ޚަބަރު

ފްލެޓް ދޫކުރެވޭނީ އޭސީސީން ދޭންޖެހޭ މަޢުލޫމާތު ލިބުމުން: ހައުސިންގ


  • އޭސީސީން ބުނަނީ ފްލެޓްތައް ދެވޭނެކަމަށް

  • ވުޒާރާއިން ވިދާޅުވީ އޭސީސީން ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށްދީފައިނުވާކަމަށް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ކުރެވޭނީ އެކަމުގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން އޭސީސީން ހިންގާފައިވާ ތަޙުގީގާގުޅޭ އިތުރު މަޢުލޫމާތު ލިބުމުންކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން މިހެން ވިދާޅުވެފައި މިވަނީ ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލަތައް ބަލާ އެކަމުގައި ހިމެނޭ މައްސަލަ ނެތް ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިމައްސަލައާއި ގުޅިގެން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ މިމައްސަލައައިގައި އޭސީސީން ކުރިއަށްގެންދާ ތަޙުގީގުގެ ފުރަތަމަ މަރުޙަލާ ނިންމާ ކޮމިޝަންގެ ހޯދުންތައް މިމަހުގެ ފުރަތަމަ ދުވަހު އެވުޒާރާއާ ހިއްސާކުރައްވާފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން މިމަހުގެ 4 ވަނަ ދުވަހު އޭސީސީއާއި އެވުޒާއާއިން ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ތަޙުގީގުގެ އިތުރު މައުލޫމާތު ހިއްސާކޮށްދެއްވާނެކަމަށް އޭސީސީއިން ވިދާޅުވެފައިވާތީ ފްލެޓުތައް ދޫކުރުމުގެ މަސައްކަތް ކުރެވޭނީ އެމަޢުލޫމާތުތައް ލިބިގެންކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ގެދޮރުވެރިޔާ ސްކީމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭކަމަށް ބުނެ ގިނަބައެއްގެ ޝަކުވާތަކެއް ލިބުމާއި ގުޅިގެން އޭސީސީއިން ވަނީ ފްލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް އަންގާފައެވެ. އަދި މިކަމާއި ގުޅިގެން ހިންގި ތަހުގީގުގެ ފުރަތަމަ މަރުޙަލާ ނިމިފައިވާއިރު މިމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް އޭސީސީ ވަނީ ހާޒިރުކޮށްފައެވެ. އެކޮމިޓީގައި އޭސީސީއިން ވަނީ މައްސަލައިގެ ތަޙުގީގަށް ފާހަގަވީ ކަންކަމުގެ ތަފްސީލު ހިއްސަކޮށްފައެވެ.

އެގޮތުން ފްލެޓް ލިބުނު މީހުންގެ ތެރެއިން %59.6 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް އޭސީސީން ކޮމިޓީގައި ވިދާޅުވިއެވެ. އޭގެތެރޭގައި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ކަމުގެ ޞައްޙަ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާ ފަރާތްތައް ހިމެނޭކަމަށް އޭސީސީން ބުނެއެވެ.

ކޮމިޓީގައި އޭސީސީން ވިދާޅުވީ ކައުންސިލްތަކުން ދޮގު މަޢުލޫމާތު ހިމަނާފައިވާ ލިޔުންތަކުގައި އޭސީސީގެ މެންޑޭޓުގައި ހިމެނޭ ކަމެއްވާނަމަ އެ ކައުންސިލަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި މެންޑޭޓުގައި ނުހިމެނުނު ނަމަވެސް އެ ކައުންސިލްތަކުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.