ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވީ ކަރަންޓު ނަރުތަކެއްގައި ރޯވެގެންކަމަށާއި އެމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އަލީ އިޙްސާން މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު މި ހާދިސާއާ ގުޅިގެން ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން ސޯޝަލް މީޑީއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށެވެ.
އެއްވެސް މީހަކަށް މިމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވާފައި ވީނަމަވެސް 5 ސެޕްޓެމްބަރ 2026 ވީ ހޮނިހިރު ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އެމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާކަމަށެވެ.
ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށާއި…
— Minister of Homeland Security, Labour & Technology (@min_mohst) September 6, 2026
އެހެންކަމުން އެމައްސަލާގައި ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރައްވައި، ތަހުޤީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ފުލުހުންގެ ޚިދުމަތަށް ދަންނަވާފައިވާކަމަށް ވަޒީރު ވިދާލުވިއެވެ. ވަޒީރު ވިދާޅުވީ ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުޤީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ހުށަހަޅުއްވާފައިވާނެކަމަށް ވިދާޅުވިއެވެ.
12 ޑިސެމްބަރ 2024ގައި ރޯވެފައިވަނީ ގެދޮރުވެރިކަމާބެހޭ ވުޒާރާގެ އިތުރުން އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އަދި ތިމާވެއްޓާބެހޭ ވުޒާރާ ހިންގި އިމާރާތުގައެވެ.
މި ހާދިސާގައި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި އަލިފާނުގެ ހަދިސާ ހިންގި ކޮށީގައި ހިންގަމުން ދިޔަ މާލެ ސިޓީ ކައުންސިލުގެ ބަޔަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ.