ކުޅިވަރު

500 ވަނަ ގޯލުން މެސީއަށް ހިތްހަމަޖެހުމެއް ނުލިބުނު


މެސީ ކެރިއަރުގެ 500 ވަނަ ގޯލް ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެ ލީގު ހޯދަން ކުރާ މަސައްކަތުގައި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. ބަލިވުމުގެ ސިލްސިލާއެއް ފެށިފައިވާ ބާސެލޯނާ ރޭ ސްޕެނިޝް ލަލީގާގައި 2-1 ން ވެލެންސިޔާ އަތުން ބަލިވެ، ތާވަލްގެ އެއްވަނައިގައި އޮތް ލީޑް ވަނީ ގެއްލިފައެވެ.

މިއީ ލީގުގައި ވިދިވިދިގެން ބާސާ ވެފައިވާ ތިންވަނަ ބައްޔެވެ. މީގެއިތުރުން ޗެމްޕިއަންސްލީގުގައިވެސް ބަލިވެ، މުބާރާތުން ވަނީ ކަޓާފައެވެ. ރޭގެ މެޗުން ބަލިވުމުން ބާސާއާއި، 2 ވަނައިގައިވާ އެތްލެޓިކޯމެޑްރިޑް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. އަދި ރިއަލްމެޑްރިޑާ ދެމެދު އޮތް ފަރަޤު ވަނީ ޕޮއިންޓަކަށް ކުޑަވެފައެވެ.

ނަމަވެސް ލަނޑު ނުޖެހި ދިޔަ ގިނަ ވަގުތުތައް ނިމުމަކަށް ގެނެސް ރޭގެ މެޗުގައި ބާސާއަށް ލަނޑު ޖަހައިދިނީ މެސީއެވެ. މިއީ އޭނާގެ ކެރިއަރުގެ 500 ވަނަ ލަނޑެވެ. މީގެތެރެއިން 450 ލަނޑު ޖަހާފައިވަނީ ބާސެލޯނާއަށެވެ. ރޭގެ މެޗުގައި ވެލެންސިޔާއަށް ފުރަތަމަ ކުރި ލިބުނީ ރަކިޓިޗް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ވެލެންސިޔާއަށް ލީޑް ހޯދައިދިނީ ސަންތި މިނާއެވެ.