ޢިރާޤާއި ސޫރިޔާއަށް ވައިގެ ޙަމަލާތަކެއްދީ, ޔަމަނަށް ބޮންއަޅައި, މެދުއިރުމަތީގެ ސުލްޙަމަސަލަސްކަން ނަގައިލާފައި ވަނީ އެމެރިކާއިން ކަމަށް ބުނެ, ޗައިނާއާއި ރަޝިޔާއިން އެމެރިކާއަށް ފާޑުކިޔައިފިއެވެ. އ.ދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަމުން އެ ދެ ޤައުމުގެ ސަފީރުން ވިދާޅުވީ, މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައި ވަނީ އެމެރިކާގެ އަމަލުތަކުގެ ސަބަބުން ކަމުގައެވެ. އަދި, އެމެރިކާއިން މި ކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމުގައެވެ.
އެމެރިކާ ސިފައިން ޢިރާޤާއި ސޫރިޔާއަށް ބޮންއަޅަން ފަށާފައި ވަނީ, އުރުދުންގައި އޮންނަ އަސްކަރީ މަރުކަޒަކަށް ޑްރޯން ޙަމަލާއެއްދީ އެމެރިކާ ސިފައިންގެ ތިން މީހުން މަރައިލުމުން, އެ ކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ. އަދި, އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ޔަމަނަށް ބޮންއަޅަން ފަށާފައި ވަނީ އެ ޤައުމުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެއެވެ. ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް ޙޫޘީން ދެމުންދާ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައެވެ.
އެމެރިކާއިން ބުނީ ޢިރާޤާއި ސޫރިޔާއަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ހަނގުރާމަވެރިންނަށް ކަމުގައެވެ. މި ޙަމަލާތަކުގައި 40 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. ނަމަވެސް, ޢިރާޤާއި ސޫރިޔާގެ ސަރުކާރުން ވަނީ އެމެރިކާގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ ޢާންމުން ކަމަށް ބުނެ, އެމެރިކާގެ އަމަލުތައް ކުށްވެރި ކޮށްފައެވެ.
"އެމެރިކާއިން ދެމުންދާ ވައިގެ ޙަމަލާތަކުގެ ބޭނުމަކީ މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުކުރުން ކަން ވަރަށް ސާފު،" ރަޝިޔާއިން އ.ދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސީލީ ނިބިންޒިޔާ ވިދާޅުވިއެވެ. އަދި, އެމެރިކާގެ އަމަލުތަކާ ގުޅިގެން މެދުއިރުމަތީގައި ސަރަޙައްދީ ހަމަނުޖެހުންތަކެއް ފެށިދާނެ ކަމުގެ ބިރު އިތުރުވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޗައިނާގެ ސަފީރު ޖަން ޜަންގް ވެސް ވަނީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. "އެމެރިކާގެ އަމަލުތަކާ ގުޅިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް،" އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގައި ބޮޑު ހަމަނުޖެހުމެއް ފެށި, އެތަކެއް ހާސް ބަޔެއްގެ ފުރާނައިން އަގު އަދާ ކުރަން ޖެހުމުގެ ކުރިން މަސްރަޙު ފިނި ކުރަން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އ.ދގެ އިސް އޮފިޝަލަކު ވަނީ ގޮވައިލައްވާފައެވެ. އ.ދގެ އަންޑަރ ސެކްރެޓަރީ-ޖެނެރަލް ރޯޒްމެރީ ޑިކާރްލޯ ވިދާޅުވީ, މި ކަމުގައި މަސްއޫލުވާ ހުރިހާ ފަރާތަކުން މަޝްވަރާކޮށްގެން މި ކަމަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމުގައެވެ.
ޢިރާޤާއި ސޫރިޔާއަށް އެމެރިކާއިން ދީފައިވާ ޙަމަލާތައް އެ ދެ ޤައުމުގެ ސަރުކާރުން ކުށްވެރި ކޮށްފައިވާއިރު, އީރާނުން ވެސް ވަނީ އެ ޙަމަލާތަކާ މެދު ނުރުހުން ފާޅު ކޮށްފައެވެ. އުރުދުންގައި ތިބި އެމެރިކާ ސިފައިންނަށް ޙަމަލާދީފައި ވަނީ އީރާނުން ފަހަތުގައި އޮވެގެން ކަމަށް ބުނެ އެމެރިކާއިން ކުރާ ތުހުމަތުތައް އެ ޤައުމުން އ.ދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަމީރު ސަޢީދު އީރްވާނީ ދޮގު ކުރައްވައެވެ.
"އެ ޙަމަލާތަކުގެ ފަހަތުގައި އޮތީ އީރާން ކަމަށް, އަދި އީރާނުގެ އަސްކަރިއްޔާ ކަމަށް ދައްކަން އެމެރިކާއިން ފަތުރަމުން ދަނީ ކަނޑައެޅިގެން ދޮގު. އެއީ އެއްވެސް ޙަޤީޤަތެއް ނެތް ތުހުމަތުތަކެއް. އެއީ ގަބޫލު ކުރެވޭނެ ވާހަކަތަކެއް ނޫން،" އީރްވާނީ ވިދާޅުވިއެވެ.
އީރާނުގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް އަމަލެއް އެމެރިކާއިން ކޮށްފި ނަމަ, "އެ ކަމާ މެދު ފިޔަވަޅު އަޅަން އީރާނުން ފަސް ނުޖެހޭނެ" ކަމަށް ވިދާޅުވެ, އޭނާ ވަނީ އެމެރިކާއިން އިންޒާރު ވެސް ދެއްވާފައެވެ. ނަމަވެސް, ވައިޓް ހައުސުން ބުނީ, އުރުދުންގައި ދިން ޙަމަލާތަކުގެ ބަދަލު ހިފުމަށް ޢިރާޤާއި ސޫރިޔާއަށް އިތުރު ޙަމަލާތަކެއް ދޭނެ ކަމުގައެވެ.