ޚަބަރު

ޑީއެސްސީއެސް ކޮލެޖުގެ ވޯލް އޮފް ފޭމަށް ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް


  • ޑީއެސްސީއެސް ކޮލެޖަކީ އަސްކަރީ ތަމްރީނުދޭ ސްރީ ލަންކާގެ ކޮލެޖެއް

  • ސީޑީއެފް ޢަބްދުއްރަޙީމަކީ ޑީއެސްސީއެސް ކޮލެޖުގެ ގްރެޖުއޭޓެއް

  • ސީޑީއެފް ޢަބްދުއްރަޙީމާއި އެމްއެންޑީއެފްގެ ވަފުދެއް ސްރީ ލަންކާއަށް ވަޑައިގެންނެވީ މި މަހުގެ 7ގައި

ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖް، ޑީސީސީއެސްގެ ވޯލް އޮފް ފޭމްގައި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ހިމަނުއްވައިފިއެވެ.

ޑީއެސްސީއެސް ކޮލެޖަކީ އަސްކަރީ ތަމްރީނުދިނުމާއި ސިފައިން ތަމްރީނުކުރުމަށް ސްރީ ލަންކާގައި ހިންގާ ކޮލެޖެކެވެ. އެ ކޮލެޖުގެ ވޯލް އޮފް ފޭމްގައި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް ހިމަނުއްވާފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ އިސްބޭފުޅުންގެ ވަފުދެއް ސްރީ ލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ދަތުރުފުޅަކީ ޑީއެސްސީއެސްގެ ކޮމާޑެންޓް މޭޖަރ ޖެނެރަލް ލަސަންތާ ރޮޑްރިގޯގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ ޑީއެސްސީއެސް ކޮލެޖުގެ ގްރެޖުއޭޓެކެވެ. އެ ގޮތުން އެ މަނިކުފާނު ވަނީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުން 2010 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް އެ ކޮލެޖުގައި ތަމްރީން ފުރިހަމަކުރައްވައިފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުއްރަޙީމް ވޯލް އޮފް ފޭމްގައި ހިމަނުއްވާފައިވަނީ އެ ކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އަދި ކޮލެޖުގެ ވޯލް އޮފް ފޭމްގައި ބަހައްޓާއި ފޮޓޯ ޗީފް އޮފް ޑިފެންސްފޯސް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ އެ ރަސްމިއްޔާތުގައި އިފްތިތާޙް ކޮށްދެއްވާފައެވެ.

އެމްއެންޑީއެފްގެ އިސް ބޭފުޅުން ވަނީ އެ ދަތުރުފުޅުގައި ސްރީ ލަންކާގެ އަސްކަރިއްޔާގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސްރީ ލަންކާއާ ގުޅިގެން ދިފާޢީ ދާއިރާގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހުރި އެކި ދާއިރާތަކާއި އިސްތިރާޖީ ގުޅުން ވަރުގަދަކޮށް ދެ ޤައުމުގެ ސިފައިންގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ސްރީ ލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ދެ އަސްކަރިއްޔާގެ ދެމެދު އޮތް ގުޅުން ބަދަހިވެގެންދާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފްގެ އިސްބޭފުޅުންގެ ވަފުދު ސްރީ ލަންކާއަށް ވަޑައިގެންފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.