޢާއިލާގެ ބައެއް މަސްދަރުތަކުން މީޑިޔާތަކަށް ކަށަވަރުކޮށްދީފައިވެއެވެ.

ޝާހީ ގަނޑުވަރުން ބުނީ, މިކަމާ ގުޅިގެން ރަސްގެފާނުގެ ރަސްމީ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ބައެއް ބައްދަލުވުންތައް ކެންސަލް ކުރައްވާފައިވާ ކަމުގައެވެ. އަދި, ކެންސަރަށް ފަރުވާ ހޯއްދަވައި, ރަސްމީ މަސައްކަތްތަކާ ވީ އެންމެ އަވަހަކަށް ހަވާލުވެ ވަޑައިގަންނަވަން ރަސްގެފާނު އުންމީދު ކުރައްވާ ކަމުގައިވެސް ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ރަސްގެފާނަށް ފަރުވާ ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ, ރަސްމީ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ބައްދަލު ކުރެއްވުންތައް ވަގުތީ ގޮތުން ހުއްޓައިލުމަށް. ނަމަވެސް, ރަސްމީ ޒިންމާތައް އަދާ ކުރެއްވުމުގައި ރަސްގެފާނު ދެމިހުންނަވާނެ،" ޝާހީ ގަނޑުވަރުން ބުންޏެވެ.

އުމުރުފުޅުން 75 އަހަރުގެ ޗާލްސް އިނގިރޭސި ތަޚުތާ ހަވާލުވެޑައިގަތީ މަންމާފުޅު, ރަސްގެފާނު އެލިޒަބަތް ދެވަނަ އަވަހާރަވުމާ ގުޅިގެން 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ.