ޚަބަރު

މިދިޔަ އަހަރު ޕާސްޕޯޓަށް އެދި ހުށަހެޅި މީހުންގެ އަދަދު %17 އިތުރު


  • މުޅިން އަލަށް 13798 މީހުން ޕާސްޕޯޓް ހެދި

  • ގެއްލިގެން 977 މީހުން ޕާސްޕޯޓު ހެއްދި

2022ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ޕާސްޕޯޓް ހައްދަން ހުށަހެޅި މީހުންގެ އަދަދު %17 އިތުރު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ މިދިޔަ އަހަރު 66528 މީހުން ޕާސްޕޯޓް ހައްދަން ހުށައަޅާފައިވާކަމަށެވެ. 2022 ވަނަ އަހަރު ޕާސްޕޯޓަށް އެދި ހުށައަޅާފައިވަނީ 56799 މީހުންނެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2022ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ޕާސްޕޯޓް ގެއްލިގެން ހުށަހެޅި މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. 2022 ވަނަ އަހަރު ޕާސްޕޯޓް ގެއްލިގެން 796 މީހުން ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ޕާސްޕޯޓް ގެއްލިގެން 977 މީހުންވަނީ ހުށަހަޅާފައެވެ. މިއީ %18.5 އިތުރު އަދަދެކެވެ. ޕާސްޕޯޓް ހަލާކުވެގެންނާއި މައުލޫމާތު ބަދަލުވެގެން އަދި ސަފުހާ ފުރިގެން މިދިޔަ އަހަރު ހުށަހަޅާފައިވަނީ 269 މީހުންނެވެ. އަދި މިދިޔަ އަހަރު މުޅިން އަލަށް 13798 މީހުންވަނީ ޕާސްޕޯޓު ހައްދާފައެވެ.

އިމިގްރޭޝަނުން ގެންދަނީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ޚިދުމަތް ހޯދަންދާ ފަރާތްތަކުގެ އަޑުއަހައި އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދީ، އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށާއި، އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދެވޭނެ މަގު މިދިޔަ މަހުގެ 21 އިން ފެށިގެން ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން މިޚިދުމަތް އިތުރު އަތޮޅުތަކަށް ފުޅާކުރުމަށް ގެންދަނީ މަސައްކަތްކުރަމުންނެވެ.