ޚަބަރު

ޗިލީގެ ޖަންގަލިތަކުގައި ރޯވެ މަރުވި މީހުންގެ ޢަދަދު 112އަށް


ޗިލީގެ މެދުތެރޭގައިވާ ސަރަޙައްދުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރުމާ ގުޅިގެން މަރުވެފައިވާ މީހުންގެ ޢަދަދު 112އަށް އަރައިފިއެވެ. ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ވަލްޕަރައީސޯއާއި ވިންޏާ ދެލް މާރަށެވެ. އެ ސަރަޙައްދުގައި ޢާންމުން ދިރިއުޅޭ ރަށްތަކާއި އަވަށްތަކަށް އަލިފާންގަނޑުތައް ފެތުރި ބައެއް އަވަށްތަކުގައިވާ ހުރިހާ ޢިމާރާތްތަކެއް ވަނީ އަނދައި ހުލިވެފައެވެ.

އަލިފާންގަނޑު ފެތުރިފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ 100 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ބެލެވޭ ކަމުގައި ޗިލީގެ ރަސްމީ އިދާރާތަކުން ބުނެއެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމުގައި ވެސް އެ އިދާރާތަކުން ބުންޏެވެ. އަލިފާންގަނޑުތައް ނިއްތައިލާ ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމަށް ރަސްމީ އިދާރާތަކުން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ވަލްޕަރައީސޯއާއި ވިންޏާ ދެލް މާރަކީ ޗިލީގެ އައްސޭރިފަށުގައިވާ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ދެ ރަށެވެ. އެއީ ގާތްގަނޑަށް މިލިޔަނެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ. އަލިފާންގަނޑުތައް އެ ދެ ރަށުގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރެން ފަށާފައި ވަނީ ފެބުރުވަރީ 2 ވަނަ ދުވަހުއެވެ. އަލިފާންގަނޑުތައް ފެތުރުން ހަލުވިވެފައި ވަނީ އެ ސަރަޙައްދަށް ވައި ގަދަވުމުގެ ސަބަބުން ކަމަށް ޗިލީގެ އިދާރާތަކުން ބުނެއެވެ.

އަލިފާނުގެ އަސަރު ކުރަމުންދާ ސަރަޙައްދުތަކުގައި ކުއްލި ޙާލަތު އިޢުލާނު ކޮށް ރޭގަނޑު 9:00ން ފެށިގެން ކާފިއުއެއް ވަނީ އިޢުލާނު ކޮށްފައެވެ. އަދި އަލިފާންގަނޑުތައް ފެތުރުން ހުއްޓުވައި ނިއްވައިލުމަށް ކުރަމުންދާ މަސައްކަތުގައި ޗިލީގެ އަސްކަރިއްޔާއިން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި މަސައްކަތުގައި ހެލިކޮޕްޓަރު ފަދަ ވަޞީލަތްތައް ވެސް ދަނީ ބޭނުން ކުރަމުންނެވެ.

ޗިލީގެ ރައީސް ގެބްރިއޭލް ބޯރީކް ވިދާޅުވީ އެއީ ފަހުގެ ތާރީޚެއްގައި އެ ޤައުމަށް ދިމާވި އެންމެ ހިތާމަވެރި ހާދިސާ ކަމުގައެވެ. އަދި މަރުވެފައިވާ މީހުންގެ ހަނދާނުގައި އޭނާ ވަނީ ޤައުމީ ހިތާމައިގެ ދެ ދުވަސް ކަނޑައަޅުއްވާފައެވެ. "މިއީ މުޅި ޗިލީއަށް ކުރިމަތިވެފައިވާ ހިތާމައިގެ ދަނޑިވަޅެއް. އަޅުގަނޑުމެން ތަޙައްމުލު ކުރަމުން މި ދަނީ ބޮޑު މުސީބާތެއް،" ބޯރީކް ވިދާޅުވިއެވެ.

ޗިލީގެ ދާޚިލީ ވަޒީރުގެ ނައިބު މަނުއެލް މޮންސާލްވޭ ވިދާޅުވީ އެ ޤައުމުގެ ޖަންގަލިތަކާއި ރަށްތަކާއި އަވަށްތަކުގައި 165 ބޮޑު އަލިފާންގަނޑު އަނދަމުންދާ ކަމުގައެވެ. އެ އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި 14,000އަށްވުރެ ގިނަ ގެދޮރު އަނދައި ހުލިވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ވަލްޕަރައީސޯއާއި ވިންޏާ ދެލް މާރުގެ އިތުރުން ކީލްޕުއޭއަށް ވެސް އަލިފާންގަނޑު މިހާރު ވަނީ ފެތުރިފައެވެ. އެއީ 2010 ވަނަ އަހަރުގެ ނުރައްކާތެރި ބިންހެލުމަށް ފަހު އެ ޤައުމަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ކާރިސާއެވެ. އެ ބިންހެލުމުގައި 500 މީހުން މަރުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ހޫނު މޫސުމުގައި ޖަންގަލިތަކުގައި އަލިފާން ރޯވުމަކީ ޗިލީއަށް އައު ކަމެއް ނޫނެވެ. ހުސްވި އަހަރުގެ ހޫނު މޫސުމުގައި އެ ޤައުމުގެ ފިނިހޫނުމިން ވަނީ ރެކޯޑު މިންވަރަކަށް އުފުލި ހޫނުގެ ތޫފާނެއް ކުރިމަތިވިއެވެ. އެ އަހަރު ހިިނގި އަލިފާނުގެ ހާދިސާތަކާއި ގަދަ ހޫނާ ގުޅިގެން 27 މީހުން މަރުވިއެވެ. އަދި ޖަންގަލިތަކުގައި ރޯވެ 400,000 ހެކްޓަރުގެ ބިން އެނދިއެވެ.