ޚަބަރު

ރައީސް ދެއްވީ ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިނުގަންނާނެ ކަމުގެ ޔަޤީންކަން


  • ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންދަވަނީ އިންސާފުވެރިކަމާއެކު

  • ފްލެޓު ލިސްޓާ ގުޅޭގޮތުން ދެކެވޭ ވާހަކައަކީ ފިތުނަ އުފެއްދުމަށް ކުރަމުންދާ މަސައްކަތެއް

  • ރައްޔިތުންގެ ހައްޤު ދެތުވެރިކަމާ އެކު އަދާކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި

ސަރުކާރުން ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިނުގަންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް ވިދާޅުވީ އެއްވެސް ކަހަލަ ހައްގަކުން ރައްޔިތުން މަހްރޫމް ކުރުމަކީ މިސަރުކާރުން ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް މިކަން ހާމަކުރެއްވީ، އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް ހުޅުމާލޭގައި ދިރިއުޅޭ ފާތިމަތު އާދަމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ފާތިމަތުގެ ސުވާލުގައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފްލެޓު ލިސްޓެއް ގެންގުޅުއްވާ ކަމަށާއި، ފްލެޓުތައް ދޫކުރަމުންދަނީ އެ ލިސްޓަށްކަމަށް ވާހަކަދެކެވޭ ކަމަށެވެ. އަދި މި ވާހަކަތައް އޭނާ ގަބޫލު ނުކުރި ނަމަވެސް، ގިނަ ބަޔަކު އެވާހަކަ ދައްކަމުންދާތީ ރައީސްގެ ފަރާތްޕުޅުން މިކަމުގެ ހަޤީގަތް ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން އެއްވެސް ހައްޤަކުން މަހުރޫމުކުރުމަށް ޖާގަ ނުދެއްވާނެކަމަށެވެ. އަދި ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދަވަނީ އިންސާފުވެރިކަމާއެކު ކަމަށެވެ.

" އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރުވުމަކީ ޖާގަ ދޭނެ ކަމެއް ނޫން، އެކަހަލަ ކަމެއް ހިނގާ މީހެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަމަށް އިސްވެ، ފިޔަވަޅު އަޅާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓު ލިސްޓާ ގުޅޭގޮތުން މިހާރު ދެކެވޭ ވާހަކައަކީ އެއްވެސް ހަޤީގަތެއް ނެތް ވާހަކަތެއް ކަމަށާއި، މިއީ ފިތުނަ އުފެއްދުމަށް ބަޔަކު ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި ރައްޔިތުންގެ ހައްޤު ތެދުވެރިކަމާއެކު އަދާކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ދޫކުރަން ނިންމާފައިވާ 4000 ފްލެޓު ލިބުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޝަރުތު ފުރިހަމަނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން އިއްޔެވަނީ ހާމަކޮށްފައެވެ. އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާތަނަށް ހިންގި ތަހުގީގުން މައްސަލަ ނެތް ފޯމުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ %20.7 ފޯމުކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ފުރަތަމަ ދޭން ނިންމި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމު ކުރުމުން ގިނަ ޝަކުވާތަކެއް ހައުސިންގ މިނިސްޓްރީ އާއި އޭސީސީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އޭސީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އަންގާފައެވެ. ނަމަވެސް މިހާރު އެ އެންގުން ވަނީ ނިމުމަކަށް ގެނެސްފައެވެ.