ތ.ބުރުނީ ރައްޔިތުން އެދޭގޮތަށް ރަށް ގިރުމުގެ މައްސަލަ ޙައްލުކޮށްދެއްވާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ބުރުނީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ބުރުނީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމަށް ސަމާލުކަން ދެއްވައިގެން ހައްލު ހޯއްދަވައި ދެއްވާނެކަމަށެވެ. ޚާއްޞަކޮށް ރަށް ގިރުމަކީ އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި، ޢާންމު ދިރިއުޅުމާއި ލޯކަލް ޓޫރިޒަމަށް އެކަމުގެ ސަބަބުން ހުރަސް އެޅޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކައުންސިލްތަކާއި ކުންފުނިތަކާއި އަމިއްލަ ފަރުދުން ބާރުވެރިކުރުމަކީ ސަރުކާރުން އިސްކަން ދެއްވާކަމެއްކަމަށެވެ. ރައީސް ވިދާޅުވީ ރަށުގެ ޓޫރިޒަމާއި ރައްޔިތުންގެ އާމްދަނީ ހޯދުމަށް ހުރަސް އެޅޭ ކަންކަމަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށެވެ. އަދި ރަށް ގިރުމުގެ މައްސަލަ ރައްޔިތުން ބޭނުންވާގޮތަށް ވީހާވެސް އަވަހަށް ނިންމަވާދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރަށްގިރުމުގެ މައްސަލައަށްފަހު ބުރުނީގެ ރައްޔިތުން ދެން އެންމެ ބޭނުންވާ އެއް ކަމަކީ ރަށުގެ ބަނދަރު ބޮޑުކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. ބުރުނީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ކުރީ ސަރުކާރުންވަނީ ސޮއިކޮށްފައެވެ. ނަމަވެސް ޢަމަލީ މަސައްކަތް މިހާތަނަށް ފަށާފައެއް ނުވެއެވެ.
ބުރުނީގެ އިތުރުން އެތައް ރަށެއްގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ނުފެށި ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ހިނގަމުންދާ އަހަރުގެ ބަޖެޓަކީ މިސަރުކާރުގެ އަމިއްލަ ޕްލޭންގެ ތެރެއިން މަޝްރޫޢުތަކަށް ފައިސާ ހިމެނުމަށް ފުރުޞަތު ލިބުނު ބަޖެޓެއް ނޫންކަމަށެވެ.
"ބައިވަރު މަޝްރޫއުތަކެއްގައި ސޮއިކުރެވި ހުއްޓި ނުވަތަ ފަށަންޖެހިފައިވާއިރު ތަރުތީބުކޮށްލަން މިޖެހެނީ. ކައުންސިލާއި ވުޒާރާތަކާ މަޝްވަރާކޮށް ތަރުތީބުކޮށްލީމަ ކުރިއަށް ގެންދަން ވަރަށް ފަސޭހަވާނެ. މިއާއެކު ތިބޭފުޅުން ތި އެދިލައްވާ ކަންކަމަށް އިސްކަން ދޭނަން". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބުރުނީގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެމަނިކުފާނު ވަރަށް ބޭނުންފުޅުވާކަމަށާއި، އެކަމުގައި ކުރިއަށް ދިއުމަށް ސަރުކާރުގެ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެކަމަށެވެ. އެގޮތުން ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ އަދި ނުހިމެނޭ ރަށްތައް ލިބޭ ޤަވާއިދުގެ ދަށުން މި ރަށު ކައިރީގައި ހުރި ރަށްވެސް ކައުންސިލަށް ލިބޭނެކަމަށް ވިދާޅުވެ ރައީސް ވަނީ އެކަމަށް ޕްރޮޕޯސަލް ހުށައެޅުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ބުރުންޏަށް ބޭނުންވާ ކުޑަކުދިންގެ ޕާކާއި އެނޫންވެސް އަސާސީ ކަންކަން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބުރުނީގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ބުރުންޏަށް ތަރައްޤީ ގެނެސްދެއްވާނީ އެރަށުގެ ރައްޔިތުން އެދޭގޮތަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.