ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފްލެޓް ލިބޭކަމަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ފޯމުގައި އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓުތައް ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ލަފާ ދީފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން އެހެން ވިދާޅުވީ ފްލެޓުތަކުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރެއްވުމުންނެވެ. އެ ގޮތުން އެ މައްސަލައިގެ ތަހުގީގާ ގުޅޭ ތަފްޞީލް އޭސީސީން ވަނީ ކޮމިޓީއާ ޙިއްޞާ ކުރައްވާފައެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ތަޙްޤީޤުގެ ތެރެއިން ފޯމުތައް އިވެލުއޭޓް ކުރުމަށްފަހު ތަޙްޤީޤަށް ފާހަގަވާ ކަންކަން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާ ޙިއްޞާ ކުރައްވާފައިވާނެ ކަމަށެވެ. އެއަށްފަހު ފޯމުތަކާ މެދު ޢަމަލު ކުރަންވީ ގޮތް ކަނޑައަޅާނީ އެ ވުޒާރާއަކުން ކަމަށާއި އޭސީސީން މަސައްކަތް ކުރާނީ ކޮމިޝަނުގެ ދައުރު ފަހަނައަޅައިގެން ނުދާނެ ގޮތަކަށް ކަމަށް ވިދާޅުވިއެވެ. ޝާމިލް ވިދާޅުވީ ފްލެޓު ދޫކުރުމުގެ ކަންކަން އަވަސްކުރުމަށް ތަހްޤީޤުގައި ފާހަގަކުރެވުނު ކަންކަމުގެ އެހީތެރިކަން ގެދޮރިވެރިކަމާ ބެހޭ ވުޒާރާއިން ބޭނުންވާނަމަ އެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ފްލެޓު ދޫކުރުން ލަސްވެ ބައެއްގެ ޙައްޤު ގެއްލި އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާނަމަ އެކަން އޭސީސީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމިޓީގައި މެންބަރުން ވަނީ އޭސީސީގެ ނަޒާހަތްތެރިކަމާ މެދު ވެސް ސުވާލު އުފައްދަވާފައެވެ. ނަމަވެސް އޭސީސީން ތަހުޤީޤު ކުރިއަށްގެންދިއުމުގައި ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކޮށްފައިވާނެކަން ޝާމިލް ފާހަގަކުރެއްވިއެވެ. އަދި ޝަރުތު ހަމަނުވަނީސް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު އޭސީސީން ޢާންމު ކުރުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭސީސީން ވަނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން %59.6 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން މާލޭގައި ދިއިއުޅޭތާ 15 އަހަރުވެފައިވާ ކަމުގެ ޞައްޙަ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާ ފަރާތްތަކާއި ބައެއް ކައުންސިލްތަކުން ވެސް ދޮގު މައުލޫމާތު ދީފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ކޮމިޓީގައި އޭސީސީން ވިދާޅުވީ ކައުންސިލްތަކުން ދޮގު މަޢުލޫމާތު ހިމަނާފައިވާ ލިޔުންތަކުގައި އޭސީސީގެ މެންޑޭޓުގައި ހިމެނޭ ކަމެއްވާނަމަ އެ ކައުންސިލަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި މެންޑޭޓުގައި ނުހިމެނުނު ނަމަވެސް އެ ކައުންސިލްތަކުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭސީސީގެ ތަޙްޤީޤުން ދައްކާ ގޮތުގައި ފޯމުގައި މައްސަލަ ނެތި ޝަރުތު ހަމަވަނީ %19.7 މީހުންނެވެ. އަދި %20.7 މީހުންގެ ޝަރުތު ހަމަވި ނަމަވެސް ފޯމުގައި މައްސަލަތައް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އެ ތަހުގީގަށް ޖުމްލަ 4048 ފޯމުގެ މައުލޫމާތު އޭސީސީން ވަނީ ބަލައިފައެވެ. ތަޙްޤީޤަށް ފާހަގަކުރެވުނު ކަންކަމާ ގުޅިގެން ގިނަ ފަރާތްތަކުގެ ޙައްގު ގެއްލުމުގެ އިހުތިމާލު އޮތްކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.