ޚަބަރު

ޕާކިސްތާނުގެ އިންތިޚާބާ ދިމާކޮށް މޮބައިލް ފޯނުގެ ޚިދުމަތް ކަނޑައިލާ ބޯޑަރުތައް ބަންދުކޮށްފި


ޕާކިސްތާނުގެ ޢާންމު އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު, ސަލާމަތީ ފިިޔަވަޅެއްގެ ގޮތުން މޮބައިލް ފޯނާއި އިންޓަރނެޓުގެ ޚިދުމަތްތައް މެދުކަނޑައިލާ, އަފްޣާނިސްތާނާއި އީރާނާ ގުޅޭ ސަރަޙައްދީ ރޮނގު ބަންދު ކޮށްފިއެވެ. ޕާކިސްތާނުގައި ވޯޓުލުން ފަށާފައި މި ވަނީ ހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި, އެންމެ ފަހުން ބޭއްވި ޢާންމު އިންތިޚާބުގައި ކާމިޔާބީ ހޯއްދެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބޮޑު ޖަލު ހުކުމެއް އިއްވާފައިވާ ވަގުތެއްގައެވެ.

މޯބައިލް ފޯނުގެ ޚިދުމަތްތައް މެދުކަނޑައިލާ, ސަރަޙައްދީ ހުރަސްތައް ބަންދު ކުރުމާ އެކު, ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަ ކޮށްފައެވެ. މި ގޮތުން, ވޯޓުލާ މަރުކަޒުތައް ހުންނަ ސަރަޙައްދުތަކުގައި ފުލުހުުންގެ އިތުރުން އެތަކެއް ހާސް ސިފައިން ދަނީ ފޯރިމަރަމުންނެވެ.

"މިއީ, އިންތިޚާބާ ދިމާކޮށް ދީފައިވާ ޓެރެރިސްޓު ޙަމަލާތަކާ ގުޅިގެން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކެއް. މި ވަގުތު އެންމެ އިސްކަމެއް ދީފައި ވަނީ އަމަންއަމާން ކަން ދެމެހެއްޓުމަށް،" ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން ދިޔަ ދަނޑިވަޅުގައި, ފެބުރުވަރީ 7 ވަނަ ދުވަހު ދެ ސަރަޙައްދެއްގައި ބޮމުގެ ޙަމަލާތަކެއްދީ, 26 މީހަކު ވަނީ މަރައިލާފައެވެ. ބޮންތަކެއް ގޮއްވައިލާފައި ވަނީ އެ ޤައުމުގެ ހުޅަނގު ދެކުނުގައިވާ ބަލޫޗިސްތާން ޕުރޮވިންސުގައެވެ. މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭން އޮފީސްތަކަށެވެ.

ބޮމުގެ ޙަމަލާތައް ތަޙުޤީޤު ކުރަމުންދާ އިދާރާތަކުން ބުނީ ފުރަތަމަ ބޮން ގޮއްވައިލާފައި ވަނީ ބަލޫޗިސްތާނުގެ ޕިޝީން ޑިސްޓްރިކްޓުގައި ކަމަށެވެ. އިންތިޚާބުގައި ވާދަ ކުރައްވާ މިނިވަން ކެނޑިޑޭޓެއްގެ ކެމްޕޭން އިދާރާއެއް ކައިރީގައި ދީފައިވާ އެ ޙަމަލާގައި 14 މީހުން މަރުވިއެވެ. އެ ޙަމަލާގައި 24 ވަރަކަށް މީހުން ޒަޚަމުވި ކަމުގައި ޚާންޒެއި ހަސްފަތާލުން ބުނެއެވެ.

ދެވަނަ ބޮން ގޮއްވައިލާފައި ވަނީ ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޤިލާ ސައިފުاللهގައެވެ. އެ ޙަމަލާގައި 12 މީހުން މަރުވެ އިތުރު 25 މީހުން ޒަޚަމުވިއެވެ. ބޮން ގޮއްވައިލާފައި ވަނީ ޖަމީޢަތު އުލެމާ އިސްލާމް (ޖޭޔޫއައި)ގެ އިދާރާ ކައިރީގައެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ނަމުގައި މޯބައިލް ފޯނުގެ ޚިދުމަތްތައް މެދުކަނޑައިލުމުން ޕާކިސްތާނުގެ ސަރުކާރަށް ވަނީ ނުރުހުން އަމާޒުވެފައެވެ. މި ގޮތުން, ޕާކިސްތާން ޕީޕަލްސް ޕާޓީގެ ލީޑަރު ބިލާވަލް ބުއްޓޫ ޒަރްދާރް ވަނީ, މިއީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ވިދާޅުވެ, އެ ޚިދުމަތް އަލުން ގުޅައިދިނުމަށް ސަރުކާރަށް ގޮވައިލައްވާފައެވެ. މި މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީން ވެސް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. މި ކަމާ ގުޅޭ ގޮތުން ޕާކިސްތާނުގެ އިންތިޚާބީ އިދާރާގެ އިސްވެރިޔާ ސިކަންދަރް ސުލްޠާން ރާޖާ ވިދާޅުވީ, މޮބައިލް ފޯނުގެ ޚިދުމަތްތައް ކަނޑައިލަން ނިންމާފައި ވަނީ ސަލާމަތީ ބާރުތަކުން ކަމުގައެވެ. ވޯޓުލާ މީހުން ވެސް ވަނީ މި ކަމާ ގުޅިގެން ނުރުހުން ފާޅު ކޮށްފައެވެ.